09 ޖުލައި 2025 - 08:55
މިދިޔަ ހަފުތާގައި އަލަށް ސޮއިކުރުވި ބްރެޒިލް ފޯވާޑް ޔޮއާ ޕެޑްރޯ ޖެހި ދެ ގޯލާ އެކު 2-0 އިން ބްރެޒިލްގެ ފްލުމެނިނެންސް ބަލިކޮށް އިންގްލެންޑުގެ ޗެލްސީން، ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.
އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ޗެލްސީ ބައްދަލުކުރާނީ ސްޕެއިނުގެ ރެއާލް މެޑްރިޑް ނުވަތަ ފްރާންސްގެ ޕީއެސްޖީއާ އެވެ. އެ ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗު މިރޭ އޮންނާނެ އެވެ.
ކުރިން ހަމައެކަނި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޑަކުޑަ މުބާރާތެއްގެ ގޮތުގައި ބާއްވާ ކްލަބް ވޯލްޑް ކަޕް ފީފާ އިން މި ފަހަރު ކުރިއަށް ގެންދަނީ ދުނިޔޭގެ އެކި ހިސާބުތަކުން 32 ޓީމާ އެކު، އެމެރިކާގަ އެވެ.
މި މެޗުގައި ޗެލްސީގެ ދެ ގޯލް ޖެހި ފޯވާޑް ޕެޑްރޯ އަކީ ފްލުމިނެންސްގެ ޔޫތު އެކަޑަމީން ތަމްރީންވެ، އެ ކްލަބުގެ ސީނިއާ ޓީމުން ކެރިއަރު ފެށި ކުޅުންތެރިއެކެވެ. އެހެންވެ އޭނާ ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅެއް ނުކުރެ އެވެ.
ޕްރިމިއާ ލީގުގެ ބްރައިޓަން އިން 79 މިލިއަން ޑޮލަރަށް ގަތް ފޯވާޑަށް ފުރަތަމަ އެގާރައިން، ރޭ ކޯޗު އެންޒޯ މަރެސްކާ ފުރުސަތު ދިނީ ލިއަމް ޑިލެޕް ސަސްޕެންޝަނުގައި ހުރުމުންނެވެ.
އޭނާ ފުރަތަމަ ގޯލް 18 ވަނަ މިނެޓުގައި ޖެހީ ފްލުމިނެންސްގެ ޑިފެންޑަރަކު، ދިފާއުކުރި ބޯޅައެއް އޭރިއާ ބޭރުން ލިބުމުން، އެތާ ހުރެ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. ދެ ވަނަ ގޯލު 56 ވަނަ މިނެޓުގައި ވައްދާލީ، އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ފްލުމިނެންސްގެ ދެ ޑިފެންޑަރުންގެ ދޭތެރެއިން ޖަހަ އެވެ.
މަރެސްކާ ވަނީ މެޗަށް ފަހު ފައިނަލަށް ދެވުމުގެ އުފަލާ އެކު، މިއީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށް ބުނެފަ އެވެ. އެގޮތުން ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމާއި، ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރެވި، މިހާރު މި މުބާރާތުގެ ފައިނަލަށް ދެވުން ކޯޗު ސިފަކުރީ ބޮޑު ކާމިޔާބީތަކެއްގެ ގޮތުގަ އެވެ.
"އުއްމީދުކުރަނީ ސީޒަނުގެ ފަހު މެޗުން ވެސް ކާމިޔާބު ހޯދި މުބާރާތް ކާމިޔާބުކުރެވޭނެ ކަމަށް،"
މި މެޗާ އެކު ފްލުމިނެންސް އަށް މުބާރާތް ނިމުނު ނަމަވެސް އެ ޓީމުން ދެއްކި ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. ކުރިން އޭސީ މިލާނާއި، ޕީއެސްޖީ، އަދި ޗެލްސީ އަށް ކުޅުނު އުމުރުން 40 އަހަރުގެ ތިއާގޯ ސިލްވާގެ ކެޕްޓަންކަމުގައި ފްލުމިނެންސް ވަނީ މި ފަހަރު ބްރެޒިލް ފުޓްބޯޅަ ފަހުރުވެރިކޮށްދީފަ އެވެ. އެ ޓީމުން ވަނީ ދެ ވަނަ ބުރުގައި އިޓަލީގެ ގަދަބާރު އިންޓަ މިލާން ވެސް ބަލިކޮށްފަ އެވެ.
"އަހަރެމެން ބޭނުންވި ސަޕޯޓަރުންނަށްޓަކައި ފައިނަލަށް ދާން. އެކަމަކު އެނބުރި މިދަނީ އިސް އުފުލައިގެން ތިބެ،" ފްލުމިނެންސްގެ ކޯޗު ރެނާޓޯ ޕޯޓަލުޕީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
15 July 2025
ޗެލްސީ އަބަދުވެސް ތަފާތުވާނެ. މި އީ ފިސާރި ޓީމެކޭ ދޯ.. ސާބަހޭ..