05 ޖުލައި 2025 - 20:45
ފިލަޑެލްފިއާ (ޖުލައި 5) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ބްރެޒިލްގެ ޕަލްމެއިރާސް 2-1 އިން ބަލިކޮށް ޗެލްސީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި މެޗުގައި، އަންނަ ސީޒަންގައި ޗެލްސީ އަށް ކުޅޭ ޒުވާން ފޯވާޑް ވިދާލައިފި އެވެ.
މިއަދު ހެނދުނު ކުޅުނު މެޗުގެ 16 ވަނަ މިނިޓުގައި ޗެލްސީ ލީޑު ނެގީ ކޯލް ޕާމާ ޖަހައިދިން ގޯލުންނެވެ. ނަމަވެސް ދެވަނަ ހާފުގައި ޕަލްމެއިރާސް އަށް ނަތީޖާ އެއްވަރު ކޮށްދިނީ، އަންނަ ސީޒަންގައި ޗެލްސީއާ ގުޅެން ނިންމާފައިވާ ބްރެޒިލްގެ 18 އަހަރުގެ ފޯވާޑް އެސްޓެވާއޯ ވިލިއަން ހަނި އޭންގަލަކުން ފޮނުވާލި ބާރު ހަމަލާއިންނެވެ.
ޗެލްސީ މޮޅުވީ، މެޗު ނިމެނިކޮށް މާލޯ ގުސްތޯ ފޮނުވާލި ހަމަލާ ކީޕަރު ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުންނެވެ.
މިއާ އެކު، މި މެޗު ވެފައި ވަނީ އެސްޓެވާއޯ، ޕަލްމެއިރާސް އަށް ކުޅެދޭ ފަހު މެޗަށެވެ. މި މެޗުގެ މޮޅު ކުޅުންތެރޮިޔާގެ މަގާމު ވެސް ލިބުނީ އޭނާއަށެވެ.
ޗެލްސީ ވަނީ، ބެޔާން މިއުނިކާއި ޕީއެސްޖީ އަދި މެންޗެސްޓާ ސިޓީ ފަދަ ކްލަބްތައް ފަހަތަށް ޖައްސާލައި މިދިޔަ އަހަރުގެ ޖޫން މަހު 52 މިލިއަން ޕައުންޑްގެ އަގަކަށް އެސްޓެވާއޯގެ ސޮއި ހޯދައިފަ އެވެ. މިދިޔަ ސީޒަންގައި އޭނާ ޕަލްމެއިރާސް އަށް ކުޅުމަށް ފަހު، ޗެލްސީ ވަނީ ކްލަބް ވޯލްޑް ކަޕްގައި ވެސް އެ ޓީމަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ.
"އަހަރެން އުފާވޭ އަހަރެމެން މޮޅުވީމަ އަދި އެސްޓެވާއޯ ގޯލެއް ޖެހީމަ ވެސް އުފާވޭ، ފުރިހަމަ ރެއެއް،" މެޗަށް ފަހު ޗެލްސީގެ މެނޭޖަރު އެންޒޯ މަރެސްކާ ބުންޏެވެ.
"އޭނާއަކީ މޮޅު ހުނަރުވެރި ކުޅުންތެރިއެއް. ހަމައެކަނި މައްސަލައަކަށް ވާނީ ދެކުނު އެމެރިކާއިން ނޫނީ އެހެން ހިސާބަކުން ޔޫރަޕަށް އައިސް ވެސް މާހައުލަށް ހޭނެން ޖެހޭނީ. އަހަރެމެން އޭނާ ހޭނެން އެހީވެދޭނަން. އޭނާ ޗެލްސީއަށް ވަރަށް މުހިއްމު ކުޅުންތެރިއަކަށް ވާނެކަން އެއީ ޝައްކެއް އޮތް ކަމެއް ނޫން."
ސެމީ ފައިނަލްގައި ޗެލްސީ ވާދަކުރާނީ ބްރެޒިލްގެ ފްލުމިނޭސީއާ އެވެ. ފްލުމިނޭސީ ވަނީ ރޭ 2-1 އިން އަލް ހިލާލް ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy