ގޯލު ޖެހުމަށް ފަހު ވިނީ (ވ) އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
11 ޖޫން 2025 - 09:17
ސައު ޕައުލޯ (ޖޫން 11) - ވިނީޝިއުސް ޖޫނިއާގެ ހަމައެކަނި ގޯލުން 1-0 އިން ޕެރަގުއޭ ބަލިކޮށް، ބްރެޒިލްގެ އާ ކޯޗު ކާލޯ އަންޗެލޮޓީ އޭނާގެ ފުރަތަމަ މޮޅާ އެކު އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު އަންޗެލޮޓީ ބްރެޒިލާ ހަވާލު ވުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ވަނީ މިދިޔަ ހަފްތާ އިކުއެޑޯއާ ދެކޮޅަށް ގައުމުން ބޭރުގައި ލަނޑެއް ނުޖެހި އެއްވަރު ވެފަ އެވެ. ނަމަވެސް އަމިއްލަ ސަޕޯޓަރުންނާ އެކު ދެ ވަނަ މެޗުން މި ވަނީ މުހިއްމު މޮޅެއް ހޯދައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ވިނީ ލަނޑު ޖެހީ، ދާދި ފަހުން ވުލްވްސް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި މެތިއުސް ކުންޔާ ދިން ޕާހަކުންނެވެ. ނަމަވެސް މެޗު ނިމެން 10 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ވިނީއަށް އަނިޔާއެއް ވެގެން އޭނާ ވަނީ ބަދަލު ކޮށްފަ އެވެ.
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ. -- ފޮޓޯ: އޭއެފްޕީ
ރެކޯޑް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލަކީ މިހާތަނަށް ބޭއްވި ހުރިހާ މުބާރާތެއްގައި ކުޅުނު ހަމައެކަނި ގައުމެވެ. އަންނަ އަހަރުގެ މުބާރާތް ވާނީ ބްރެޒިލް ކުޅޭ 23 ވަނަ ވޯލްޑް ކަޕް މުބާރާތަށެވެ.
ދެކުނު އެމެރިކާ ސަރަހައްދުގެ 10 ގައުމުގެ ތެރެއިން ގަދަ ހަ ގައުމަށް ވޯލްޑް ކަޕްގެ ޖާގަ ލިބޭއިރު، ތިން ޖާގަ ވަނީ ޔަގީން ވެފަ އެވެ. އާޖެންޓީނާ އެއް ވަނައިގައި ކޮލިފައިވެފައި އޮތް އިރު، މިއަދުގެ މެޗުތަކަށް ފަހު ބްރެޒިލްގެ އިތުރުން އިކުއެޑޯ ކޮލިފައިވީ އެވެ.
އާޖެންޓީނާ ވަނީ މިއަދު ކޮލަމްބިއާއާ ވާދަކޮށް އެކަކު މަދުކޮށް ކުޅެގެން 1-1 އިން އެއްވަރު ކޮށްފަ އެވެ. އަދި އިކުއެޑޯ އާއި ޕެރޫ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މި ސަރަހައްދުގެ ހަތް ވަނަ ޓީމަށް އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގެ ޖާގަ ލިބޭނެ އެވެ. ކޮލިފައިންގައި ކޮންމެ ޓީކަމަށް ވެސް ދެން ބާކީ އޮތީ ދެ މެޗެވެ.
ބްރެޒިލްގެ ސަޕޯޓަރެއް އަންޗެލޮޓީގެ މާސްކެއް އަޅައިގެން. -- ފޮޓޯ: އޭއެފްޕީ
ކެނެޑާ، މެކްސިކޯ އަދި ޔުނައިޓެޑް ސްޓޭޓްސް ގުޅިގެން ބާއްވާ ވޯލްޑް ކަޕް 2026 އަށް ހޯސްޓުންގެ އިތުރުން، އާޖެންޓީނާ، ބްރެޒިލް އަދި އިކުއެޑޯއާއެކު މިހާތަނަށް ކޮލިފައި ވެފައި ވަނީ، އޭޝިއާގެ ހަ ގައުމަކާއި އޯޝޭނިއާގެ ގައުމެކެވެ.
އޯޝޭނިއާ އިން ނިއުޒިލެންޑް ކޮލިފައި ވެފައި ވާއިރު، އޭޝިއާ ބައްރުން މިހާތަނަށް ޖާގަ ޔަގީން ކޮށްފައި ވަނީ، ޖަޕާން، އިރާން، އުޒްބަކިސްތާން، ދެކުނު ކޮރެއާ، ޖޯޑަން އަދި އޮސްޓްރޭލިއާ އެވެ.
އޮސްޓްރޭލިއާ ހަތްވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ޔަގީން ކުރީ ރޭ 2-1 އިން ސައުދީ އަރަބިއްޔާ ބަލި ކުރުމަށް ފަހު އެވެ. އަދި މިދިޔަ ހަފްތާގެ ކޮލިފައިން ނަތީޖާތަކާ އެކު ވޯލްޑް ކަޕްގެ ޖާގަ ހޯދި ޖޯޑަން އާއި އުޒްބަކިސްތާން، މިއީ މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިނޫރ
12 June 2025
ސުޒޭނުމެން ކަހަލަ ގަދަ ކޯއްޗެއް މިވަގުތު ބުރެޒިލް އަށް ބޭނުން ވަނީ،