15 ޖުލައި 2025 - 10:11
ރިޔާދު (ޖުލައި 15) - ކްރިސްޓިއާނޯ ރޮނާލްޑޯގެ އެދުމުގެ މަތިން، ކުރިން އަލް ހިލާލަށް ކޯޗު ކޮށްދިން ޕޯޗުގަލްގެ ޖޯޖް ޖީސުސް، އައް ނަސްރުގެ ކޯޗުކަމާ ހަވާލު ވެއްޖެ އެވެ.
ޖީސުސް އައް ނަސްރާ ގުޅުނީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގަ އެވެ. ހިލާލްގެ ވާދަވެރި ނަސްރާ އޭނާ ގުޅުނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އެދުމުގެ މަތިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ކްރިސްޓިއާނޯ ރޮނާލްޑޯއާ ނެތް ނަމަ އަހަރެން މި ކްލަބަކު ނުހުންނާނެ،" ދެ ފަހަރު މަތިން ހިލާލަށް ކޯޗު ކޮށްދިން ޖީސުސް ބުނެފައިވެ އެވެ.
"މި ކްލަބްގެ މޯޓިވް އަކީ ތަށި ހޯދުން، ރޮނާލްޑޯ ގޮތަށް. އޭނާ ވަނީ ކޮންމެ ކްލަބެއްގައި ވެސް ތަށިތަކެއް ހޯދައިފައި. މި ކްލަބްގައި އޭނާ އަށް އަދި ހަގީގަތުގަ ތައްޓެއް ނުނެގޭ. އަހަރެން ބަލާނަން އެކަން ބަދަލުކުރަން އެހީ ވެވޭތޯ. އަހަރެމެން ދެމީހުން އެއް ބަހަކުން ވާހަކަ ދައްކަނީ، އެއީ ވަރަށް ބޮޑު ފަސޭހައެއް، އަހަރެމެންނަކީ ޕޯޗުގީޒުން."
ޖީސުސް ވަނީ 2024 ވަނަ އަހަރު އަލް ހިލާލަށް ސައުދީ ލީގާއި ކިންގް ކަޕްގެ އިތުރުން ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްދީފަ އެވެ. އޭނާ އަލް ހިލާލް ދޫކޮށްލީ ނިމިދިޔަ ސީޒަންގެ ފަހުކޮޅު، އެ ކްލަބް އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ ސެމީ ފައިނަލުން ބަލިވުމުން، މިދިޔަ މެއި މަހު އެވެ. އޭގެ ކުރީ ސީޒަންގައި ވެސް ޖީސުސްގެ އިރުޝާދުގެ ދަށުން އަލް ހިލާލް ޗެޕިއަންސް ލީގު ނިންމާލާފައި ވަނީ ސެމީ ފައިނަލާ ހަމައިންނެވެ.
މިދިޔަ ސީޒަންގެ ލީގުގެ ތިންވަނައިގައި ނިންމި ނަސްރު، އަންނަ ސީޒަންގައި ފެންނާނީ އޭޝިއާގެ ދެ ވަނަ ފަންތީގެ މުބާރާޓް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގު 2 އިންނެވެ.
މިދިޔަ ސީޒަންގައި އައް ނަސްރަށް ވަނީ ދެ ކޯޗަކު އިރުޝާދު ދީފަ އެވެ. އެ ޓީމުން 2023 ވަނަ އަހަރު ގެނައި ކޯޗު ލުއިސް ކަސްޓްރޯ މަގާމުން ދުރުކޮށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އެ މަގާމަށް އިޓަލީގެ ސްޓެފާނޯ ޕިއޯލީ ހަމަޖައްސައިފަ އެވެ. ނަމަވެސް ސީޒަން ނިމުމުން އޭނާ ވަނީ ނަސްރު ދޫކޮށްލައި އިޓަލީގެ ފިއޮރެންޓީނާއާ ހަވާލުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy