ގައްދޫގެ މައްޗަށް 2-0 ން ލީޑް ނަގައި، ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައިގައި ވިކްޓަރީން ތިން ޕޮއިންޓްގެ ލީޑެއް ނަގައިިފި އެވެ.
މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗަށް، ނުކުތް އިރު ވެސް ވިކްޓަރީ އޮތީ އެއްވަނައިގަ އެވެ. އެކަމަކު އޭރު ކުރީގައި ފައިދާ ގޯލުންންނެވެ. އޭރު ޕޮއިންޓްގެ ގޮތުން އީގަލްސްއާ ހަމަހަމަ އެވެ.
ރޭގެ މެޗު ކާމިޔާބުކޮށް ވިކްޓަރީން މިހާރު ވަނީ 13 ޕޮއިންޓް ހޯދާފަ އެވެ. އީގަލްސް އަށް 10 ޕޮއިންޓެވެ. ވިކްޓަރީ ވަނީ އިތުރަށް ގަދަ ހައެއްގައި އޮތް އަނެއް ފަސް ޓީމަށް ވުރެ އިތުރަށް މެޗެއް ކުޅެފަ އެވެ.
ވިކްޓަރީން ލީޑް ނެގީ މެޗުގެ ކުރީކޮޅުގަ އެވެ. އެ ޓީމުގެ އަހްމަދު ހަސަން މެޗުގެ 18 ވަނަ މިނެޓްގައި ލަނޑު ޖަހައި، ގައްދޫގެ ގޯލް ހުޅުވާލި އެވެ. ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގެރޯ ދިން ފުރުސަތުން އަހްމަދު ހަސަން ވަނީ ގައްދޫގެ ކީޕަރު ބޮޔާން ވުކްމިރޮވިޗަށް ފުރުސަތު ނުދީ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީން ދެވަނަ ލަނޑު ވެސް ޖެހި އެވެ. މެޗުގެ 41 ވަނަ މިނެޓްގައި އެ ލަނޑު ޖެހީ އަހްމަދު މާއިޝް ރަޝީދެވެ.
ވިކްޓަރީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ)، ގައްދޫގެ އޭރިއާގެ ބޭރުން، އޭރިއާ ތެރެއަށް މަތިމަތިން ނަގައިދިން ބޯޅަ މާއިޝް ވަނީ ބޮލުން ގޯލްގެ ތިރީ ކަނަށް ވައްދާލާފަ އެވެ.
ދެވަނަ ހާފު، ވިކްޓަރީން ފެށީ ތިން ބަދަލާ އެކު އެވެ. އޭގެތެރެއިން އެންމެ ފާހަގަ ކުރެވޭ ބަދަލަކީ އެ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ ކުޅެން ނެރުމެވެ. އެއީ ދެ އަހަރަށް ފަހު ގަލޮޅު ދަނޑުގައި ރަސްމީ މެޗެއް އޭނާ ކުޅުނު ފުރަތަމަ ފަހަރެވެ. އަދި އެއްވަނަ ޑިވިޝަނުގައި މެޗެއް އޭނާ އެ ކުޅުނީ ހަތަރު އަހަރަށް ފަހު އެވެ.