އިއްބެ ވަހީދު މިރޭގެ މެޗުގައި އޮޑީގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އަދަދު
31 އޮކްޓޯބަރ 2025 - 23:44
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އޮޑި ސްޕޯޓްސް ކްލަބް 4-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހަތް މިނިޓުތެރޭ އޮޑި ސްޕޯޓްސް ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ.
މެޗުގެ ހަތަރުވަނަ މިނިޓުގައި ބިދޭސީ ފޯވާޑް ކެރޯލިސް ލައުކްޒެމިސް ތިރިތިރިން ނަގައިދިން ބޯޅަ އިބްރާހިމް ވަހީދު ހުސެއިން (އިއްބެ ވަހީދު) އަށް މާ ރަނގަޅަށް ފޮނުވާ ނުލެވި އުޅެނިކޮށް، ގްރީންގެ ކީޕަރު ވިޝާން އަބްދުލް މަޖީދު ކްލިއާ ކޮށްލަން ގައްސާލި ވަގުތު ފުރަތަމަ ގޯލު ވަނީ އިއްބެ ވަހީދު ފައިގައި ޖެހިފަ އެވެ. މިއީ އިއްބެ ވަހީދު މި ސީޒަންގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
ވިޝާން އަކީ މި ސީޒަންގައި މިހާތަނަށް ގްރީންގެ ގޯލު ބެލެހެއްޓި ހަތަރުވަނަ ކީޕަރެވެ. އެ ޓީމުގެ އެއްވަނަ ކީޕަރު އަހުމަދު ރަމީޒް އަށް ހަތަރުވަނަ މެޗުގައި ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅެނިކޮށް އަނިޔާވެގެން އެ މެޗުގެ ބާކީ ބައިގައި އެ ޓީމު ގޯލު ބެލެހެއްޓީ ޔަނާލް މުނީޒް އެވެ. އެއަށް ފަހު މިދިޔަ ހަފްތާ މާޒިޔާއާ ދެކޮޅަށް ފެށީ ވެސް މުނީޒް އެވެ. ނަމަވެސް އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އޭނާއަށް އަނިޔާވެގެން ގޯލަށް އެރުވީ މިފްޒާލް އިދުރީސް އެވެ. މި މެޗުގައި މިފްޒާލް އިނީ ބެންޗުގަ އެވެ.
އިއްބެ ވަހީދު މިރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު، މިއީ އޭނާ މި ސީޒަންގައި ޖެހި ތިންވަނަ ލަނޑު-- ފޮޓޯ: އަދަދު
އޮޑީގެ ދެވަނަ ގޯލު ހަތްވަނަ މިނިޓު ފަހުން އަހުމަދު އައިހަމް (އައިހު) ނަގައިދިން ބޯޅައަކުން ޖަހައިދިނީ ޒުވާން މިޑްފީލްޑަރު އަހުޒަމް ރަޝީދެވެ. މިއީ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ 18 އަހަރުގެ ކުޅުންތެރިޔާ އޮޑި ސްޕޯޓްސް ކްލަބަށް ލީގުގައި ކާމިޔާބު ކޮށްދިން ތިންވަނަ ލަނޑެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.
ތިންވަނަ ލަނޑު 40 ވަނަ މިނިޓުގައި ޖަހައިދިނީ މުޒްދާން ހަސަން އެވެ. އޭނާ ވަނީ އަހުޒަމް ދިން ބޯޅައެއް އޭރިއާ ތެރޭ ހުރެ ފޮނުވާލުމުން ބްލޮކްވި ވަގުތު އަލުން ބޯލަ ހޯދައި ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. މިއީ 19 އަހަރުގެ ފޯވާޑް އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅެދިން ހަ މެޗުން ކާމިޔާބު ކޮށްދިން ހަތަރުވަނަ ގޯލެވެ.
ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ތިން މިނިޓުތެރޭގައި ޖަހައިދިނީ އައިހު އެވެ. އަހުޒަމް ދިން ބޯޅަ އައިހު އޭރިއާ ބޭރުގައި ހުރެ ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
މި ނަތީޖާއާ އެކު އޮޑި ވަނީ ހަ މެޗުން 16 ޕޮއިންޓާ އެކު ދެވަނައަށް ޖެހިލައިފަ އެވެ. އެއްވަނައިގައި އޮތީ 18 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. ތިންވަނައިގައި މިވަގުތު އޮތީ އެއް މެޗު މަދުން ކުޅެގެން 13 ޕޮއިންޓް ހޯދާފައިވާ ނިއު ރޭޑިއަންޓެވެ.
ގްރީން އަށް އަދި މިހާތަނަށް ހަ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ގްރީން ވަނީ މިދިޔަ އާދިއްތަ ދުވަހު ކްލަބްގެ ލީޑަޝިޕްގެ މަގާމުތަކަށް އާ މެމްބަރުން އައްޔަނުކޮށްފަ އެވެ. އެގޮތުން ކްލަބްގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު އަފޫ ހާމިދު އެވެ. ވައިސް ޗެއާޕާސަން އަކަށް ކުރީގެ ކްލަބްގެ ރައީސް އަދި އެފްއޭއެމްގެ ކުރީގެ ހިންގާ ކޮމިޓީގެ މެމްބަރު، މުއާވިޔަތު ހަލީލް (މުއާބެ)ގެ އިތުރުން އިބްރާހީމް ޢަބްދުﷲ ވެސް ވަނީ ހަމަޖައްސައިފަ އެވެ. އިދާރީ ސެކްރެޓަރީ އަކަށް އިބްރާހީމް އާޒިމް ހހޮވާފައި ވާއިރު އިދާރީ ސެކްރެޓަރީގެ ނައިބަކަށް ހޮވީ މުހައްމަދު ޔާމީން އަހުމަދެވެ. އަދި ހަޒާންދާރަކަށް ޔޫޝައު ލަތީފް ހަމަޖައްސާފައި ވާއިރު ހަޒާންދާރުގެ ނައިބަކަށް ހަމަޖެއްސީީ އަހުމަދު އިހުތިސާމް އެވެ. ކްލަބްގެ މީޑިއާ ކޯޑިނޭޓަރަކީ ހުސެއިން ފައުޒާން އެވެ.
ލީގުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތީ މާޒިޔާ އާއި އޮޑި އަދި ނިއު އެވެ. ނިއު މާދަމާ ރޭ ބުރު ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނެ އެވެ. އޭގެ ކުރިން މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy