ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ގައްދޫ ޓީމުގެ ކޯޗުކަމުން، މުހައްމަދު ނަޒީހް ވަކިކޮށްފި އެވެ. 

ނަޒީހުގެ ކޯޗުކަމުގެ ދަށުން ލީގުގައި ގައްދޫން ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ގައްދޫ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވީ އޭނާގެ ކޯޗުކަމުގެދަށުންނެވެ. ނަމަވެސް އޭނާ އަށް ލީގުގައި އެންމެ ޕޮއިންޓެއް ވެސް ހޯދިފައެއް ނުވެ އެވެ. 

ގައްދޫގެ އޮފިޝަލަކު ބުނީ ނަތީޖާތައް ގޯސްވުމުން، ޓީމަށް ބަދަލެއް ގެންނަންޖެހޭކަން މެނޭޖްމެންޓުން ގަބޫލު ކުރި ކަމަށެވެ. އެހެންވެ ފުރަތަމަ ބަދަލެއްގެ ގޮތުން އެ ކްލަބުން ނިންމީ ކޯޗު ބަދަލު ކުރުމަށެވެ. 

"ނަތީޖާތައް މިހެން ދިޔައީމަ ޓްވިސްޓެ [ބަދަލެއް] އަންނަންޖެހޭކަމަށް މެނޭޖްމެންޓުން ގަބޫލުކިޮށް، ކޯޗާ ވެސް ވާހަކަ ދައްކައި ދެފަރާތް އެއްބެވެގެން ކޮންޓްރެކްޓް އުވާލީ،" އޮފިޝަލު ބުންޏެވެ. 

އޭނާ ބުނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތުގައި، ބައެއް ކޯޗުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެކަމަކު މިހާތަނަށް ވަކި ނަމެއް ފައިނަލު ނުކުރާކަމަށް އޮފިޝަލް ބުންޏެވެ. 

"އޮޕްޝަންތަކެއް ގެންގުޅެން. ބޮޑަށް މި ފޯކަސް ކުރަނީ އަނެއްކާވެސް ހަމަ ދިވެހި ކޯޗަކަށް،" އޮފިޝަލް ބުންޏެވެ. 

ޓީމުން ބަލަނީ އަނެއްކާވެސް ތަޖުރިބާކާރު ކޯޗަކު ހަމަޖައްސަންތޯ އެހުމުން، އޮފިޝަލް ބުނީ އޭ ލައިސެންސް އޮތް ކޮންމެ ކޯޗެއް ވާނީ ތަޖުރިބާކާރު ކޯޗަކަށް ކަމަށެވެ. 

"އޭ ލައިސެންސް ކޯޗަކަށް ވާން ޖެހޭއިރު، އޭ ލައިސެންސް އޮތް ކޮންމެ ކޯޗަކު ވާނީ ތަޖުރިބާކާރު ނަމަކަށް،" އޮފިޝަލް ބުންޏެވެ.