27 ޖޫން 2025 - 11:32
ރިޔާދު (ޖޫން 27) - ރެކޯޑު އަދަދެއްގެ މުސާރައަކަށް އިތުރު ދެ އަހަރު ސައުދީ ޕްރޯ ލީގުގެ އައް ނަސްރުގައި މަޑުކުރަން ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފި އެވެ.
އާ ޑީލަކާ އެކު، އުމުރުން 40 އަހަރުގެ ފޯވާޑް އައް ނަސްރުގައި 2027 ގެ ނިޔަލަށް ހުންނާނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޭރުގެ ކޯޗު އެރިކް ޓެން ހާގާ މައްސަލަ ޖެހިގެން ކްލަބް ދޫކޮށްލައި ރޮނާލްޑޯ ވަނީ 2023 ވަނަ އަހަރުގެ ފުރަތަމަ ދުވަހު އައް ނަސްރާ ގުޅިފަ އެވެ. އޭރު އޭނާ ގުޅުނީ އަހަރަކު 200 މިލިއަން ޔޫރޯގެ އަގަކަށެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، ރޮނާލްޑޯ އެއްބަސްވުން އާކުރީ އަހަރަކު 178 މިލިއަން ޕައުންޑް (209 މިލިއަން ޔޫރޯ) އަށެވެ. ހަފުތާއަކު 3.42 މިލިއަން ޕައުންޑާ އެކު، ކުރިއަށް އޮޮތް ދެ އަހަރު ތެރޭގައި 492 މިލިއަން ޕައުންޑްގެ މުސާރައެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
މި އެއްބަސްވުމުގައި 33 މިލިއަން ޕައުންޑްގެ އައް ނަސްރުގެ ހިއްސާ ވެސް ހިމަނާފައިވާއިރު، އިތުރު ބޯނަސްތަކުގެ އިތުރުން 60 މިލިއަން ޕައުންޑްގެ ސްޕޮންސާޝިޕް ޑީލްތައް ވެސް ހިމެނެ އެވެ.
ސައުދީ ލީގުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދައިގެން ބޯނަސްގެ ގޮތުގައި ހަތަރު މިލިއަން ޕައުންޑު ރޮނާލްޑޯ އަށް ހުށަހަޅާފައި ވެ އެވެ. އަދި ލީގު ކާމިޔާބު ކޮށްގެން އަށް މިލިއަން ޕައުންޑް ލިބޭނެ އެވެ. މީގެ އިތުރުން އޭނާ އަށް ހާއްސަ 16 މުވައްޒަފުން ވެސް ހަމަޖައްސާފައިވެ އެވެ. އެއީ ތިން ޑްރައިވަރާއި ހަތަރު މެއިޑުންގެ އިތުރުން ދެ ޝެފާއި ތިން ގާޑްނާރުން އަދި ހަތަރު ސެކިއުރިޓީ ކަމަށް އިނގިރޭސި މީޑިއާ ދަ ސަން އިން ބުންޏެވެ.
ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވުމާ ގުޅިގެން ޔޫރަޕްގެ ގިނަ ތަރިންތަކެއް ވަނީ ލީގުގެ އެކި ޓީމުތަކަށް ބަދަލުވެފަ އެވެ. އޭޣެ ތެރޭގައި އޭނާއާ އެކު ރެއާލް މެޑްރިޑަށް ބަދަލުވި ކަރީމް ބެންޒެމާ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
27 June 2025
މާތްﷲ ރޮނާލްޑޯއަށް ހިދާޔަތުގެ އަލިމަގު ދައްކަވާ މާތްވެގެންވާ އިސްލާމްދީން ޤަބޫލުކުރާ މީހަކު ކަމުގައި ލައްވާށި.
އަންފާނު
27 June 2025
ޕެސީގެ ފޭނުން ފުދޭވަރަަކށް ޖެލީވާނެ މިކަމާ.
ނަސްރު
27 June 2025
2 އަހަރު ނިމުމުގެ ކުރިން އިސްލާމްދީނަށް ވަނުމުގެ ހެޔޮތައުފީގު ދެއްވުން އެދި ދުޢާ ކުރަން
ފޭން އެއް
27 June 2025
އާމީން