ޓީސީ ސްޕޯޓްސްގެ މައްޗަށް  ކާމިޔާބު ހޯދައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހައެއްގައި އީގަލްސްއިން ފައިތިލަ ސާބިތުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބު ކުރީ 2-0 ންނެވެ.

އީގަލްސްގެ ކެޕްޓަން އަހްމަދު ރިޒްވާން، ވިކްޓަރީ އަށް ލޯނު އުސޫލުން 100،000ރ. ގެ އަގަކަށް ވިކްޓަރީ އަށް ދޫކޮށްލުމަށް ފަހު އީގަލްސްގެ މިސްރާބު ހުރީ ގަދަ ހައެއްގައި ދެމިއޮތުމަށެވެ. ރިޒޭގެ މަގާމު ފޫބައްދަން އެ ޓީމުން ގެނައީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ތަޖުރިބާކާރު ޝަމްވީލް ގާސީމް (ބޮންޑާ) އެވެ.

ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްގެ ދެވަނަ ލަނޑު ޖެހި ޒައިން ޒަފަރު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްގެ ދެވަނަ ލަނޑު ޖެހި ޒައިން ޒަފަރު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ލީގުގައި މިފަހަރު ގަދަ ހަ ޓީމަށް އެއްވަނަ ޑިވިޝަނުގައި ދެމިއޮތުމުގެ ޔަގީންކަން ކަށަވަރު ވާނެ އެވެ. ގަދަ ހަޔަކުން ފުރޮޅާލާ ޓީމުތަކަށް ރެލިގޭޝަންގެ މަރުހަލާއާ ކުރިމަތިލާން ޖެހޭނެ އެވެ. ލީގުގައި ވާދަކުރާ 10 ޓީމުގެ ތެރެއިން ނުވަ ވަނަ އާއި 10 އިގައި އޮންނަ ދެ ޓީމު ސީދާ ދެވަނަ ޑިވިޝަނަށް ވެއްޓޭނެ އެވެ. އަނެއް ތިން ޓީމުން ކުރިމަތިލާން ޖެހޭނީ ރެލިގޭޝަންގެ ޕްލޭއޮފް މަރުހަލާއާ އެވެ.

ގަދަ ހައެއްގައި ނިންމުމުން އެ ބޮލުގެ ރީހުމެއް ނޯންނާނެ އެވެ.

މިއަދުގެ މެޗުން ހޯދީ މޮޅާ އެކު އީގަލްސް ވަނީ ހަވަނަ މަގާމުގައި 10 ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އަދި ފަސްވަނައިގައި އޮތް ވިކްޓަރީ އާއި އީގަލްސްއާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.

އީގަލްސްގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ އިބްރާހިމް 42 ވަނަ މިނެޓްގައި ޖެހީ ސިއެރަލިއޯންގެ ފޯވާޑް އިބްރާހިމް ލެބޭ އެވެ. އޭގެ ތިން މިނެޓް ފަހުން 45 ވަނަ މިނެޓްގައި ޒައިން ޒަފަރު ވަނީ އީގަލްސްގެ ދެވަނަ ލަނޑު ޖަހައިފަ އެވެ.