ކުޅިވަރު / ރިޕޯޓް

ވަކި އެވީ ހީބިހި ނަގާވަރުގެ އުފާވެރި ކާމިޔާބީތަކެއްގެ ހިއްސާދާރެއް

ސާންތި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި މަސައްކަތްކުރިއިރު ކުޅުންތެރިންނަށް އިރުޝާދު ދެނީ.

މަޖީދިއްޔާ ސްކޫލުގެ ފުޓްބޯޅަ ޓީމުގައި އޭނާ ވަރަށް ވިދާލި އެވެ. އެހެންވެ، ސްކޫލް ދައުރަށް ފަހު ނުކުތީ ގަލޮޅު ދަނޑަށެވެ. ޔޫތު ސްޕޯޓްސް ކްލަބުގެ ޖާޒީގަ އެވެ. ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ގެ ކޯޗުކަމުގަ އެވެ. އަލީ އުމަރާއި ވިލްދާން މުހައްމަދާއި އައްސަދު އަބްދުލްޣަނީ ފަދަ ކުޅުންތެރިންނާ އެކު އެވެ.

އެކަމަކު، ވަކި ހިސާބަކުން އޭނާ އަށް އެއް ކަމެއް ޔަގީންވި އެވެ. އެއީ އޭނާގެ ކުޅުމުގެ ހުނަރު ހުރީ ގައުމީ ފެންވަރުގައި އެންމެ މައްޗަށް ދެވޭ ހިސާބަކު ނޫން ކަމެވެ. އެހެންވެ، ވަރަށް ހަގު އުމުރެއްގައި ނިންމީ ކުޅުން ހުއްޓާލައި، ކޯޗިންގެ ތެރެއަށް ނުކުންނާށެވެ. އެ ނިންމުންވީ ދިވެހި ފުޓްބޯޅަ އަށް ލިބުނު ވަރަށް ބޮޑު ނަސީބަކަށެވެ. އޭނާގެ ކޯޗިންގެ ހިއްސާއާ އެކު، ރާއްޖޭން ފުޓްބޯޅައިން ކުރިން ނުހޯދޭހާ ބޮޑެތި ކާމިޔާބީތަކެއް ހޯދި އެވެ. ހުނަރުވެރި އެތައް ކުޅުންތެރިންނެއް އުފެއްދި އެވެ.

ސާންތި މަޖީދިއްޔާ ސްކޫލުގެ ފުޓްބޯޅަ ޓީމާ އެކު ހޯދި ކާމިޔާބަކަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން.

އެ ކުޅަދާނަ، ގާބިލް، ހުނަރުވެރި ކޯޗު އިހުސާން އަބްދުލްގަނީ (ސާންތި) ވަނީ ރޭ، އުމުރުން 51 އަހަރުގައި އަހަރެމެންނާ ވަކިވެފަ އެވެ. ކެންސަރު ބަލީގެ ވޭނާ އެކު، ކުރި ދެ އަހަރެއްހާ ދުވަހުގެ ހަނގުރާމަ އަށް ފަހު އެވެ. އެކަމަކު، ސާންތި ދިވެހި ކުޅިވަރަށް، ހާއްސަކޮށް ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތްތަކަށް ނިމުމެއް ނެތެވެ. އެ ހިދުމަތްތައް ދިވެހި ކުޅިވަރުގެ ތާރީހުގައި ވަނީ ލިޔެވި، ކަނޑާނެގިފަ އެވެ.

ގައުމީ ޓީމަށް ނުވަދިހައިގެ އަހަރުތަކުގައި ކޯޗު ކޮށްދިން ރޫމޭނިއާގެ ވިކްޓަ ސްޓެންކުލެސްކޫގެ ލަފާގެ މަތިން، ކޯޗިން ކޯހެއް ފުރިހަމަކޮށް، އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓާ ގުޅުނު ސާންތި، ކޯޗިންގައި އެންމެ ފުރަތަމަ ވެސް އެޅީ ގައުމީ ޓީމުގެ ތޮއްޕެވެ. އެފްއޭއެމުން އޭނާ އަށް 2001 ވަނަ އަހަރު ދިނީ ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމު ތައްޔާރުކުރަމުން ދިޔަ ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒުގެ އެސިސްޓަންޓެއްގެ ވަޒީފާ އެވެ.

ގައުމީ ޓީމުގައި ސާންތިގެ ފުރަތަމަ މުބާރާތްވީ، ރާއްޖޭން ވަރަށް ހާއްސަ ނަތީޖާއެއް ނެރުނު މުބާރާތަކަށެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އޭގެ ކުރިން އީރާން އަތުން 17 ލަނޑުން ބަލިވި ރާއްޖެ، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ފުރަތަމަ މޮޅު ހޯދީ އެ ފަހަރެވެ. މާލޭގައި ކެމްބޯޑިއާ އަތުން 6-0 އިން މޮޅުވެ، ހުރިހާ ދިވެހީން ހެއްވާލިއިރު، އެ ޓީމުގައި، ސާންތިއާ އެކު ޔޫތަށް ކުޅުނު ކުޅުންތެރިން ތިއްބެވެ. ރާއްޖޭގެ ފުރަތަމަ ގޯލު ވައްދާލީ ސާންތިގެ ކެޕްޓަންކަމުގެ ދަށުން ޔޫތުން، ކެރިއަރު ފެށި އަލީ އުމަރެވެ.

ސާންތި (12) ޔޫތު ސްޕޯޓްސް ކްލަބުގެ ފުރަތަމަ އެގާރައިގެ ގްރޫޕް ފޮޓޯއެއްގައި.

އޭގެ ފަހުން، 2003 ގައި ޔަންކޭޒްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ސާންތި ދިޔައީ އޭނާގެ އަލަތު ސާފް ޗެމްޕިއަންޝިޕަށެވެ. ބަންގްލަދޭޝްގައި އޮތް އެ މުބާރާތަކީ، ރާއްޖޭން އެހާތަނަށް ސަރަހައްދީ ތަށްޓާ އެންމެ ކައިރި އަށް ދެވުނު ފަހަރެވެ. އެކަމަކު، ފައިނަލުން ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވީ އެވެ. އެ މުބާރާތަށް ފަހު ޔަންކޭޒް ދިއުމުން، ދެން ހަވާލުވި ޕޯޗުގަލްގެ މެނުއަލް ގޯމޭޒްގެ އެއް އެހީތެރިޔަކަށް ވެސް އެފްއޭއެމުން ހަމަޖެއްސީ ސާންތި އެވެ.

އެއީ އަނެއްކާ ވެސް ގައުމީ ޓީމުން ތާރީހީ ނަތީޖާއެއް ނެރުނު ދައުރެކެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2004 ވަނަ އަހަރު، ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖޭން އެއްވަރުކުރީ އެވެ. އޭގެ ކުރީ ވޯލްޑް ކަޕުގެ ހަތަރު ވަނަ، އަދި އޭރު އޭޝިއާގެ އެއް ވަނައިގައި އޮތް ކޮރެއާއާ ރާއްޖެ އެއްވަރުކުރުމަކީ، އެންމެ މެޗަކަށް ބަލާ ނަމަ ދިވެހި ފުޓްބޯޅަ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެކެވެ. އެ ނަތީޖާ ނެރެން ގޯމޭޒް ރޭވި ގޭމްޕްލޭން އެކުލަވާލުމުގައި ސާންތިގެ ހިއްސާ ވަރަށް ބޮޑެވެ.

ގޯމޭޒަށް ފަހު، ދެ އަހަރެއްހާ ދުވަހު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ގައުމީ ޓީމަށް ކޯޗުކޮށްދީ، 2005 ގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ގެންގޮސްދިން އިރު ވެސް ސާންތި އަކީ އެސިސްޓެންޓެވެ. އެކަމަކު، ގައުމީ ޓީމުގައި ސާންތިގެ އެންމެ ބޮޑު މަސައްކަތް ފެށުނީ 2007 ގައި އަނެއްކާ ވެސް ޔަންކޭޒް ގެނައުމުންނެވެ. އެފްއޭއެމުން އޭނާ ދެ ވަނަ ފަހަރަށް ގެނައީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ ބޮޑު ޓާސްކް ހަވާލުކޮށްފަ އެވެ. އެ މަސައްކަތުގައި ޔަންކޭޒް އޭނާގެ އެންމެ ބޮޑު އެސެޓަކަށް ބެލީ ސާންތި އެވެ. އެއީ ކުރިން ވެސް އޭނާއާ އެކު މަސައްކަތްކުރި އަދި އޭރު ތިބި ކުޅުންތެރިންނަށް ވެސް ފަރިތަ މީހަކަށް ވުމުންނެވެ.

ސާންތި (12) ކުޅުނު ދުވަސްވަރުގެ ފޮޓޯއެއް.

ޔަންކޭޒަކީ ވަރަށް ބޮޑަށް ތައްޔާރުވާ، އަދި އޭނާގެ ޓްރެއިނިން ޕްލޭނާއި ގޭމްޕްލޭނާއި ކުޅުންތެރިންގެ ޝެޑިއުލް ގަނޑަށް ތިރިކުރާ މީހެކެވެ. އޭނާ އެ މަސައްކަތް ހަވާލުކުރީ ސާންތިއާ އެވެ. އެހެންކަމުން ސާންތި ވެގެން ދިޔައީ، އެސިސްޓެންޓް ކޯޗެއްގެ އިތުރުން ގައުމީ ޓީމުގައި ކޯޗުގެ އެޑްމިނިސްޓްރޭޓަރަށް ވެސް މެ އެވެ. އަދި ކުޅުންތެރިންނަށް ބޭނުންވާ ކަންކަން ކޯޗުގެ ފަރާތުން އެފްއޭއެމާ ހަމަޔަށް ގެންގޮސްދޭން ހުރީ ވެސް ސާންތި އެވެ.

"ކޯޗު ގަބޫލުކުރާ ގޮތުގައި ކުޅުންތެރިންނަކީ ވެޕަން. ކުޅުންތެރިންގެ އެއްވެސް ކަމެއް ހަމަނުޖެހި އޮވެގެނެއް ނުވާނެ،" ސާންތީ ބުނެފައިވެ އެވެ.

އެކަމަކު ސާންތި ކުރީ ހަމައެކަނި އެ ކަންތަކެއް ވެސް ނޫނެވެ. ކޮންމެ ޓްރެއިނިން ސެޝަނަކަށް ފަހު، އޭނާ ކުޅުންތެރިންގެ ރިޕޯޓެއް ނަގައި ކޯޗަށް ދެ އެވެ. ޓްރެއިނިންގައި ކުޅުންތެރިންގެ މަސައްކަރުގެ ރޭޓު ހުރި ވަރާއި ކުޅުންތެރިން ނަފުސާނީ ގޮތުން ތިބީ ކޮން ހާލަތެއްގައިތޯ ބަލައި، އެކަންކަން ވެސް ކޯޗަށް ދެ އެވެ. އަދި ކޮންމެ މެޗަކަށް ވެސް އެހާމެ ތަފްސީލީ ރިޕޯޓެއް ކޯޗަށް ފޯރުކޮށްދެ އެވެ. އެކަންކަންވީ ޔަންކޭޒަށް އޭނާގެ ވަޒީފާ އަދާކުރަން ލިބުނު ވަރަށް ބޮޑު ފަސޭހައަކަށެވެ.

ސާންތި (މ) 1999 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި އީގަލްސްގެ ޖާޒީގައި ނިއުއާ ދެކޮޅަށް ކުޅެނީ.

ހަމައެކަނި އެއެއް ވެސް ނޫނެވެ. ސާންތި އަކީ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުންތެރިން ދިފާއުކުރާ އައްޑަނަ ވެސް މެ އެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ، ސާފް ޗެމްޕިއަންޝިޕުގެ ކުރިން 2008 ވަނަ އަހަރުގެ އޭޕްރީލް މަހު އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ލުބްނާން އަތުން 2-1 އިން ރާއްޖެ ބަލިވި މެޗަށް ފަހު އެވެ. އެ މެޗުގައި ސަޕޯޓަރުން ރުޅިގަދަވެ ބައެއް ކުޅުންތެރިންނާ ދިމާލަށް ހަޅޭއްލަވައި ނުރުމުގެ ބަސްތައް އަމާޒުކުރި އެވެ. އެހެންވެ މެޗަށް ފަހު ސާންތި ނޫސްވެރިން ކައިރި އަށް ގޮސް ބުނީ، ބަލިވުމުގައި ކުޅުންތެރިންގެ މައްސަލައެއް ނެތް ކަމަށާއި، ފާޑުކިޔަންވީ ކޯޗިން ސްޓާފުންނަށް ކަމަށެވެ.

"ސާންތި އަކީ މީޑިއާއާ ދުރު މީހެއް. އެކަމަކު އެ ދުވަހު އަމިއްލަ އަށް އައިސް އެ ވާހަކަ ޖަހައިދޭން ނޫސްވެރިން ގާތު އެދުނު،" ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ބުންޏެވެ.

"ސާންތި ބޭނުންވީ، ސާފް ޗެމްޕިއަންޝިޕް ފަދަ މުހިއްމު މުބާރާތެއް ކުރިއަށް އޮތުމުން ކުޅުންތެރިންނަށް ހިމާޔަތެއް ދޭން."

އެއީ ސާންތި އާއި ގައުމީ ޓީމުގެ އަނެއް އެސިސްޓަންޓް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަށް ވެސް ވަރަށް އެހެން ކަހަލަ ޕްރެޝަރެއް ވެސް ކުރިމަތިވެފައި އޮތް ދުވަސްވަރެކެވެ. ސާންތި އާއި މޯހަންގެ ކިބައިގައި ކްލަބް ލެވެލްގެ ތަޖުރިބާ ނެތް ކަމަށް ބުނެ ބައެއް ދިވެހި ކޯޗުން، ވަނީ ސާފް ޗެމްޕިއަންޝިޕުގެ ކުރިން، އެ ދެ ކޯޗުން ބަދަލުކުރަން އެފްއޭއެމަށް ފިއްތުންތައް ކުރިމަތިކުރުވި އެވެ.

ސާންތި (ވ-2) ކޯޗު ޔަންކޭޒް (ކ-2) އާއި މެނޭޖަރު ހާނިމް (ކ) އަދި އެސިސްޓަންޓް ކޯޗު މޯހަންއާ އެކު 2008 ގެ ސާފް ޗެމްޕިއަންޝިޕުގެ މެޗެއް ކުރިން.

އެކަމަކު ޔަންކޭޒް އެފްއޭއެމުގައި ބުނީ، އެ ދެ ކޯޗުން ވަކިކޮށްފި އޭނާ މަގާމުން އިސްތިއުފާ ދޭނެ ކަމަށެވެ. އެ ހިސާބުން ޔަންކޭޒް ވަކިކުރަން ވެސް ބައެއް މީހުން ގޮވާލި އެވެ. އެކަމަކު އެފްއޭއެމް އޮތީ ޔަންކޭޒް ދޫކޮށްލާ ގޮތަކަށް ނޫނެވެ. ޔަންކޭޒް ހުރީ ސާންތި ދޫކޮށްލާ ގޮތަކަށް ނޫނެވެ. އޭނާ އަކީ ފުރަތަމަ ދުވަހުން ފެށިގެން ޔަންކޭޒް އެންމެ އިތުބާރުކުރާ އޭނާގެ އެސިސްޓަންޓެވެ.

އޭގެ މަހެއްހާ ދުވަސް ފަހުން މާލެ އާއި، ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ކުޅުންތެރިން ތައްޔާރުކުރުމުގެ ބުރަ މަސައްކަތް ސާންތި ހިމެނޭހެން ކޯޗިން ސްޓާފުން ކުރީ އެފަދަ އުނދަގޫ ހާލަތެއްގައި ތިބެ އެވެ. އެކަމަކު ހިތްވަރަށް އެއްވެސް ބަދަލެއް ނާދެ އެވެ. ނަތީޖާ ވަރަށް ފޮންޏެވެ. ރާއްޖެ އަށް ފުރަތަމަ ފަހަރަށް ސަރަހައްދީ ޗެމްޕިއަންކަން ލިބުނީ އެވެ. ވާދަވެރި ސްރީ ލަންކާ، އެ މީހުންގެ އަމިއްލަ ގައުމުގައި ބަލިކޮށް ފައިނަލަށް ގޮސް، ތަށި އުފުލާނީ ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާ ބަލިކޮށްފަ އެވެ. އެއީ މުޅި ގައުމު އެކަތިގަނޑަކަށް ހަދައިދިން ކާމިޔާބެކެވެ. ފަހުގެ ތާރީހެއްގައި ދިވެހީންނަށް ލިބުނު އެންމެ އުފާވެރި އީދެވެ.

އެކަމަކު، އެ ކާމިޔާބަށް ފަހު ސާންތި މަޑުމަޑުން ގައުމީ ޓީމާ ދުރަށް ދިޔަ އެވެ. އެކަމަކު ފުޓްބޯޅައާ ނޫނެވެ. އެ ދުވަސްވަރު އޭނާ އަށް އޭއެފްސީގެ 19 އަހަރުން ދަށުގެ ޓެކްނިކަލް ސްޓަޑީ ގްރޫޕުން ވެސް ފުރުސަތު ލިބުނެވެ. އެއީ ދިވެއްސަކަށް، ބައިނަލްއަގްވާމީ މުބާރާތަކުން ލިބުނު އެފަދަ ފުރަތަމަ ފުރުސަތެވެ. އެ ހުރިހާ ކަމަކާ އެކު ވެސް ސާންތި އަށް ބައެއް ފަރާތްތަކުން ކިޔާ ފާޑެއް އޮވެ އެވެ. ކްލަބް ލެވެލްގައި ކޯޗިންގެ މަސައްކަތް ނުކުރާތީވެ އެވެ. އޭނާ ދެން ނުކުތީ އެކަމަށެވެ. އޭނާ ކާމިޔާބީ މީހެއްގެ ފަހަތުގައި ހުރެގެން ކުރާ މަސައްކަތުގައި ނޫން ކަމާއި، އެކަނި މަސައްކަތުން ވެސް ޓީމެއް ބިނާކޮށް ކާމިޔާބު ހޯދައިދެވިދާނެކަން ސާބިތުކޮށްދޭށެވެ.

ސާންތި އީގަލްސްއާ އެކު ޕްރެޒިޑެންޓްސް ކަޕް އުފުލާލުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން.

އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން އެންމެ ފަހުން ކުޅުނު ކްލަބް ކަމަށްވާ، އީގަލްސްގެ ކޯޗުކަމާ ހަވާލުވީ 2012 ވަނަ އަހަރެވެ. ފުރަތަމަ ސީޒަނުގައި ވެސް އޭނާ ތަފާތު ދެއްކި އެވެ. އެފްއޭ ކަޕުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނެވެ. މާޒިޔާ އަތުން 2-1 އިން ބަލިވި ނަމަވެސް، އީގަލްސް ފަދަ ޓީމަކަށް އޭރު އެއީ ވަރަށް ބޮޑު ކާމިޔާބެކެވެ. ހާއްސަކޮށް، ސެމީ ފައިނަލުން ނިއު ރޭޑިއަންޓް ކަޓުވާލެވުމުންނެވެ. އެ ސީޒަނުގައި ނިއު ބަލިވި ހަމައެކަނި މެޗަކީ އެއީ އެވެ.

އެންމެ ސީޒަނަކަށް ފަހު އީގަލްސް އިން ވަކިވެ ސާންތި އަނެއްކާ ވެސް މިސްރާބު ޖެހީ ގައުމީ ޓީމާ ދިމާލަށެވެ. މި ފަހަރު ފުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑްކޯޗުގެ މަގާމެވެ. އެކަމަކު، ގައުމީ ޓީމުގެ އެ މުބާރާތަށް ފަހު، އީގަލްސްގެ އެދުމުގެ މަތިން 2013 ވަނަ އަހަރު އަލުން އެ ޓީމާ ހަވާލުވި އެވެ. މި ފަހަރު މުޅިން ޒުވާން ކުޅުންތެރިންނާ އެކު ތަފާތު ޕްރޮޖެކްޓަކާ އެކު އެވެ. ސާންތި ބޭނުންވީ ޒުވާން ކުޅުންތެރިން ކުރިއަރުވައި ޓީމެއް ބިނާކޮށް ކާމިޔާބު ހޯދާށެވެ.

އެ ޕްރޮޖެކްޓުގެ ދެ ވަނަ އަހަރު، 2014 ގައި ގައުމީ ފައިނަލަށް އީގަލްސް ގެންގޮސްދިނެވެ. އެކަމަކު ނިއު އަތުން 1-0 އިން ބަލިވީ އެވެ. އެހެންވިޔަސް ސާންތި އަށް ޓީމާ މެދު އިތުބާރު އޮތެވެ. އަދި މަސައްކަތުގައި ދެމި ހުރެ 2016 ވަނަ އަހަރު ޓީސީ 1-0 އިން ބަލިކޮށް އީގަލްސް އަށް ގައުމީ ތަށި ހޯދައިދިނެވެ. އެއީ އީގަލްސް އަށް ލިބުނު ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ތަށްޓެވެ. ސާންތި ބުނީ ފުޓްބޯޅައިގައި އެންމެ އުނދަގޫ ކަމަކީ، ކުދިކުދި ޓީމުތައް ބިނާކުރުން ކަމަށާއި، އެކަމަކު އެފަދަ ޓީމަކާ އެކު ތަށި ލިބުމުން އުފާ ދެގުނަ ވާ ކަމަށެވެ.

"މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމަކާ ހަވާލުވެގެން ތަށްޓެއް ހޯދުމަށް ވުރެ މާއުފާވާނެ މިގޮތަށް ޓީމެއް ބިނާކޮށްގެން ކާމިޔާބު (ލިބުމުން)،" ސާންތި ބުނެފައިވެ އެވެ.

ސާންތި (ވ) 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ކާމިޔާބަށް ފަހު މާލެ އައުމުން އޮތް ރަސްމިއްޔާތުގައި ގޯލްކީޕަރު އިމްރާން (ކ) އާއި އޭނާގެ ދަރިފުޅާ އެކު.

އީގަލްސް އިން ވެސް ސާންތިގެ އެ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަތެވެ. މާފަންނުކޮޅުގެ ޒުވާނުންތަކެއް އެކުވެގެން ހެދި ކްލަބެއް ކަމަށްވާ އީގަލްސް އެހާތަނަށް މަޝްހޫރުވެފައި އޮތީ ތަށްޓެއް ނުލިބޭ އެންމެ މޮޅު އެއް ޓީމުގެ ގޮތުގަ އެވެ. އެކަން ބަދަލުކޮށްދިނީ، އޭގެ ކުރިން ކްލަބް ލެވެލްގެ އެއްވެސް ތަޖުރިބާއެއް ނެތް ސާންތި އެވެ. ހަމައެކަނި ތަށި ހޯދައިދިނީ އެއް ވެސް ނޫނެވެ. އަހުމަދު އިމާޒް (އާއްކޮ) އާއި އިބްރާހިމް މުބީން (މުއްކި) އާއި އަހުމަދު ރިޒްވާން (ރިޒޭ) އާއި ޔަސްފާދު ހަބީބް (މުލަކޭ) އާއި އަހުމަދު ނޫމާން (ހެލްމެޓް) ފަދަ އެތައް ޒުވާން ކުޅުންތެރިންނެއް ވެސް ނެރެދިނީ އެވެ. ނަތީޖާ ނެރުމާ އެއްވަރަށް، ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ވެސް އިސްކަންދޭ ކަމެއް ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ސާންތި އެ ފަހަރު ސްކޮޑުގެ ހުރިހާ ކުޅުންތެރިންނަށް މެޗުގެ އެކި ހިސާބުތަކުން ފުރުސަތު ދިނެވެ.

"އެންމެ ފުރަތަމަ ސާންތި ގެނައުމުން މީހުން ފާޑުކީ. އެކަމަކު މިއަދު މިއޮތީ އެއީ ރަނގަޅު ނިންމުމެއްކަން ސާބިތުވެފައި. މި މަސައްކަތުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ސާންތި އަށް. ކުޅުންތެރިން ތަމްރީންކޮށް، ކުޅުންތެރިންގެ ހުނަރު ނެރެދީ ޓީމެއް ބިނާކޮށް ތަށްޓަކާ ހަމަޔަށް ގެނެސްދިނީ ސާންތި،" އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އޭރު ބުނެފައިވެ އެވެ.

ސާންތި އެ ދުވަސްވަރު ފުޓްބޯޅައިން ބޭރު، އެކަމަކު ކުޅިވަރުގެ އެހެން މުހިއްމު ޒިންމާތަކެއް ވެސް ނެގި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2015 ވަނަ އަހަރު ރިޔޫނިއަން އައިލެންޑްސް ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޗެފް ޑި މިޝަނަރުކަން ކުރުމެވެ. ރާއްޖޭން އެހާތަނަށް އެންމެ ގިނަ އެތުލީޓުން ފޮނުވި ގޭމްސް އަށް، ބޮޑު ކޮންޓިންޖެންޓް ގޮވައިގެން ރިޔޫނިއަން ފަދަ ވަސީލަތްތައް މަދު ގައުމެއްގައި، ސާންތި ކުރި މަސައްކަތް އޮލިމްޕިކް ކޮމިޓީން ވަރަށް ބޮޑަށް ފާހަގަކުރި އެވެ. އެ ގޭމްސް ވެގެންދިޔައީ، ރާއްޖެ އިން ފުޓްބޯޅަ ނޫން ކުޅިވަރަކުން ސަރަހައްދީ ރަން މެޑެއްޔެއް އެންމެ ފުރަތަމަ ހޯދި ގޭމްސް އަށެވެ. ހަސަން ސާއިދު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ފަހުރުވެރި ވަގުތުކޮޅު، އެ އުފާވެރިކަން އެންމެ ބޮޑަށް ހިއްސާކުރި އެކަކަކީ ސާންތި އެވެ.

ސާންތި (ވ) އަށް ރައީސް ޑރ. ވަހީދު ސަރުކާރުގެ ހާއްސަ އިނާމު ދެއްވަނީ.

އޭގެ ފަހުން އޭނާ ވަނީ، ކުޅިވަރު ގާނޫނުގެ ދަށުން އުފެއްދި ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންކަން ވެސް ކޮށްފަ އެވެ. ނަމަވެސް ފަހުން ވެސް އޭނާ ބޮޑަށް ހަރަކާތްތެރިވީ ފުޓްބޯޅައިގަ އެވެ. އެގޮތުން 2017 ވަނަ އަހަރު އަލުން އެފްއޭއެމަށް ދިޔަ އެވެ. އެ ފަހަރު އެންމެ ފުރަތަމަ އެފްއޭއެމުގައި ކުރި މަސައްކަތަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމު ގޮވައިގެން ޔޫތު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމެވެ. އޭގެ ފަހުން ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް އަދާކުރުމަށް ފަހު، ފަހުން ޓެކްނިކަލް ޑިރެކްޓަރުކަމާ ހަވާލުވީ އެވެ.

އެ މަގާމުގައި އޭނާ ވަނީ ރަނގަޅު މަސައްކަތްތަކެއްކޮށްފަ އެވެ. އެފްއޭއެމުން ޒުވާން ކުޅުންތެރިން ކުރިއަރުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮގްރާމަކީ ވެސް އޭނާގެ ބެލުމުގެ ދަށުން ތައާރަފްކުރި ޕްރޮގްރާމެކެވެ. މީގެ އިތުރުން ޔޫތު ލީގާއި އަތޮޅު ފުޓްބޯޅަ ޕްރޮޖެކްޓް ފަށާއި ހިންގީ ވެސް ސާންތި އެވެ. ރާއްޖެ އަށް ދެ ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޖަރުމަނުގެ ކޯޗު ޕީޓާ ސެގާޓް، ގައުމީ ޓީމަށް ގެނައީ ވެސް ސާންތިގެ ލަފާގެ މަތިންނެވެ.

އެފްއޭއެމްގެ އެ ވަޒީފާ އިން 2019 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު، ސާންތި އަނެއްކާ ވެސް ކްލަބް ކޯޗިން އަށް ނުކުތެވެ. ޔުނައިޓެޑް ވިކްޓްރީގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު 2023 ގައި އެނބުރި އީގަލްސް އަށް ދިޔަ އެވެ. އޭނާ އައުމުން އީގަލްސް އިން އެކަން އިއުލާންކުރީ އެ ކްލަބުގެ "ފޭން ފޭވަރިޓް ކޯޗު" އެނބުރި އަތުވެއްޖެ ކަމަށް ބުނެ އެވެ. ސާންތި ވެސް އޭރު ބުނީ އީގަލްސް އަކީ ފަހު ކްލަބް ކަމަށާއި ރިޓަޔާކުރާނީ އެ ކްލަބުގައި ކަމަށެވެ.

"އީގަލްސް އަކީ އަޅުގަނޑުގެ ގެ. މިދިޔަ ހައެއްކަ އަހަރު ވެސް ކްލަބްގައި ނެތް ނަމަވެސް އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އީގަލްސްއިން އަބަދު ވެސް އޮވޭ،" ސާންތި ބުންޏެވެ.

އީގަލްސްގެ ކުޅުންތެރިން ސާންތި އުފުލާލައިގެން.

އެކަމަކު އޭނާ ކުއްލިއަކަށް ބަލިވެ، މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. ބަދަލުގައި ޓީމު ހަވާލުކުރީ ސާންތިއާ އެކު ގައުމީ ޓީމުގައި މަސައްކަތްކުރި މޯހަންއާ އެވެ. އޭނާ އަށް ދިމާވި ސިއްހީ މައްސަލައަކީ ކެންސަރު ކަމެއް އޭރު ގިނަ ބަޔަކަށް ނޭގެ އެވެ. އެނގިފައި އޮތީ ސާޖަރީއެއް ހަދާ ކަމެވެ.

ބެލެވިފައި އޮތީ އެ އޮޕަރޭޝަނަށް ފަހު ސާންތި އެނބުރި އަންނާނެ ކަމަށެވެ. އުއްމީދީ ވާހަކަތަކެއް ވެސް ސޯޝަލް މީޑިއާގައި ލިޔުނެވެ. އެކަމަކު، ރޭ ދިވެހި ފުޓްބޯޅަ އާއިލާ ރޮއްވާލީ ސާންތިގެ މަރުގެ ޚަބަރުންނެވެ. އޭނާ ނެތުމަކީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް އެޅޭ ހިޔަންޏެކެވެ. އެކަމަކު، ވަކިވެގެން ދިޔައީ، އެ ހަނދާންތަކެއް ހިތަށް އެރުވުމުން އުފަލާއި ހިތްހަމަޖެހުން ދިވެހިންނަށް ލިބޭ ފަދަ ކާމިޔާބީތަކެއްގައި ބޮޑު ހިއްސާއެއް ވެދީފަ އެވެ. ސާފް ޗެމްޕިއަންޝިޕަށް އެކަނި ބެލި ނަމަވެސް އެއީ އެ ވާހަކަ ދެއްކުމުން ދިވެހީންގެ ގައިން މިހާރު ވެސް ހީބިހި ނަގާ ވަރުގެ އުފާވެރި ކާމިޔާބެކެވެ

2 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 85%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިމިނާ

23 March 2025

ހެޔޮރަޙްމަތް ލައްވާށި.

The name is already taken The name is available. Register?

ޙާޖީ ބެ

23 March 2025

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ‏

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454