ރާއްޖޭގެ ދެ ޒުވާން ސާފަރުން ކަމަށްވާ ޔޫސުފް ކަޔާން (ކ) އާއި ޔަސީން. -- ފޮޓޯ: މުހައްމަދު ޝާބިން/ ސިޑިބަރި
10 އޯގަސްޓް 2025 - 15:07
އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖޫނިއާ މެންސް ކެޓަގަރީގެ ކުއާޓާ ފައިނަލާ ހަމައިން ރާއްޖޭގެ ޔަސީން އަހުމަދު ނާޝިދު އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) އަށް މުބާރާތް ނިންމާލަން ޖެހިއްޖެ އެވެ.
އެކަމަކު ޔަސީން އާއި ޔޫސުފް ކަޔާން ވެފައިވަނީ އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށްދާ މި މުބާރާތުގެ އެންމެ ދުރަށް ދަތުރުކުރި ދިވެހި ސާފަރުންނަށެވެ. މި ކެޓަގަރީގައި ދެން ވާދަކުރި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އަށް ފުރުސަތު ގެއްލުނީ ދެ ވަނަ ބުރާ ހަމައިންނެވެ.
މެންސް އޯޕަން ކެޓަގަރީގައި ވާދަކުރި ރާއްޖޭން އަހުމަދު އާގިލް (އައްމަޑޭ) އާއި ހޫދު އަހުމަދު (ހޫބްޒް) އާއި، އިސްމާއީލް ރަޝީދު (ސްމައިލީ) ކެޓީ ތިން ވަނަ ބުރުންނެވެ. ވިމެންސް އޯޕަން އަށް ބަލާއިރު ޝާޒިޔާ ސައީދު (ސާޒު) އާއި ފާތިމަތު ރިޝްތާ ސުޖާއު އަދި މަރިޔަމް ރާހިލް ނަސީމް (އާޔާ) ކެޓީ ދެ ވަނަ ބުރުންނެވެ.
ޖޫނިއާ މެންސް ކެޓަގަރީގެ ކުއާޓާ އިން ޔަސީން ކެޓީ ތިން ވަނަ ހީޓުގައި ވާދަކޮށް ތިން ވަނަ އަށް ދިއުމުންނެވެ. ސެމީ ފައިނަލަށް ހޮވެނީ ހީޓުގެ އެންމެ ގަދަ ދެ ސާފަރުންނެވެ. ޔަސީން އަށް ހޯދުނީ 7.43 ޕޮއިންޓެވެ. މި ހީޓުގެ އެއް ވަނަ އަކީ، 14.33 ޕޮއިންޓް ހޯދި ދެކުނު ކޮރެއާގެ ކަނޯއާ ހީޖޭ އެވެ. ދެ ވަނަ އަކީ 10.07 ޕޮއިންޓް ހޯދި ލައިހާއޯ ޒަންގް އެވެ. އަދި ހަތަރު ވަނަ އަކީ 6.80 ޕޮއިންޓް ހޯދި އިންޑިއާގެ ހަރީޝް ޕީ އެވެ.
ކުއާޓާގެ ފުރަތަމަ ހީޓުގައި ވާދަކޮށް ޔޫސުފް ކަޔާން ދިޔައީ ހަތަރު ވަނަ އަށެވެ. އޭނާ އަށް ހޯދުނީ 8.23 ޕޮއިންޓެވެ. މި ހީޓުގެ އެއް ވަނަ އަކީ 13.40 ޕޮއިންޓް ހޯދި ޗައިނީސް ޓައިޕޭގެ ޗިއާ-ޗި ޔޫ އެވެ. އަދި ދެ ވަނަ އަކީ 13.27 ޕޮއިންޓް ހޯދި ޗައިނާގެ ޝިޑޮންގް ވޫ އެވެ. އަދި ތިން ވަނަ އަކީ 8.90 ޕޮއިންޓް ހޯދި ޗައިނީސް ޓައިޕޭގެ މިންގް-ޖަންގް ލިއު އެވެ.
މެންސް އޯޕަން ކެޓަގަރީގެ ތިން ވަނަ ބުރުގައި ވާދަކޮށް ރާއްޖޭގެ ސްމައިލީ ދިޔައީ ދެ ވަނަ ހީޓުގެ ހަތަރު ވަނަ އަށެވެ. އޭނާ އަށް ހޯދުނީ 3.44 ޕޮއިންޓެވެ. އެއް ވަނަ އަކީ 12.50 ޕޮއިންޓާ އެކު އިންޑޮނީޝިއާގެ މެގާ އަރްޓަނާ އެވެ. ދެ ވަނަ އަކީ 11.00 ޕޮއިންޓް ހޯދި އިންޑިއާގެ ރަމޭޝް ބުދިހަލް އެވެ. ތިން ވަނަ އަކީ 5.00 ޕޮއިންޓް ހޯދި ޗައިނީސް ޓައިޕޭގެ ޖޯން ޖޯން ޗަން އެވެ.
ހޫބްޒް ދިޔައީ ހަތަރު ވަނަ ހީޓުގެ ތިން ވަނަ އަށެވެ. އޭނާ ސްކޯކުރީ 8.83 ޕޮއިންޓެވެ. ޗައިނާގެ ޝިޑޮން ވޫ 14.50 ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު ދެ ވަނަ އަށް ދިޔައީ 11.34 ޕޮއިންޓް ހޯދި އިންޑޮނީޝިއާގެ ދަނީ ވިޑިއަންޓޯ އެވެ. އަދި ހަތަރު ވަނަ އަކީ 3.30 ޕޮއިންޓް ހޯދުނު ލެބަނަންގެ ރިޔަން ހަކަވަޓީ އެވެ.
އައްމަޑޭ އަށް ލިބުނީ ތިން ވަނަ އެވެ. އެއީ 8.93 ޕޮއިންޓް ސްކޯކޮށްގެންނެވެ. މި ހީޓުގެ އެއް ވަނަ އަކީ 10.54 ޕޮއިންޓް ހޯދި ފިލިޕީންސްގެ އެޑުއާޑޯ އަލްސިސޯ އެވެ. ދެ ވަނަ އަކީ 9 ޕޮއިންޓް ހޯދި ޗައިނާގެ ލިއު ޗެން އެވެ. އަދި ހަތަރު ވަނަ އަކީ ސިންގަޕޫރުގެ ޖުލިއެން ސްޕަކަރޮޓެލާ އެވެ. އޭނާ އަށް ލިބުނީ 4.77 ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy