ފައިނަލް ހީޓަށް ފަހު ޖާއްޓެ އުފުލާލައިގެން އެއްގަމަށް އަރުވަނީ.-- ފޮޓޯ: ސިޑިބަރި | ޝާބިން
13 ސެޕްޓެމްބަރ 2025 - 20:39
ގައުމީ ސާފް ލީގުގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ހިމެނި ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަންކަން، ފާއިތުވި ދެ އަހަރުގެ ބޮޑީބޯޑިން ގައުމީ ލީގުގެ ޗެމްޕިއަން އަލީ ޖާވިދު (ޖާއްޓެ) ހޯދައިފި އެވެ.
ލ. މާބައިދޫގައި މިއަދު ނިމުނު "ކެރަންޑޫ" މުބާރާތުގެ ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަންކަން ޖާއްޓެ ހޯދީ ފައިނަލް ހީޓުގައި މުހައްމަދު ކައިފްއާ ވާދަކޮށް ޖުމްލަ 12.37 ޕޮއިންޓް ހޯދައިގެންނެވެ. ކައިފަށް އެ ހީޓުގައި ލިބުނީ ޖުމްލަ 11.67 ޕޮއިންޓެވެ.
ޖުމްލަ 10 އެތުލީޓުން ވާދަކުރި މި އިވެންޓުގައި، ކައިފް އާއި ޖާއްޓެ ގެ އިތުރުން ބޮޑީބޯޑިންގައި ރާއްޖޭގެ ފުންނާބު އުސް ގިނަ އެތުލީޓުން ވާދަ ކޮށްފައިވެ އެވެ.
އެގޮތުން ސެމީ ފައިނަލްގެ ހީޓުގައި ޖާއްޓެ ވާދަކުރީ، މި އަހަރު މިހާތަނަށް ބޭއްވި ބޮޑީބޯޑިން ގައުމީ ލީގުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ބުރުނު ޝިކާރާއި ލަބެރަ ބޮޑީބޯޑިން ޗެލެންޖްގެ ޗެމްޕިއަން އާމިން އުމަރު މޫސާއާ އެވެ. ސެމީގައި ޖާއްޓެ ކުރި ހޯދީ 11.50 ޕޮއިންތް ހޯދައިގެންނެވެ. އާމިން އަށް ލިބުނީ 11.17 ޕޮއިންޓެވެ.
ސާފް ލީގުގެ ތިން އިވެންޓުގެ އެއްވަނަ އަދި ދެވަނަ ހޯދި އެތުލީޓުން؛ (ކ-ވ) ޖާއްޓެ، ކައިފް، އަންމަޑޭ، އިނާން، ޔަސީން.-- ފޮޓޯ: ސިޑިބަރި | ޝާބިން
ޒުވާން ބޮޑީބޯޑަރު ކައިފް ސެމީ ފައިނަލް ހީޓުގައި ވާދަކުރީ، ރާއްޖޭގެ އިތުބާރު ބޮޑީބޯޑަރު އަސްވާން މުހައްމަދާ އެވެ. މި ހީޓުން ކައިފް ކުރި ހޯދީ ޖުމްލަ 10.34 ޕޮއިންޓާ އެކު، 0.01 ޕޮއިންޓުގެ ތަފާތަކުންނެވެ. އަސްވާން އަށް ލިބުނީ 10.33 ޕޮއިންޓެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ހީޓުގައި އާމިން އާއި ކައިފް ކުރި ހޯދީ، ޖޫނިއާ ބޮޑީބޯޑިން ދެބެން ކަމަށްވާ ނޫން މުހައްމަދު ދުނެއިމް އިރުޝާދާއި ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށެވެ. އަދި ކުއާޓާގެ ދެވަނަ ހީޓުގައި އަސްވާން އާއި ޖާވިދު ކުރި ހޯދާފައި ވަނީ އިޔަން އަހުމަދާއި އަހުމަދު އަންފާލާ ވާދަކޮށެވެ.
އިޔަން އަކީ މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ދެ މުބާރާތުގެ ވެސް ޖޫނިއާ ފައިނަލްގައި ވާދަކޮށް، ބުރުނު ޝިކާރުގެ ޗެމްޕިއަންކަން ހޯދި އެތުލީޓެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖްގެ އޯޕަން ބައިގެ ފައިނަލްގައި ޖާއްޓެ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިއީ މޯލްޑީވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކުރިއަށް ގެންދާ ގައުމީ ސާފް ލީގުގެ މުބާރާތެއްގައި ބޮޑީބޯޑިން އިވެންޓެއް ހިމެނި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy