އަންނަ މަހު ފަށާ ވޯލްޑް ކަޕަށް ނެގި ބްރެޒިލްގެ ސްކޮޑުން ނޭމާ ޖޫނިއާ އަށް ކޯޗު ކާލޯ އަންޗެލޮޓީ ފުރުސަތު ދިނީ ހަރުކަށި ޝަރުތުތަކެއް ކުރިމަތިކުރުވައިފައިކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑް އިއުލާނުކުރުމުގެ ކުރިން، މިދިޔަ ބުރާސްފަތި ދުވަހު އަންޗެލޮޓީ އާއި ބްރެޒިލްގެ ސްޕޯޓިން ޑިރެކްޓަރު ރޮޑްރިގޯ ކައެޓާނޯ ވަނީ ވީޑިއޯ ކޯލެއް މެދުވެރިކޮށް ނޭމާ އާ ސީދާ ވާހަކަދައްކާފަ އެވެ. ގާތްގަނޑަކަށް ތިން އަހަރު މެދުކެނޑުމަކަށް ފަހު ގައުމީ ޓީމަށް ނޭމާ އަށް ޖާގަ ދިނީ ޝަރުތުތަކަށް ނޭމާ ވެސް އެއްބަސްވުމުން ކަމަށް މީޑީއާ ރިޕޯޓް ބުންޏެވެ.
ބްރެޒިލްގެ ކެޕްޓަންކަން މީގެ ކުރިން ނޭމާ ކުރިޔަސް، އަލަުން އަނބުރައި އޭނާ ޓީމަށް އަންނަ އިރު ކެޕްޓަނު ބޭންޑަށް ޑިމާންޑް ނުކުރުން އޭނާ އަށް ކުރިމަތި ކުރި ޝަރުތަކުގެ ތެރޭގައި ހިމެނެ އެވެ. ސޯޝަލް މީޑިއާ ބޭނުންކުރުން މަދުކުރުމާއި، އާ ކޯޗިން ޓީމު އެކުލަވާލާފައިވާ ހަރުކަށި ޑިސިޕްލިނަރީ ގަވާއިދުތަކަށް ބޯލެނބުމަށް ވެސް އޭނާ އަށް ޝަރުތުކުރި އެވެ. އަދި އޭނާގެ ނަން ކިތަންމެ މަޝްހޫރު ވިޔަސް ފުރަތަމަ 11 އިން ޖާގަ ޔަގީން ނުވާނެކަން ނޭމާ ގަބޫލުކުރަން ވެސް ޝަރުތު ކުރި އެވެ.
މި ވާހަކަތަކަށް ފަހު، ނޭމާ ވަނީ ޓީމަށް އެހީތެރިވުމަށްޓަކައި ކޮންމެ ފަދަ ރޯލެއްވެސް ގަބޫލުކުރަން ތައްޔާރަށް ހުރި ކަމުގެ ޔަގީންކަން ކޯޗަށް ދީފަ އެވެ.
ސްކޮޑް އިއުލާނުކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ ބުނީ، މުޅި އަހަރު ތެރޭގައި ނޭމާގެ ކުޅުން ވަޒަންކޮށްފައިވާނެ ކަމަށެވެ. އޭނާ އަކީ އަދިވެސް ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.
"އޭނާގެ ވެސް އޮތީ ސްކޮޑުގައި ހިމެނޭ އަނެއް 25 ކުޅުންތެރިންނާ އެއްވަރުގެ ރޯލަކާއި ޒިންމާތަކެއް،" ނޭމާ އާ ބެހޭގޮތުން ވާހަކަދައްކަމުން އަންޗެލޮޓީ ބުންޏެވެ.
"އޭނާ ކުޅެފާނެ. ނުވަތަ ބެންޗުގައި ވެސް އިނދެދާނެ. އަހަރެން ބޭނުންވަނީ ތެދުވެރި އަދި ސާފު ނިންމުގެ މަތީގައި ކުރިއަށްދާން. އޭނާ އަށް ކުޅެން ފުރުސަތު ލިބޭނީ އެކަމަށް ޝަރުތު ހަމަވާ މިންވަރަށް މަސައްކަތް ކޮށްގެން. އެންމެ ކުޅުންތެރިއަކަށް ހުރިހާ އުންމީދެއް މަތިކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން." .
މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޭނާގެ ކްލަބް، ސަންޓޯގެ މެޗުގައި ނޭމާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ސްކޮޑަށް ނެގުމާ މެދު ސުވާލު އުފެދުނެވެ. ނަމަވެސް، މެޑިކަލް ޓީމުން ބެލުމަށް ފަހު ސީރިއަސް އަނިޔާއެއް ނެތެވެ.
އަންޗެލޮޓީ ނިންމީ ޔޮއާ ޕެޑްރޯގެ ބަދަލުގައި ނޭމާ ސްކޮޑުގައި ހިމެނުމަށެވެ ސްކޮޑް އިއުލާނުކުރުމާ އެކު، އޭނާ އަށް ކުރި އިތުބާރަށް ޝުކުރު އަދާކޮށްފަ އެވެ.
ކުރިން ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން އަންޗެލޮޓީ ވަނީ ރެއާޅްގެ ލުނު އެއްވަސްވުމުގެދަށުން ލިޔޯންއަށް ކުޅެމުްދާ އެންޑްރިކް ފިލިޕޭ ސްކޮޑްގައި ހިމަނައިފަ އެވެ. ރެއާލްގައި އެމްބާޕޭ ހޭދަކުރި އިރު އެންޑްރިކް ހުންނަނީ ސްކޮޑުން ބާކީ ވެފަ އެވެ.