08 މެއި 2025 - 11:02
ލަންޑަން (މެއި 8) - ޗެލްސީ އަކީ ތައްޓަށް ވާދަކުރާ ވަރުގަދަ ޓީމެއްގެ ގޮތުގައި ބެލެވޭނީ، ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
"މި އަހަރުގެ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްގެން އެންމެންނަށް އަންގައިދެވިދާނެ ޗެލްސީ އެނބުރި އަތުވެއްޖެކަން،" މިދިޔަ ސީޒަންގައި ލެސްޓަ ސިޓީ އަށް އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިނުމަށް ފަހު ޗެލްސީއާ ހަވާލުވި މަރެސްކާ ބުންޏެވެ.
"އަހަރެމެން ކޮންފަރެންސް ލީގުގައި މިތިބީ މިވަގުތު އަހަރެމެންގެ މަގާމު. މިހިސާބުން ފަށަން ޖެހިފަ މި އޮތީ. އެހެންވެ ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭނީ ވެސް ކޮންފަރެންސް ލީގުން. އަހަރެމެން އެންމެ ރަނގަޅަށް މަސައްކަތް ކުރަން މޮޅުވާން. އޭރުން ކުޅުންތެރިންގެ ވެސް މޮޅުވުމުގެ މެންޓަލިޓީއެއް އުފެއްދޭނީ."
ކޮންފަރެންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ސްވިޑެންގެ ޖާގާޑަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނެ އެވެ. ފުރަތަމަ ލެގުގައި ޗެލްސީ ވަނީ 4-1 އިން މޮޅުވެފަ އެވެ.
މުބާރާތުގެ ފައިނަލަށް ގޮސްގެން ވާދަ ކުރަން ޖެހޭނީ ސްޕެއިންގެ ސެވިއްޔާ ނުވަތަ އިޓަލީގެ ފިއޮރެންޓީނާއާ އެވެ. އަދި ކޮންފަރެންސް ލީގު ކާމިޔާބު ކޮށްގެން، ޔޫރަޕްގެ ތިން މުބާރާތުގެ ތަށި ހޯދި ފުރަތަމަ ޓީމަކަށް ޗެލްސީ ވާނެ އެވެ. ޗެލްސީ ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ވެސް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.
ޗެލްސީ އެންމެ ފަހުން ކާމިޔާބު ކުރި މުބާރާތަކީ 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ. އޭރުގެ ކޯޗު ތޯމަސް ޓުޗެލް އާއެކު އެ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކުރި ޗެލްސީ އަށް އެންމެ ފަހުން ޑޮމެސްޓިކް މުބާރާތެއް ކާމިޔާބު ކުރެވުނީ 2018 ވަނަ އަހަރެވެ. އެ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކުރި އިރު، އެންމެ ފަހުން ލީގު ނެގީ 2017ގަ އެވެ.
ޗެލްސީގެ ކުރީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް 2022 ވަނަ އަހަރު ކްލަބް ދޫކޮށްލަން ޖެހުމުން ދެން ހަވާލުވި އެމެރިކާގެ ޓޮޑް ބޯލީގެ ކޮންސޯޓިއަމާ އެކު ޗެލްސީ އަށް އަދި ކާމިޔާބެއް ނުހޯދެ އެވެ.
ކޮންފަރެންސް ލީގު ކާމިޔާބު ކުރާ ޓީމަކަށް ޔޫރޮޕާ ލީގުގެ އޮޓަމެޓިކް ޖާގައެއް ލިބޭނެ އެވެ. މީގެ އިތުރުން އިނގިރޭސި ލީގުގެ ގަދަ ފަސް ޓީމަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ވެސް ފުރުސަތު ލިބޭނެ އެވެ. ލީގުގައި ބާކީ ތިން މެޗު އޮއްވައި ޗެލްސީ އޮތީ ތާވަލްގެ ފަސްވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރެސްކާ
09 May 2025
ތިންވަނަ ޑިވިށަންގެ ތަށި ނަގައިގެން ވަރުގަދަކަން ކާކައް ސާބިތުކޮއްދޭން. ތިލެވެލްގެ ފުޓްބޯޅަ ނުވެސް ބަލާ މިހާރު ގިނަމީހުން.
ޢަތޮޅުލީގު
08 May 2025
ފޯކައިދޫ އަތުން މޮޅުވުމެކޭ ތި ތަށި ނެގުމެކޭ ނެތް ތަފާތެއް
މަރެސްކާ
08 May 2025
އެކަމަކުވެސް ތައްޓެއް ލިބުނީތާ.