ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން ގދ. ގައްދޫ 2-0 ން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
މާޅޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗާ ހަމައަށް އައިރު، ޕޮއިންޓެއް ވެސް ނުލިބި އޮތް ދެ ޓީމަކީ ގައްދޫ އާއި ބުރެވެ.
ރާއްޖޭގެ އެންމެ މަތީ ލީގުގައި މުޅިން އަލަށް ވާދަކުރާ ގައްދުއަށް، ބުރު ހިފަހައްޓާލެވުނީ ފުރަތަމަ ހާފު ނިމެންދެންނެވެ.
ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓްގައި ބުރަށް ފުރަތަމަ ލަނޑު ޖަހައި ދިނީ އާޖެންޓީނާ ފޯވާޑް ހުއާން އެޑުއާޑޯ ލެސްކާނޯ އެވެ. ދިވެހި ލީގުގެ ތަޖުރިބާބޮޑު މިސްރުގެ ކުޅުންތެރިޔާ ހަލީލް ޖާމަލް އޭރިއާ ބޭރުގައި ހުރެފައި، ގައްދޫގެ ޑިފެންޑަރުންގެ ބޯމަތިން ބޯޅަ ނަގައިދިނީ އެޑުއާޑޯގެ ފަޔަށެވެ.
އޭނާ ވަނީ ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.
ބުރުގެ ދެވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓްގައި ޖެހީ އިބްރާހިމް އުސާމާ ހުސައިން މަޖީދެވެ.
އަލީ ހަމްދާން އޭރިއާގެ ބޭރުގައި ހުރެފައި އޭރިއާގެ އަރިމައްޗަށް ބޯޅަ ދިނީ އުސާމާއަށް ދިނުމަށެވެ. އުސާމާ އެ ބޯޅަ ހިފައިގެން އޭރިއާގެ ތެރެަށް ވަނުމުން، ބެލެވުނީ ގޯލްގެ ކުރިމައްޗަށް އޭނާ ހުރަސް ނަގައި ދޭނެ ކަމަށެވެ.
ނަމަވެސް ގޯލްގެ އަރިމައްޗަށް ވާގޮތަށް އޭރިއާގެ ތެރޭގައި ހުރެފައި، ނިއާ ޕޯސްޓަށް ބޯޅަ ޝޫޓް ކުރި އެވެ. އެ ބޯޅަ ގޯލަށް ވަނީ ގައްދޫގެ ކީޕަރު ބޮޔާން މުކޮރޮވިޗްގެ އަތުގައި ޖެހިފަ އެވެ.