ކުޅިވަރު

އޭޝިއަން ގޭމްސްގެ ސާފިން އިވެންޓުން ރާއްޖެއަށް އިތުރު ދެ ޖާގަ

މިއަހަރު ރާއްޖެއަށް ލިބުނު އޭޝިއަން ގޭމްސްގެ ދެ ޖާގައިގެ ޓިކެޓާ ހަވާލުވި ޝާޒު އަދި ހޫބްޒް.-- ފޮޓޯ: މުހައްމަދު ޝާބިން/ ސިޑިބަރި

13 އޯގަސްޓް 2025 - 14:34

އަންނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓުން، ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމަށް ވެސް ދެ ޖާގަ ލިބިއްޖެ އެވެ.

އިއްޔެ އިންޑިއާގެ ޓެމިލްނާޑޫގައި ނިމުނު އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ފަހު، ސަރަހައްދުގެ ގަދަ ހަތެއްގައި އަންހެން އަދި ފިރިހެން ޓީމު ވެސް ރޭންކް ކުރެވިފައި ވާތީ، އޭޝިއަން ގޭމްސްގެ ގޯލްޑަން ޓިކެޓް ރާއްޖޭގެ ދެ ޓީމަށް ވެސް ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރު ތުލުސްދޫގައި ބޭއްވި މުބާރާތުގައި ރާއްޖެ ވަނީ، ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަނަ ގައުމުގެ ގޮތުގައި ރޭންކް ކުރެވިގެން ފިރިހެން އަދި އަންހެން ޖާގައެއް ޔަގީން ކޮށްފަ އެވެ.

އެހެންވެ، އޭޝިއަން ގޭމްސްގެ ސާފިން އިވެންޓުން ރާއްޖެ އަށް ވަނީ ޖުމުލަ ހަތަރު ޖާގަ ކަށަވަރު ވެފަ އެވެ.

މިއަހަރާއި މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ ވެސް، އޭޝިއަން ގޭމްްގެ ކޮލިފައިން މުބާރާތެކެވެ. ދެ މުބާރާތުން، އަންހެން 24 އަދި ފިރިހެން 24 ޖާގަ އާ އެކު، ޖުމްލަ 48 ޖާގަ ލިބޭނެ އެވެ. އެއީ، އަންހެން އަދި ފިރިހެން އޯޕަން ބައިން ވެސް ކޮންމެ ގައުމަކުން ގިނަވެގެން ދެ ޖާގައިގެ ނިސްބަތުންނެވެ.

މިއަހަރުގެ ޓީމް ރޭންކިން އިން ދިވެހިރާއްޖޭގެ ފިރިހެން ޓީމަށް ލިބުނީ، ޖުމްލަ 17 ގައުމުގެ ތެރެއިން ހަތްވަނަ އެވެ. ރާއްޖެ އާއި ޗައިނާ އަށް ވެސް ހަތްވަނަ ލިބުނީ 1160 ޕޮއިންޓާ އެކު އެވެ.

ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖޭގެ ފަހަތުން ބަންގްލަދޭޝް ނިންމާލީ ރޭންކިންގެ ނުވަވަނައިގަ އެވެ. ދެކުނު އޭޝިއާ ސަރަހައްދުގަ އެންމެ ކުރީގައި ނިންމީ މުބާރާތް ބޭއްވި އިންޑިއާ އެވެ. އިންޑިއާ ޓީމު ވަނީ ޖުމްލަ 1785 ޕޮއިންޓާ އެކު ތިންވަނަ ހޯދައިފަ އެވެ. ޓީމް ރޭންކިންގެ ހަތަރުވަނަ އާ އެކު ކޮޕާ މެޑަލް ލިބުނީ ފިލިޕީންސަށެވެ. ދެކުނު ކޮރެއާ އަށް ދެވަނަ އެވެ. އެއްވަނަ ހޯދީ އިންޑޮނޭޝިއާ އެވެ.

އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ، ޖޫނިއާ ބައިގެ ވެސް ޗެމްޕިއަންކަން ހޯދި ދެކުނު ކޮރެއާގެ ކަނޯއާ ހީޖޭ އެވެ. އިންޑޮނޭޝިއާގެ ޕަޖަރު އަރިޔާނާ ދެވަނަ ހޯދި އެވެ. ތިންވަނަ ހޯދީ އިންޑިއާގެ ރަމޭޝް ބުދިހާލް އެވެ. އަދި ހަތަރުވަނައަށް ދިޔައީ އިންޑޮނޭޝިއާގެ މެގަ އާޓަނާ އެވެ.

ދިވެހިރާއްޖޭގެ ތިން ސާފަރުން ކަމަށްވާ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ހޫދު އަހުމަދު (ހޫބްޒް) އަދި އަހުމަދު އާގިލް (އަންމަޑޭ) މިއަހަރުގެ މުބާރާތް ނިންމާލީ ތިންވަނަ ބުރުންނެވެ.

ރާއްޖޭގެ އަންހެން ޓީމަށް ވެސް މިއަހަރު ލިބުނީ ދެކުނު އޭޝިއާގެ ދެވަނަ އެވެ. އަންހެން ރޭންކިންގައި ރާއްޖެ ހިމެނެނީ ވާދަކުރި އޭޝިއާގެ 13 ގައުމުގެ ތެރެއިން 10 ވަނައިގަ އެވެ. ރާއްޖޭގެ ފަހަތުން، ރޭންކިންގެ 11 ވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ކުރީގައި އޮތީ އަށްވަނަ ހޯދި އިންޑިއާ އެވެ. އަންހެން ޓީމް ރޭންކިންގެ ހަތަރުވަނަ ހޯދީ ޗައިނީޒް ޓައިޕޭ އެވެ. ތިންވަނަ ތައިލެންޑަށެވެ. ދެވަނަ ލިބުނީ އިންޑޮނޭޝިއާ އަށެވެ. އަދި އެއްވަނަ ހޯދީ ޖަޕާނެވެ.

ރާއްޖޭގެ އަންހެން ތިން ސާފަރުން ކަމަށްވާ މަރިޔަމް ރާހިލް ނަސީމް (އާޔާ) އާއި ޝާޒިޔާ ސައީދު (ޝާޒު) އަދި ފާތިމަތު ރިޝްތާ ޝުޖާއު ވަނީ އަންހެން އޯޕަންގެ ދެވަނަ ބުރުގައި ވާދަ ކޮށްފަ އެވެ.

އަންހެން އޯޕަންގެ ފައިނަލް ހީޓުގައި އެއްވަނަ ހޯދީ ޖަޕާނުގެ އަންރީ މަޓްސޫނޯ އެވެ. އެ ގައުމުގެ ސުމޯމޯ ސާޓޯ އަށް ދެވަނަ ލިބުނު އިރު ތިންވަނަ ހޯދީ ތައިލެންޑްގެ އިޒަބެއްލާ ހިގްސް އެވެ. އަދި ހަތަރުވަނަ ލިބުނީ ޗައިނާގެ ޝުހާން ޖިން އަށެވެ.

މިއަހަރުގެ މުބާރާތުގެ ޓީމް އިވެންޓް ކަމަށްވާ އަލޯހާ ކަޕްގައި ރާއްޖެއަށް ފައިނަލް ހީޓުން ޖާގައެއް ނުލިބުނެވެ. ސެމީ ފައިނަލް ހީޓުގައި ރާއްޖެ ވާދަކުރީ ޖަޕާނާއި ތައިލެންޑް އަދި އިންޑިއާގެ ލޯކަލް ޓީމް، މަހަބަލިޕޫރަމްއާ އެވެ. އަންމަޑޭ އާއި ސްމައިލީ އަދި ހޫބްޒްގެ އިތުރުން ޝާޒު ހިމެނުނު މި ޓީމު ނިންމާލީ ހީޓުގެ ހަތަރުވަނައިގަ އެވެ.

އަލޯހާ ކަޕުން ޗެމްޕިއަންކަން ހޯދީ ޖަޕާނެވެ. ޗައިނާ ދެވަނަ އަށް ދެވަނަ އެވެ. ތިންވަނައަށށް ދިޔައީ ފިލިޕީންްސް އެވެ. އަދި ހަތަރުވަނައިގައި ނިންމީ ތައިލެންޑެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454