މިދިޔަ އަހަރުގެ ގޯލްޑް ކަޕް ކާމިޔާބު ކުރި އޭދަފުށީގެ ކުޅުންތެރިން އެ ޓީމުގެ ސަޕޯޓަރުންނާ އެކު އުފާފާޅު ކުރަނީ: ގޯލްޑް ކަޕްގެ ކޮލިފައިން ބާއްވަން ބޭނުންވާ ރަށްރަކަށް ވަނީ ފުރުސަތު ހުޅުވާލާފަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
28 ޖޫން 2025 - 10:52
ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑްގެ ކޮލިފައިން ބާއްވަން ރަށްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ފުޓްބޯޅައިގެ ފޯރި ގަދަކޮށްލި ގޯލްޑް ކަޕްގައި މިފަހަރު 28 ޓީމަށް ފުރުސަތު ދިނުމަށް ނައިންޓީ ޕްލަސްއިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ކޮލިފައިން ކުޅެގެން ކަނޑައަޅާނީ 18 ޓީމެވެ.
ކޮންމެ އަތޮޅަކުން ކޮލިފައިން ބާއްވަން ބޭނުންވާ ރަށްތަކަށް ނައިންޓީޕްލަސްއިން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
ނައިންޓީ ޕްލަސްއިން ބުނީ ކޮންމެ އަތޮޅަކުން ވެސް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ރަށަކަށް އެ އަތޮޅެއްގެ ކޮލިފައިން ބޭއްވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ ގޯލްޑް ކަޕް ފައިނަލްގައި އައްޑޫ އާއި އޭދަފުށި ކުޅުނު މެޗުގައި އައްޑޫ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ވަރަށް ގިނަ ރަށްތަކުން ރިކުއެސްޓް އެބައާދޭ އެ އަޮޅުގެ ކޮލިފައިން އެ ރަށުގައި ބާއްވަން ބޭނުންވާ ކަމަށް. އެހެންވެ އަޅުގަނޑުމެން ނިންމީ ހުރިހާ ރަށަކަށް އޯޕަންކޮށްލަން. ކޮލިފައިން ބޭއްވުމުގެ ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ އަތޮޅެއްގެ ހުރިހާ ރަށަކަށް ވެސް ވަނީ ހުޅުވާލާފަ. އެ ޕްރަޕޯސަލްގެ ތެރެއިން އެންމެ ރަނގަޅު ޕްރަޕޯސަލެއް ހުށަހަޅާ ރަށެއް ފައިނަލު ކުރާނީ އެ އަތޮޅެއްގެ ކޮލިފައިން ހޯސްޓް ކުރަން،" ނައިންޓީ ޕްލަސްގެ އޮފިޝަލް ބުންޏެވެ.
ޕްރަޕޯސްލަ ހުށަހެޅަން ޖެހޭނީ މެއިލް މެދުވެރިކޮށެވެ. މެއިލް ކުރާނީ [email protected] އަށެވެ.
މިފަހަރުގެ މުބާރާތުން މިހާތަނަށް ޖާގަ ކަށަވަރުވެފައި ވަނީ 10 ޓީމަށެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމުގެ އިތުރުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އަށެވެ.
ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް މިދިޔަ އަހަރު މުޅިން އަލަށް ފެށި މުބާރާތުގައި ރައްޖޭގެ ފަސް ސިޓީގެ ތެރެއިން މިދިޔަ އަހަރު މުބާރާތުގައި ވާދަ ނުކުރަނީ އެ ދެ ސިޓީ އެވެ. ކުޅުދުއްފުއްޓާއި ތިނަދު އަށް މުބާރާތުން ފުރުސަތު ދެނީ އިންވިޓޭޝަން ސްޕޮޓްގެ ތެރެއިންނެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް ޓްރޮފީ، ޗެމްޕިއަން ބ. އޭދަފުށީގެ ފުޓްބޯޅަ ސްޓޭޑިއަމްގައި.--- ފޮޓޯ: އަހުމަދު ޔާނިއު
މިދިޔަ އަހަރުގެ މުބާރާތުގެ ގަށަ އަށެއްގެ ހިމެނިގެން މިފަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ލިބުނު ޓީމުތަކަކީ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.
ލ. އަތޮޅުގެ ކޮލިފައިން އަންނަ މަހު ފަށަން މަސައްކަތް ކުރަކަމަށް އެ އަތޮޅު ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ. ލ. އަތޮޅުގެ ކޮލިފައިން ކުރިއަށްގެންދަނީ އެ އަތޮޅުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ލާމަސީލު ލާމް ފުޓްބޯޅަ ޓޯނަމަންޓްގެ ތެރެއިން އެ މުބާރާތުން ޗެމްޕިއަންކަން ހޯދާ ރަށަކަށް ގޯލްޑް ކަޕަށް ކޮލިފައިވިކަމުގެ ޓިކެޓް ވެސް ލިބޭނެ އެވެ. ލ. އަތޮޅުވެގެންދާނީ ގޯލްޑް ކަޕްގެ ކޮލިފައިން ބާއްވާ ފުރަތަމަ އަތޮޅަށެވެ.
އަރިއަތޮޅުގެ އުތުރާއި ދެކުނު ނިސްބަތްވާ އއ. އާއި އދ. ގައި ކޮލިފައިން ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.
- ޖުމުލަ 28 ޓީމު
- މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 8 ޓީމަށް އޮޓޮމެޓިކް ކޮލިފައިން
- އިންވިޓޭޝަން ޖާގަ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އަށް
- ބާކީ 18 ޖާގަ އަތޮޅުތަކުގެ ކޮލިފައިން މަރުހަލާއިން މޮޅުވާ ޓީމުތަކަށް
ގޯލްޑް ކަޕް ފައިނަލުގައި ލަނޑު ޖެހުމަށްފަހު އޭދަފުށި ޓީމުގެ އަލީ ފާސިރު (ސެންޓޭ) އުފާފާޅުކުރަނީ: ފައިނަލުގައި އައްޑޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ބ. އޭދަފުށިން ވަނީ ހޯދާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރު ވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.
ގާތްގަނޑަކަށް 35 ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ މުބާރާތުގައި ޖުމުލަ 42 މެޗު ކުޅޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދެ މެޗެވެ.
މުބާރާތް ބާއްވަން ނައިންޓީ ޕްލަސްއިން އަމާޒު ކުރަނީ އަހަރުގެ ފަހުކޮޅަށެވެ. އެ ކުންފުނިން ބުނީ މުބާރާތް ފަށާ ތާރީހު އިއުލާން ކުރާނީ އެފްއޭއެމުން އާންމު ކުރާ ފުޓްބޯޅަ ކަލަންޑަރަށް ބެލުމަށް ފަހު ކަމަށެވެ. އަދި ތާރީހު އިއުލާން ކުރާނީ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުންޏެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޯ
30 June 2025
ކެތްމަދުވެފާ ހުރެވެނީ.......................