ހޫބްޒް އާއި ސްމައިލާ ރާޅަށް ފަހު ގޮނޑުދޮށުގައި. -- ފޮޓޯ: މުހައްމަދު ޝާބިން/ ސިޑިބަރި
07 އޯގަސްޓް 2025 - 11:16
އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް އޯޕަންގެ ދެ ވަނަ ބުރުގެ ހީޓުތައް ކާމިޔާބުކޮށް ރާއްޖޭގެ ހޫދު އަހުމަދު (ހޫބްޒް) އާއި، އިސްމާއީލް ރަޝީދު (ސްމައިލީ) ތިން ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
އެހެންކަމުން މެންސް އޯޕަންގައި ރާއްޖޭން ވާދަކުރާ ތިން ސާފަރުން ވެސް މިވަނީ ތިން ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ރާއްޖޭގެ އަނެއް ސާފަރު އަހުމަަދު އާގިލް (އައްމަޑޭ) ތިން ވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ވާދަކުރި ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ.
ހޫބްޒް އާއި ސްމައިލީ އަށް ލިބުނީ ފުރަމަ ބުރުގައި ވާދަކުރި ހީޓުތަކުން ދެ ވަނަ ކަމުން، އެ ދެ ސާފަރުންނަށް ދެ ވަނަ ބުރުގައި ވާދަކުރަން ޖެހުނީ އެވެ.
ދެ ވަނަ ބުރުގެ ހަތަރު ވަނަ ހީޓުގައި ވާދަކޮށް ހޫބްޒް އެއް ވަނަ ހޯދީ 10.17 ޕޮއިންޓް ސްކޯކޮށްގެންނެވެ. މި ހީޓުގެ ދެ ވަނަ އަކީ 9.67 ޕޮއިންޓް ހޯދި ބަންގްލަދޭޝްގެ އެމްޑީ ހަސަން އެވެ. އަދި ތިން ވަނަ އަކީ 3.97 ޕޮއިންޓް ސްކޯކުރި ޔޫއޭއީގެ ހަމަދް އަލްހާޝިމީ އެވެ.
ސްމައިލީ ދެ ވަނަ ބުރުގެ ދެ ވަނަ ހީޓުގައި ވާދަކޮށް އެއް ވަނަ ހޯދީ 9.70 ޕޮއިންޓާ އެކު އެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރި ބަންގްލަދޭޝްގެ ޔޫނުސް ހުސެން އަށް ހޯދުނީ 5.37 ޕޮއިންޓެވެ. އަދި ތިން ވަނަ އަށް ދިޔަ ޔޫއޭއީގެ މުހައްމަދު އަލްމަރީ އަށް ސްކޯކުރެވުނީ 3.03 ޕޮއިންޓެވެ.
ތިން ވަނަ ބުރުގައި ސްމައިލީ ވާދަކުރާނީ ދެ ވަނަ ހީޓުގަ އެވެ. އޭނާއާ އެކު ހީޓުގައި ހިމެނެނީ އިންޑިއާގެ ރަމޭޝް ބުދިހަލް އާއި އިންޑޮނީޝިއާގެ މެގާ އަރްޓަނާ އާއި ޖޫނިއާ އޯޕަންގައި ވެސް ވާދަކުރާ ޗައިނީސް ޓައިޕޭގެ ޖޯން ޖޯން ޗަން އެވެ.
ތިން ވަނަ ބުރުގައި ހޫބްޒް އޮތީ ހަތަރު ވަނަ ހީޓުގަ އެވެ. އޭނާ ވާދަކުރާނީ ޗައިނާގެ ޝިޑޮން ވޫ އާއި އިންޑޮނީޝިއާގެ ދަނީ ވިޑިއަންޓޯ އާއި ލެބަނަންގެ ރިޔަން ހަކަވަޓީ އެވެ.
ރާއްޖޭގެ އައްމަޑޭ، ތިން ވަނަ ބުރުގައި ލައްވާލީ ހަ ވަނަ ހީޓުގަ އެވެ. އޭނާއާ އެކު މި ހީޓުގައި އޮތީ ފިލިޕީންސްގެ އެޑުއާޑޯ އަލްސިސޯ އާއި ޗައިނާގެ ލިއު ޗެން އަދި ސިންގަޕޫރުގެ ޖުލިއެން ސްޕަކަރޮޓެލާ އެވެ.
ތިން ވަނަ ބުރު ކުރިއަށްދާނީ ކޮންމެ ހީޓެއްގެ އެއް ވަނަ އާއި ދެ ވަނަ ހޯދާ ސާފަރުން ކުއާޓާ ފައިނަލަށް ދާ އުސޫލުންނެވެ. އަނެއް ދެ ސާފަރުންނަށް އެ ހިސާބުން މުބާރާތް ނިމުނީ އެވެ.
ސާފިން ޓީމުގެ ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކް އެވެ. މި ސްޕޮންސާޝިޕްގެ ދަށުން ގައުމީ ސާފިން ޓީމަށް ބޭންކުން މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. އަދި މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ކުރިއެރުވުމަށް އެމްއެސްއޭ އިން ބާއްވާ ނެޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy