އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީމުގެ ސާފަރުން؛ (ކ-ވ) ކައި ޒަކީ، ކައިޕުޓީ، ޔަސީން.-- ފޮޓޯ: މުހައްމަދު ޝާބިން/ ސިޑިބަރި
13 އޯގަސްޓް 2025 - 12:39
މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހިރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޖޫނިއާ ފިރިހެން ސާފިން ޓީމު، ކޮޕާ މެޑަލް ހޯދައިފި އެވެ.
ހަތަރުވަނަ އާއެކު ރާއްޖޭގެ ޒުވާން ޓީމު ކޮޕާ މެޑަލް ހޯދީ، މުބާރާތް ބޭއްވި އިންޑިއާ ފަސްވަނަ އަށް ޖައްސާލައިފަ އެވެ. އެގޮތުން ދިވެހި ޖޫނިއާ ތިން ސާފަރުން ކަމަށްވާ ޔަސީން އަހުމަދު ނާޝިދާ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) އަދި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ވަނީ ޖުމްލަ 1403 ޕޮއިންޓް ހޯދައިފަ އެވެ.
ޖޫނިއާ ބައިގައި ކައިޕުޓީ ވަނީ ދެވަނަ ބުރުގައި ވާދަ ކޮށްފަ އެވެ. ކައި ޒަކީ އާއި ޔަސީން ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރި އިރު، އިންޑިއާގެ އެތުލީޓެއް ވެސް ކުއާޓާގައި ވާދަ ކޮށްފައި ވެއެވެ.
މިދިޔަ އަހަރުގެ ސެމީ ގައިނަލްގައި ވާދަ ކުރި ކައި ޒަކީ ވަނީ، މިއަހަރުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ހީޓުގައި 8.23 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް އޭނާއަށް ލިބުނީ ހީޓުގެ ހަތަރުވަނަ އެވެ.
ޔަސީން ވަނީ ކުއާޓާގެ ތިންވަނަ ހީޓުގައި 7.43 ޕޮއިންޓް ހޯދައި ތިންވަނަ ހޯދައިފަ އެވެ. މި ހީޓުގެ ހަތަރުވަނައަށް ދިޔަ އިންޑިއާގެ ހަރީޝް ޕީ އަށް ލިބުނީ 6.80 ޕޮއިންޓެވެ.
ޖޫނިއާ ޓީމް ރޭންކިންގެ ތިންވަނަ އާއެކު ބްރޯންޒް މެޑަލް ލިބުނީ، 1653 ޕޮއިންޓް ހޯދި ޗައިނީޒް ޓައިޕޭ އަށެވެ. ދެކުނު ކޮރެއާ އަށް 2060 ޕޮއިންޓާ އެކު ދެވަނަ ލިބުނު އިރު، އެއްވަނަ ހޯދީ 2260 ޕޮއިންޓް ހޯދި ޗައިނާ އެވެ.
ޗައިނާގެ ތިން ސާފަރުން ޖޫނިއާ ބައިގެ ފައިނަލްގައި ވާދަ ކޮށްފައި ވާއިރު، ޗެމްޕިއަންކަން ހޯދީ ދެކުނު ކޮރެއާގެ ކަނޯއާ ހީޖޭ އެވެ. ޝިޑޮންގް ވޫ ދެވަނައަށް ދިޔައިރު، ތިންވަނައަށް ދިޔައީ ޝުލޯއު ޖިއަންގް އެވެ. އަދި ހަތަރުވަނައަށް ދިޔައީ ލިހާއޯ ޒަންގް އެވެ. ޗެމްޕިއަންކަން ހޯދި ހީޖޭ ވަނީ ފިރިހެން އޯޕަން ބައިގެ ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ.
އަންހެން 18 އަހަރުން ދަށުގެ ބައިގައި ރާއްޖެ ވާދައެއް ނުކުރެ އެވެ. މި ބައިގައި ފަސް ގައުމަކުން ވާދަ ކޮށްފައި ވާއިރު، ފަސްވަނަ ލިބުނީ ދެކުނު ކޮރެއާއަށެވެ. ހަތަރުވަނަ ލިބުނީ އިންޑިއާއަށެވެ. ޗައިނީޒް ޓައިޕޭ އަށް ތިންވަނަ ލިބުނު އިރު، ދެވަނައަށް ދިޔައީ ތައިލެންޑެވެ. އަދި އެއްވަނަ ލިބުނީ ޗައިނާއަށެވެ.
ޖޫނިއާ އަންހެން ފައިނަލް ހީޓުގައި ޗައިނާގެ ދެ އެތުލީޓުން ވާދަ ކުރި އެވެ. އެއްވަނަ ހޯދީ ޗައިނާގެ ސިގީ ޔަންގް އެވެ. ދެވަނައަށް އެގައުމުގެ ޝުހާން ޖިން ހޮވުނު އިރު، ތިންވަނަ ހޯދީ ތައިލެންޑްގެ އިޒަބެއްލާ ހިގްސް އެވެ. އަދި ހަތަރުވަނައަށް ދިޔައީ ދެކުނު ކޮރެއާގެ ޝިން ޖޫބިން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy