އީގަލްސްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ނޮވެމްބަރ 2025 - 22:04
ޓީސީ ސްޕޯޓްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މި ސީޒަނުގައި އީގަލްސްއިން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު އީގަލްސްއިން ކުޅުނު މެޗަކީ މި ސީޒަނުގައި އެ ކްލަބްގެ ހަތްވަނަ މެޗެވެ. އެއީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ވެސް ހިމަނައިގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސްގެ ލަނޑުތައް ޖެހީ ތަޖުރިބާކާރު ފޯވާޑް އިސްމާއީލް އީސާ އާއި ޖަޕާނުގެ މިޑްފީލްޑަރު ކަޓްސުޔޯޝީ ކިމިޝީމާ އެވެ.
އީސަ، އީގަލްސް އަށް ލީޑް ނަގައި ދިނީ މެޗުގެ 64 ވަނަ މިނެޓްގަ އެވެ. އެކަމަކު އޭގެ ކުރިން ލީޑް ނެގުމުގެ ފުރުސަތު ވެސް އީގަލްސް އަށް ލިބުނެވެ.
މެޗުގެ 54 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ކެޕްޓަން އަހްމަދު ރިޒުވާނަށް ވައްދާލެވޭ ގޮތެއް ނުވި އެވެ.
އެ ޕެނަލްޓީއަކީ ޓީސީގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރުގެ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. ރިޒޭ ފޮނުވާލި ޕެނަލްޓީ ޓީސީގެ މިސްރުގެ ކީޕަރު މުހައްމަދު ހަސަން ދިފާއު ކުރި އެވެ. އޭނާ ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ޓީސީގެ ޑިފެންޑަރުން ސާފުކޮށްލައި ބޯޅައިގެ ނުރައްކާ ކަނޑުވާލި އެވެ.
ރިޒޭ އަށް ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، އީސަ އަށް ލަނޑު ޖެހައި ދޭން އޭނާ އެހީވި އެވެ. ޓީސީގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރުން އޭރިއާގެ ތެރޭގައި ތިއްބައި ޑިފެންޑަރުންގެ ތެރެއިން ރިޒޭ ބޯޅަ ދިނީ އީސަ އަށެވެ. ގޯލް ކުރިމަތީގައި ހުރެފައި އީސަ އެ ބޯޅަ ޖެހީ ފުރާޅެއްހެން އޮތް ގޯލްގެ އެތެރެއިން މަތީދާގަނޑަށެވެ.
ކިމިޝީމާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދިނީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ)
އިއްބެ ދިން ބޯޅަ ހިފައިގެން ކިމިޝީމާ އޭރިއާގެ އަރިމަތިން އަރައި ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ކީޕަރު އަހްމަދު ހަސަންގެ ގައިގައި ޖެހިފަ އެވެ.
ކުޅުނު ހަ މެޗުން ހަ ޕޮއިންޓް ހޯދައި އީގަލްސް ވަނީ ގަދަ ހަޔަކަށް ޖެހިލާފަ އެވެ. ލީގުގައި މިހާރު މޮޅެއް ނުލިބޭ އެންމެ ޓީމެއް ވެސް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަތޮ
03 November 2025
ކުރިއައް އޮއްތާ ގައުމި ކޯޗް ކަން ދި ބެންޖޯ އަށް