09 މެއި 2025 - 10:24
ފްލޮރެންސް (މެއި 9) - ޔޫރަޕްގެ ތިން ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ކޮންފަރެންސް ލީގުގެ ފައިނަލަށް ޗެލްސީ އާއި ސްޕެއިންގެ ރެއާލް ބެޓިސް ދަތުރު ކޮށްފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ލޯނު އެއްބަސްވުމެއްގައި ބެޓިސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ އެންޓޮނީގެ މޮޅު ކުޅުމާ އެކު، އެ ޓީމު ފައިނަލުން ޖާގަ ހޯދީ ރޭ އިޓަލީގެ ފިއޮރެންޓީނާއާ ވާދަކޮށް އިތުރު ވަގުތު ކުޅެގެން 2-2 އިން އެއްވަރުކޮށް، 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އެންޓޮނީ ވަނީ ސީޒަންގެ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑާ އެކު ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގައި ވެސް ކުޅެފަ އެވެ. އެ މުބާރާތުގެ ހަތަރު މެޗެއްގައި އެންޓޮނީ ކުޅެފައި ވާއިރު، ޔުނައިޓެޑް ވަނީ މުބާރާގެ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ. މިއާ އެކު އެންޓޮނީ އަށް މިވަނީ އެއް ސީޒަނެއްގައި ޔޫރަޕްގެ ތަށި ލިބުމުގެ ފުރުސަތު ފަހިވެފަ އެވެ.
އިޓަލީގައި ރޭ ކުޅުނު މެޗުގެ 30 ވަނަ މިނިޓުގައި އެންޓޮނީ ވަނީ، ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޑޭވިޑް ޑެހެއާ ބަލަހައްޓަމުން ދިޔަ ގޯލަށް، ހިލޭޖެހުމަކުން ލަނޑެއް ޖަހައި ބެޓިސް އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މި ހާފު ނިމުމުގެ ކުރިން ފިއޮރެންޓީނާ އަށް ދެ ގޯލު ޖަހައިދީ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮބިން ގޮސްންސް އެވެ.
ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު ވެސް އިތުރު ގޯލެއް ނުޖެހުނު އިރު، ބެޓިސް މޮޅުވި ލަނޑު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އަބްދޭ އެޒަލްޒޫލީ ޖަހައިދިނީ އެންޓޮނީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
މި އަހަރުގެ ޖެނުއަރީ މަހު ބެޓިސްއާ ގުޅުމަށް ފަހު އެންޓޮނީ ވަނީ އެ ޓީމަށް މިހާތަނަށް 21 މެޗު ކުޅެދީފަ އެވެ. ކޮންމެ މެޗެއްގައި ވެސް ކޯޗު މެނުއެލް ޕެލެގްރިނީގެ ފުރަތަމަ 11 އިން ފުރުސަތު ހޯދަމުން އަންނަ އެންޓޮނީ ވަނީ ލޯން މުއްދަތުގައި މިހާތަނަށް އަށް ގޯލު ޖަހައި ފަސް އެސިސްޓް ކޮށްފަ އެވެ. އޭގެ ތެރޭން ކޮންފަރެންސް ލީގުގައި ވަނީ އަށް މެޗުން ހަތަރު ގޯލު ޖަހައި ތިން ގޯލު އެސިސްޓް ކޮށްފަ އެވެ.
ކޮންފަރެންސް ލީގުގެ ސެމީގައި ޗެލްސީ ވަނީ ސްވިޑެންގެ ޖާގާޑަންއާ ވާދަކޮށް 5-1 ގެ އެގްރިގޭޓަކުން ކުރި ހޯދައިފަ އެވެ. ރޭ އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވީ ކީރެން ޑޫސްބެރީ ހޯލްގެ ގޯލަކުން 1-0 އިންނެވެ.
ކޮންފަރެންސް ލީގު ކާމިޔާބު ކޮށްގެން އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން އޮޓަމެޓިކް ޖާގައެއް ލިބޭނެ އެވެ. އިންގްލެންޑާއި ސްޕެއިންގެ ވެސް ލީގުގެ ގަދަ ފަސް ޓީމަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭ ގޮތަށް ހަމަޖެހިފައި ވާއިރު، ޗެލްސީ މިވަގުތު އޮތީ ފަސް ވަނައިގަ އެވެ. އަދި ބެޓިސް މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ހަ ވަނައިގަ އެވެ.
މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ކުޅޭ ކޮންފަރެންސް ލީގުގެ ފައިނަލްގެ ކުރިން ޗެލްސީ އަށް ލީގުގައި ބާކީ އޮތް ތިން މެޗު ވެސް ކުޅޭނެ އެވެ. އަދި ބެޓިސް ވެސް ފައިނަލަށް ނުކުންނާނީ މި މުއްދަތުގައި ސްޕެނިޝް ލީގުގައި ބާކީ އޮތް ހަތަރު މެޗު ކުޅުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy