ޔޫސުފް ކަޔާން މިއަދުގެ ރާޅަށް ފަހު ކާމިޔާބީ ފާހަގަކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ ސިޑިބަރި
07 އޯގަސްޓް 2025 - 15:31
އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް ޖޫނިއާ ކެޓަގަރީގެ ދެ ވަނަ ބުރުގެ ހީޓު ކާމިޔާބުކޮށް ރާއްޖޭގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) ތިން ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ނަމަވެސް އެ ކެޓަގަރީގައި ވާދަކުރި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އާއި ވިމެންސް އޯޕަން ކެޓަގަރީގައި ވާދަކުރާ ޝާޒިޔާ ސައީދު (ސާޒު) އާއި، ފާތިމަތު ރިޝްތާ ސުޖާއު އަދި، މަރިޔަމް ރާހިލް ނަސީމް (އާޔާ) އަށް ވަނީ މިއަދު މުބާރާތް ނިންމާލަން ޖެހިފަ އެވެ.
އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށްދާ މުބާރާތުގެ ޖޫނިއާ ބައިގައި ރާއްޖޭން ދެން ވާދަކުރާ ސާފަރު ޔަސީން އަހުމަދު ނާޝިދު ވަނީ ފުރަތަމަ ބުރުގައި ވާދަކުރި ހީޓުގެ ދެ ވަނަ ހޯދައި، މާ ކުރިން ތިން ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ތިން ވަނަ ބުރުން ސީދާ ޖާގައެއް ލިބެނީ ފުރަތަމަ ބުރުގެ ހީޓުތަކުގެ ގަދަ ދެ ސާފަރުންނެވެ. ޔޫސުފް ކަޔާން އާއި ކަޔާން އަރީފް ދިޔައީ ފުރަތަމަ ބުރުގެ ހީޓުގެ ތިން ވަނަ އަށް ކަމުން، އެ ދެ ސާފަރުންނަށް ތިން ވަނަ ބުރުން ފުރުސަތު ލިބެން އޮތީ ދެ ވަނަ ބުރުގައި ވާދަކޮށް ހީޓުގެ ގަދަ ދެ ސާފަރުން ތެރޭ ހިމެނިގެންނެވެ.
އެގޮތުން މިއަދު ދެ ވަނަ ބުރުގައި ވާދަކޮށް ޔޫސުފް ކަޔާން ތިން ވަނަ ބުރުން ފުރުސަތު ހޯދީ 6.17 ޕޮއިންޓާ އެކު ހީޓުގެ އެއް ވަނަ އާ އެކު އެވެ. މި ހީޓުން ދެ ވަނަ އަށް ދިޔައީ 4 ޕޮއިންޓާ އެކު އިންޑިއާގެ ނަވީން ކުމާރެވެ. އަދި ތިން ވަނަ އަކީ 1.50 ޕޮއިންޓް ސްކޯކުރި ސިންގަޕޫރުގެ މުހައްމަދު ހައްޔާން އެވެ.
ރާއްޖޭގެ ކަޔާން އަރީފް ދެ ވަނަ ބުރުގެ ދެ ވަނަ ހީޓުގައި ވާދަކޮށް ދިޔައީ ތިން ވަނަ އަށެވެ. އޭނާ އަށް ހޯދުނީ 6.90 ޕޮއިންޓެވެ. މި ހީޓުގެ އެއް ވަނަ އަކީ 7.83 ޕޮއިންޓް ހޯދި ލެބަނަންގެ ރިޔަން ހަކަވަޓީ އެވެ. އަދި ދެ ވަނަ އަކީ 7.30 ޕޮއިންޓް ސްކޯކުރި ތައިލެންޑުގެ ގްވިންޓް ޖަންދްކޭ އެވެ.
ރާއްޖޭގެ އަންހެން ތިން ސާފަރުން (ކ-ވ) ރިޝްތާ، އާޔާ އަދި، ސާޒު މުބާރާތުގެ އޯޕަނިން ސެރަމަނީގައި. -- ފޮޓޯ: މުހައްމަދު ޝާބިން/ ސިޑިބަރި
މުބާރާތުގެ ވިމެންސް އޯޕަން ކެޓަގަރީ ވާދަކުރާ ރާއްޖޭގެ ތިން ސާފަރުންނަށް ވެސް ދެ ވަނަ ބުރާ ހަމައިން މުބާރާތް ނިންމާލަން ޖެހުނީ ދެ ވަނަ ބުރުގެ ހީޓުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ސާފަރުންގެ ތެރޭ ނުހިމެނުމުންނެވެ.
ދެ ވަނަ ބުރުގެ ފަސް ވަނަ ހީޓުގައި ވާދަކޮށް ސާޒު ދިޔައީ 1.50 ޕޮއިންޓާ އެކު ތިން ވަނަ އަށެވެ. ރިޝްތާ ދިޔައީ 0.77 ޕޮއިންޓާ އެކު ހަތަރު ވަނަ އަށެވެ. މި ހީޓުން އެއް ވަނަ ހޯދީ 8.67 ޕޮއިންޓާ އެކު ޗައިނީސް ޓައިޕޭގެ ޔުން-ޖުންގް ޗުންގް އެވެ. އަދި ދެ ވަނަ އަކީ 3.46 ޕޮއިންޓް ހޯދި ބަންގްލަދޭޝްގެ ފާތިމާ އަކްތެރް އެވެ.
ރާއްޖޭގެ އާޔާ ދިޔައީ ދެ ވަނަ ހީޓުގައި ވާދަކޮށް ތިން ވަނަ އަށެވެ. އޭނާ އަށް ހޯދުނީ 0.97 ޕޮއިންޓެވެ. މި ހީޓުގެ އެއް ވަނަ އަކީ، 10.17 ޕޮއިންޓް ހޯދި ޗައިނީސް ޓައިޕޭގެ ވަން-ޗޫ ޗެން އެވެ. އަދި ދެ ވަނަ އަކީ 1.50 ޕޮއިންޓް ސްކޯކުރި މެލޭޝިއާގެ ނުރައިން އީސާ އެވެ.
މެންސް އޯޕަން ކެޓަގަރީގައި މިއަދު ހެނދުނު ދެ ވަނަ ބުރުގެ ހީޓުތައް ކާމިޔާބުކޮށް ރާއްޖޭގެ ހޫދު އަހުމަދު (ހޫބްޒް) އާއި، އިސްމާއީލް ރަޝީދު (ސްމައިލީ) ތިން ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ރއެހެންކަމުން މެންސް އޯޕަންގައި ރާއްޖޭން ވާދަކުރާ ތިން ސާފަރުން ވެސް މިވަނީ ތިން ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ރާއްޖޭގެ އަނެއް ސާފަރު އަހުމަދު އާގިލް (އައްމަޑޭ) ތިން ވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ވާދަކުރި ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ.
މިއީ ގައުމީ ޓީމާ އެކު، ފިރިހެން ޖޫނިއާ އަދި އަންހެން ރާޅާއެޅުންތެރިން ގައުމުން ބޭރު މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ގައުމީ ޓީމުގައި އަންހެން އެއް އެތުލީޓަކަށް ވުރެ ގިނައިން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ސާފިން ޓީމުގެ ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކް އެވެ. މި ސްޕޮންސާޝިޕްގެ ދަށުން ގައުމީ ސާފިން ޓީމަށް ބޭންކުން މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. އަދި މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ކުރިއެރުވުމަށް އެމްއެސްއޭ އިން ބާއްވާ ނެޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy