03 ޖުލައި 2025 - 08:42
ފައިނަލުގައި ފަސް ސެޓަށް ކުޅެގެން 3-2 އިން އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އިން ވީއޭއެމް ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު 26-24 އިން ގެންދިޔައީ ސިފައިންނެވެ. ނަމަވެސް އެޗްޑީސީ ވަނީ ޖެހިގެން އައި ދެ ސެޓުން 25-23 އަދި 25-22 އިން މޮޅުވެފަ އެވެ.
ހަތަރު ވަނަ ސެޓުގައި 25-20 އިން ސިފައިން ކުރިހޯދުމުން ނަތީޖާ ނެރުނީ ފަސް ވަނަ ސެޓެއް ކުޅެގެންނެވެ. ފަހު ސެޓު ސިފައިން ކާމިޔާބު ކުރީ 15-10 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ ލުއިޒް ފިލިޕޭ ޕެރޭރާ އެވެ.
އެޗްޑީސީ މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕް ކާމިޔާބު ކުރީ ފައިނަލްގައި ސިފައިން ބަލިކޮށްގެންނެވެ. ސިފައިން އެންމެ ފަހުން ޗެމްޕިއަންކަން ހޯދީ 2019ގެ ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ.
ވީއޭއެމް ކަޕުގެ ތިން ވަނަ ލިބުނީ ފުވައްމުލައް ސިޓީގެ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށެވެ. ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ މެދުގައި ކުޅުނު މި މެޗު ދަޑިމަގު ކާމިޔާބު ކުރީ ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްގެންނެވެ.
އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ސެޓްތައް ދަޑިމަގު ގެންދިޔައީ 25-20، 25-10 އަދި 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަނޑިމަގުގެ އަލީ ހުޒާމްއެވެ.
ޖުމްލަ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގެ ސެމީ ފައިނަލްގައި އެޗްޑީސީ ވަނީ ދަޑިމަގު ބަލިކޮށްފަ އެވެ. އަދި ހުރާ ބަލިވީ ސިފައިން އަތުންނެވެ.
ކޮންމެ ގުރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދައިގެން ސެމީ އަށް ދިޔަ ހަތަރު ޓީމަށް މި އަހަރުގެ ގައުމީ ލީގުން ފުރުސަތު ވަނީ ލިބިފަ އެވެ. ގުރޫޕްގެ ތިން ވަނަ ހޯދި ދެ ޓީމުގެ މެދުގައި ކުޅުނު ކޮލިފައިން މެޗުން މޮޅުވެގެން ލީގުގެ ފަހު ޖާގަ ހޯދީ، ހޯމަ ދުވަހުގެ ރޭ ސީދާ ތިން ސެޓުން ސްޕޯޓްސް ކުލަބު ސިޓީ ބަލިކުރި ޕޮލިސް ކްލަބެވެ.
- ބެސްޓް އައުޓްސައިޑް އެޓޭކާ: އިސްމާއިލް ސާޖިދު (އެޗްޑީސީ)
- ބެސްޓް އައުޓްސައިޑް އެޓޭކާ: އާދަމް ނަސީމް (ޑީއެސްސީ)
- ބެސްޓް މިޑްލް ބްލޮކާ: މުހައްމަދު އަހްސަން (އެޗްޑީސީ)
- ބެސްޓް މިޑްލް ބްލޮކާ: އާދަމް ފައިރޫޒް (ޑީއެސްސީ)
- ބެސްޓް އޮޕޮސިޓް ޕްލޭޔާ: ޝަމާއިލް ހުސެއިން (އެޗްޑީސީ)
- ބެސްޓް ސެޓަރު: ހުސެއިން ޝާހިދު (ޑީއެސްސީ)
- ބެސްޓް ލިބަރޯ: އަހުމަދު މުޒްލިފް (ހުރާ ސީސީ)
- އެންމެ އުންމީދީ ކުޅުންތެރިޔާ: މުހައްމަދު ސައިފަ އަހުމަދު (ހުރާ ސީސީ)
- އެންމެ މޮޅު ކޯޗު: ޖުނެއިދު އަބްދުﷲ (ޑީއެސްސީ)
- އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ލުއިޒް (ޑީއެސްސީ)
- އެންމެ މޮޅު ކުޅުންތެރިޔާ: ހުސެއިން ޝާހިދު (ޑީއެސްސީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy