ކުރީގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ވީއޭއެމް ކަޕްގެ ޗެމްޕިއަންކަން ކްލަބް އެމްޓީސީސީން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ރޭ ކުޅުނު ފައިނަލު މެޗު، އެމްޓީސީން ގެންދިޔައީ 3-1 ސެޓުންނެވެ.  

ފައިނަލުގެ ފުރަތަމަ ސެޓު 25-23 އިން ކާމިޔާބުކޮށް އެމްޓީސީސީން ލީޑު ނެގި އެވެ. ދ ދެވަނަ ސެޓު 25-20 އިން ކާމިޔާބުކޮށް އެ ޓީމުން ލީޑު ފުޅާކުރި އެވެ. ނަމަވެސް ތިންވަނަ ސެޓުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޑީއެސްސީން ވަރުގަދަ ކުޅުމެއް ދައްކައި 25-23 އިން ސެޓު ކާމިޔާބުކޮށް މެޗުގެ ވާދަވެރިކަން ބޮޑު ކުރި އެވެ.

ވީއޭއެމްޕް ކަޕްގެ ފައިނަލު މެޗުގެ ތެރެއިން ފަހު ސެޓް ދިޔައީ ވަރަށް ވާންކޮށް --- ފޮޓޯ: ވީއޭއެމް
ވީއޭއެމްޕް ކަޕްގެ ފައިނަލު މެޗުގެ ތެރެއިން ފަހު ސެޓް ދިޔައީ ވަރަށް ވާންކޮށް --- ފޮޓޯ: ވީއޭއެމް

ހަތަރުވަނަ ސެޓަކީ ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ހިތްވަރެއް ފެނިގެންދިޔަ، ދިގުލައިގެންދިޔަ ސެޓެކެވެ. ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ އަށް ވާންކޮށް 33-31 އިން އެ ސެޓު ކާމިޔާބުކޮށް، އެމްޓީސީސީން ޗެމްޕިއަންކަން ކަށަވަރުކުރި އެވެ.

ފަރުދީ އެވޯޑްތަކުގައި ވެސް އެމްޓީސީސީ ޑޮމިނޭޓް ކުރި އެވެ.

މުބާރާތުގެ ފައިނަލުން މޮޅުވުމުގެ އިތުރުން، ފަރުދީ ގިނަ އެވޯޑްތަކެއް ވެސް ކްލަބް އެމްޓީސީސީގެ ކުޅުންތެރިންނާއި ކޯޗު ހޯދި އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެމްޓީސީސީގެ މިޑްލް ބްލޮކަރު މުހައްމަދު އަހްސަން އަށެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ގެންދިޔައީ އެ ޓީމު ނިޒާރު އިބްރާހިމެވެ

ވީއޭއެމްޕް ކަޕްގެ ޑްރީމް ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން: ޑްރީމް ޓީމު ޑޮމިނޭޓް ކުރީ ވެސް އެމްޓީސީސީން --- ފޮޓޯ: ވީއޭއެމް
ވީއޭއެމްޕް ކަޕްގެ ޑްރީމް ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން: ޑްރީމް ޓީމު ޑޮމިނޭޓް ކުރީ ވެސް އެމްޓީސީސީން --- ފޮޓޯ: ވީއޭއެމް

ވީއޭއެމް ކަޕް 2026 ގެ ޑްރީމް ޓީމު އަދި ފަރުދީ އެވޯޑްތައް

- އެންމެ މޮޅު ކުޅުންތެރިޔާ: މުހައްމަދު އަހްސަން (ކްލަބް އެމްޓީސީސީ)

- އެންމެ މޮޅު ކޯޗު: ނިޒާރު އިބްރާހިމް (ކްލަބް އެމްޓީސީސީ)

- އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ޖޯނަސް (ކްލަބް އެމްޓީސީސީ)

- އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާ: ނަވީން ފައިސަލް (ކްލަބް އެމްޓީސީސީ)

- އެންމެ މޮޅު ސެޓަރު: އިޝާން މުހައްމަދު (ކްލަބް އެމްޓީސީސީ)

- އެންމެ މޮޅު މިޑްލް ބްލޮކަރުން: މުހައްމަދު އަހްސަން އަދި ހުސައިން ޔޫސުފް (ދެ ކުޅުންތެރިން ވެސް ކްލަބް އެމްޓީސީސީ)

- އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިޔާ: ހުސައިން ރަޒަން (ޑީއެސްސީ)

- އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުން: އަލީ ހުޒާމް (ލަޔަންސް އާރްސީ) އަދި އިސްމާއިލް ސާޖިދު (ކްލަބް އެޗްޑީސީ)

- އެންމެ މޮޅު ލިބެރޯ: މުހައްމަދު މިމްރާހް ހަސަން (ޑީއެސްސީ)