ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: މާޒިޔާ
31 އޮކްޓޯބަރ 2025 - 19:35
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާގެ މައްޗަށް 5-0 ގެ ނަތީޖާއަކުން މޮޅުވެ، މާޒިޔާއިން މޮޅުވުމުގެ ރޭހުގައި ދަމަހައްޓައިފި އެވެ.
މާޒިޔާއިން މި އަހަރު ކުޅުނު 14 މެޗުގެ ތެރެއިން ދެ މެޗު ފިޔަވައި އަނެއް 12 މެޗުން އެ ޓީމު މޮޅުވި އެވެ. އެއީ އަހަރު ކުރީކޮޅު އެފްއޭއެމުން ބޭއްވި ނުރަސްމީ މުބާރާތް ލީގު ކަޕާއި އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިން މެޗު ވެސް ހިމަނައިގެންނެވެ.
އެ ޓީމަށް ނަތީޖާ ނުނެރެވުނު ދެ މެޗަކީ ލީގު ކަޕްގެ ލީގު ބުރުގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗާއި އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިން މެޗުގައި ކުވައިތުގެ އަލް އަރަބީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އަރަބީ އަތުން މާޒިޔާ ބަލިވީ 4-0 ންނެވެ. ލީގު ކަޕްގެ ލީގު ބުރުގައި އޮޑިއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވިޔަސް އެ މުބާރާތުގެ ތަށި މާޒިޔާއިން ހޯދީ ފައިނަލުގައި އޮޑި ބަލި ކުރުމަށް ފަހު އެވެ.
މިއަދު ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗަކީ މި އަހަރު މާޒިޔާއިން ކުޅުނު 14 ވަނަ މެޗެވެ.
މެޗުގައި ތަފާތު ބޮޑުކޮށް މާޒިޔާއިން މޮޅުވެ، މިހާރު އެ ޓީމުގެ ފައިދާ ގޯލްގެ އަދަދު ވަނީ 27 ލަނޑައް ޖައްސައިފަ އެވެ. އަދި އެއްވަނައިގައި މިހާރު ފަސް ޕޮއިންޓްގެ ލީޑްގައި އޮތީ 18 ޕޮއިންޓް ހޯދައިގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ އަށް ލީޑް ނަގައި ދިނީ ވެލެންސިއާއިން ސީނިއާ ކެރިއާ ފެށި ޒުވާން މުހައްމަދު އިލާން އިމްރާނެވެ.
މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕް) އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ، ވެލެންސިއާގެ ޑިފެންޑަރު ހަސަން ހައިޝަމް ހާމިދު ބޯޅަ ކޮންޓްރޯލް ކުރި އެވެ. އެކަމަކު އޭނާ އަށް ބޯޅަ ފޮނުވާ ނުލެވި އުޅެނިކޮށް އިލާން ވަނީ ވެލެންސިއާގެ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
މާޒިޔާގެ އަނެއް ހަތަރު ލަނޑު ޖެހީ ދެވަނަ ހާފުގަ އެވެ. އެ ހާފު ފަށައިގެން ތިންވަނަ މިނެޓްގައި އިލާން ވަނީ މާޒިޔާ އަށް ލީޑް ފުޅާކޮށް ދީފަ އެވެ.
އެ ޓީމު އިބްރާހިމް އައިސަމް (ޓޯނީ) ނަގައިދިން ކޯނަރު ޑިފެންޑަރު ލުއިސް އަލްމޭޑާ ޖެހުމުން ދަނޑިގައި ޖެހިފައި ރީބައުންސްވުމުން، ވެލެންސިއާ އެހެން ކުޅުންތެރިޔަކު އެ ބޯޅަ ކުރިއަށް ފޮނުވާލި އެވެ. އެ ބޯޅަ ލިބުނީ އޭރިއާ ބޭރުގައި ހުރި ހަސަން ނަޒީމް (ޗޯޓް) އަށެވެ. އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ އުޒްބެކިސްތާނުގެ ޑިފެންޑަރު ދަވްރާންބެކް އަބްދުވަހަޕޯވް ފައިގައި ޖެހިފައި ރީބައުންސް ވުމުން އިލާން އެ ބޯޅަ ފޮނުވާލީ ގޯލްގެ ތެރެއަށެވެ.
މާޒިޔާގެ ތިންވަނަ ލަނޑުގައި ވެސް ފެނުނީ އަބްދުވަހަޕޯވް ހެދި ގޯހެވެ. އައިސަމް ފޮނުވާލި ބޯޅަ އަބްދުވަހަޕޯވަށް ރަނގަޅަށް ދިފާއު ނުކުރެވުނެވެ. އޭނާގެ ފައިގައި ޖެހިފައި ރީބައުންސްވި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ލުއިސް އިގްލޭސިއަސް އެވެ.
މާޒިޔާގެ ހަތަރުވަނަ ލަނޑު ޖެހީ އަހްމަދު އައިހަމް އެވެ. އިލާން ދިން ބޯޅަ އައިހަމް ހޯދީ ވެލެންސިއާގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ދިއުމުންނެވެ. ބޯޅަ ހޯދައި އެރިއާ ތެރެއަށް ވަދެ ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވާލި އެވެ.
މާޒިޔާގެ ފަސްވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ޖެހީ އިގްލޭސިއަސް އެވެ. އައިހަމް ނަގައިދިން ކޯނަރުން ލިބުނު ބޯޅަ އިގްލޭސިއަސް ބޮލުން ވައްދާލައި މާޒިޔާ އަށް ލަނޑު ޖަހައި ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy