30 ޖުލައި 2025 - 11:20
އޭޝިއަން ކަޕް ކޮލިފައިންގައި ބާކީ ހުރި މެޗުތަކަށް ތައްޔާރުވުމަށްޓަކައި އިންޑިއާ އިން، ހާއްސަ މެހެމާނެއްގެ ގޮތުގައި ސެންޓްރަލް އޭޝިއާގެ ނޭޝަންސް ކަޕުގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ގައުމުތަކުން އަލަށް އުފެއްދި ޖަމިއްޔާ އެއް ކަމަށްވާ ސެންޓްރަލް އޭޝިއަން ފުޓްބޯލަ އެސޯސިއޭޝަންސް އިން ބާއްވާ މީގެ ދެ ވަނަ މުބާރާތެވެ. ތަޖިކިސްތާނާއި، އުޒްބެކިސްތާނުގައި މުބާރާތް އޮންނާނީ އޮގަސްޓް 29 އިން ސެޕްޓެމްބަރު 8 އަށެވެ.
މުބާރާތުން އިންޑިއާ އަށް ފުރުސަތު ދިނީ މެލޭޝިއާ އަށް ދިން ދައުވަތު ބަލައިނުގަތުމުންނެވެ.
މުބާރާތުގައި އިންޑިއާ ހިމެނެނީ ތަޖިކިސްތާނާއި، އީރާނާއި، އަފްގާނިސްތާނާ އެކު ގްރޫޕް ބީ ގަ އެވެ. ގްރޫޕް އޭ ގައި ހިމެނެނީ އުޒްބެކިސްތާން، ކިރްގިސްތާން، ތުރުކުމެނިސްތާން އަދި މެހެމާނެއްގެ ގޮތުގައި ބައިވެރިވާ އޮމާނެވެ.
މިއީ ފީފާގެ ބައިނަލްއަގްވާމީ ކަލަންޑަރުން ބޭރުން ބާއްވާ މުބާރާތެއް ކަމުން ކްލަބްތަކަށް، ގައުމީ ޓީމަށް ކުޅުންތެރިން ވީއްލަން މަޖުބޫރެއް ނުވާނެ އެވެ. އެހެންވެ އީރާނުގައި ހިމެނޭ މަޝްހޫރު ބައެއް ކުޅުންތެރިން ނުފެންނާނެ އެވެ.
އިންޑިއާ އިން މުބާރާތަށް ދާން ނިންމީ އާ ކޯޗާ އެކު، އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުތަކުގެ ކުރިން ޓީމު އެކުލަވާލުމަށެވެ. ކޮލިފައިންގައި އިންޑިއާ އަށް ދެން އޮތީ ސިންގަޕޫރާ ދެކޮޅަށް އަމިއްލަ ގައުމާއި، ރަށުން ބޭރުގައި ކުޅޭ ދެމެޗުގެ އިތުރުން ބަންގްލަދޭޝާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗާއި، ހޮންކޮންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ.
ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ސިންގަޕޫރާއި ހޮންކޮން އޮތީ ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. ބަންގްލަދޭޝާއި، އިންޑިއާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. އޭޝިއަން ކަޕަށް ކޮލިފައިވާނީ ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު އަންނަނީ ކޯޗެއް ފައިނަލްކުރުމުގެ މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީސް
30 July 2025
ޜާއްޖެ ލަދުގަންނަން ޖެހޭނެ
ބުލޭން
30 July 2025
ރާއްޖެ ކުޅޭނީ ކަންމަތީ ގޭންގުތަކުގެ ކަޕް.