ރާއްޖޭގެ ޒުވާން ވޮލީ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސި އިރާންގެ ކުރީގެ ކުޅުންތެރިޔާ ނަޒާރީ އަފްޝަރު އިރާންގެ ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ: ތެހެރާން ޓައިމްސް
12 ސެޕްޓެމްބަރ 2025 - 10:57
ރާއްޖޭގެ 23 އަހަރުންދަށުގެ ވޮލީ ޓީމުގެ ކޯޗުކަމަށް އިރާންގެ ކުރީގެ ކުޅުންތެރިޔާ ފަރްހާދު ނަޒާރީ އަފްޝަރު ހަމަޖައްސައިފި އެވެ.
އިރާނުގެ ޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައި ދިނުމުގައި ހިއްސާވި ނަޒާރީއާ އެކު ވީއޭއެމުން އެއްބަސްވުން ހެދީ އެއް އަހަރުގެ މުއްދަތަކަށެވެ. ވީއޭއެމުން ބުނީ ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗުކަމަށް ނަޒާރީ ހަމަޖެއްސީ އެފްއައިވީބީން މުސާރަ ދޭ ގޮތަށް ކަމަށެވެ.
ނަޒާރީ އަފްޝަރު ރާއްޖޭގެ ޓީމުގެ ތަމްރީނުތަކުގައި --- ފޮޓޯ: ކާއްޓޭ | ފޭސްބުކް
ޖަޕާނުގައި 2017 ގައި ބޭއްވި ދުބިޔޭގެ ޗެމްޕިއަންސް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރީ ނަޒާރީ ވަނީ 2010 ގެ އޭޝިއަން ގޭމްސްގެ ފިރިހެން ވޮލީން ރިހި މެޑަލް ހޯދައި ދިނުމުގައި ހިއްސާވެފަ އެވެ. އަދި އޭޝިއާ ވޮލީބޯޅަ މުބާރާތް އޭވީސީ ކަޕްގެ ޗެމްޕިއަންކަންކަން 2008 އަދި 2010 ގައި އޭނާގެ ހިއްސާއާ އެކު އިރާނަށް ހޯދައި ދިނެވެ.
އުމުރުން 41 އަހަރުގެ އަފްޝަރަކީ 23 އަހަރުންދަށުގެ ޓީމުގައި މި އަހަރު މަސައްކަތް ކުރާ ދެވަނަ ކޯޗެވެ. ކުރިން ވެސް އެ މަގާމު އަދާކުރީ އިރާނުގެ ތަޖުރިބާކާރެކެވެ. އަލީ ޕޫރު އަރޫޖީ، ދެ މަހު ރާއްޖޭގައި މަސައްކަތް ކުރުމަށް ފަހު ރާއްޖޭގެ މަގާމު ދޫކޮށްލީ ޒަމާނީ ވޮލީބޯޅައެއް ކުޅުވާނެ އެކަށީގެންވާ ވަސީލަތެއް ރާއްޖޭގައި ނެތް ކަމަށް ބުނެ އެވެ. އޭނާ ބުނެފައި ވަނީ އައުޓްޑޯގައި ޕްރެކްޓިސްކޮށްގެން ޒަމާނީ ވޮލީގެ ގޭމެއް ނުކުޅެވޭނެ ކަމަށެވެ.
މިހާރުގެ ކޯޗު ނަޒާރީ ވަނީ ޒުވާން ޓީމާ އެކު ޕްރެކްޓިސް ފަށައިފަ އެވެ. އޭނާ ޕްރެކްޓިސް ފެށީ އައުޓްޑޯގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy