ދިރާގު ދިވެހި ޕްރީމިއާ ލީގުގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތަކުން ބިސް ބުރު ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބުން ކުރި ހޯދައިފި އެވެ.
އިއްޔެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި، ބިސް ބުރުން ވަނީ ފަހަތުން އަރައި 1-2 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
މެޗުގެ 31 ވަނަ މިނެޓުގައި އަބްދުﷲ ޔާމީން (ޔާން) ޖެހި ލަނޑާ އެކު ފުރަތަމަ ހާފު ނިންމާލީ ބުރުން ކުރީގައި އޮވެގެންނެވެ.
ކޯޗު އަހުމަދު ނާޝިދު ގެނެއި ބަދަލުތަކާ އެކު ބިސް ބުރުން ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި އެވެ. ބިސްބުރުން ތަފާތު ދެއްކި ފަހުކޮޅުގަ އެވެ. މެޗުގެ 80 ވަނަ މިނެޓުގައި ނައިޖީރީއާގެ ފޯވާޑް އަލިއު އޯވޯލާބީ ފަޓާއި ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
އޭގެ ހަތަރު މިނެޓު ފަހުން ބިސް ބުރުގެ އުލޫފް އަހުމަދަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން، އެ ޓީމުން މެޗުގެ ފަހުބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގަ އެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ މުޖުދާން ސޯލިހު ޖެހި ގޯލުން ބިސް ބުރުން ވަނީ ތާރީހީ މޮޅެއް ހޯދާފަ އެވެ.
ރޭ ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ވަނީ 0-4 އިން ގދ. ގައްދޫ ރެކްރިއޭޝަން ކްލަބް މަގާމުގޮސް ބަލިކޮށްފަ އެވެ.
މެޗު ފަށައިގެން އޮޑިން ވަނީ މެޗުގެ ކޮންޓްރޯލް އަތުލައި، އާ ކުޅުންތެރިޔާ ހޮޖްސަން ޑިއާސް ޑެ ޖީސަސްގެ ގޯލުން ކުރިހޯދާފަ އެވެ.
މުޒްދާން ހަސަން ތަނަވަސްކޮށްދިން ފުރުސަތަކުން އަހުޒަމް ރަޝީދު ވަނީ ދެވަނަ ލަނޑު ޖަހާފަ އެވެ.
މެޗުގެ 36 ވަނަ މިނެޓުގައި މުޒްދާންގެ އެސިސްޓަކުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑީގެ ލީޑު 0-3 އަށް ފުޅާކޮށްދީފަ އެވެ.
އޮޑީގެ ހަތަރުވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ މުހައްމަދު ސަހާއު ތަނަވަސްކޮށްދިން ފުރުސަތަކުން ސާބިއާގެ މިޑްފީްލޑަރު ޓޯމިސްލާވް ޓޮޑޮރޯވިޗެވެ.
މި ނަތީޖާއާ އެކު އޮޑި ތާވަލުގެ ކުރީގައި މަގާމު ވަރުގަދަކުރި އެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.