ރެއާލް މެޑްރިޑްގެ މިލްކުވެރިކަން ބަދަލުކުރުމަށް ރެއާލްގެ ކޮންގްރެސް އަށް ޕެރޭޒް ހުށަހަޅާފައިވާ ޕްރަޕޯސަލް އަށް އެ ކްލަބްގެ ނައިބު ރައީސް އަދި ޕެރޭޒްގެ ކޮއްކޮ އެންރީކޭ ޕެރޭޒް ވެސް ދެކޮޅު
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް: ކްލަބްގެ މިލްކުވެރިކަން އެހެން ގޮތަކަށް ބަދަލު ކުރުމަށް އޭނާ ވަނީ ހުށަހަޅާފަ --- ފޮޓޯ: ގެޓީ އިމޭޖަސް
16 ނޮވެމްބަރ 2025 - 10:58
ރެއާލް މެޑްރިޑްގެ މިލްކުވެރިކަމަށް ބަދަލު ގެންނަން އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ހުށަހަޅާ އިސްލާހުތަކާ އޭނާގެ ކޮއްކޮ ދެކުޅު ހަދައިފި އެވެ.
ރެއާލް މެޑްރިޑްގެ 123 އަހަރުވީ ތާރީހުގައި އެ ކްލަބްގެ ހިންގުމަށް ގެންނަ އެންމެ ބޮޑު ބަދަލުގެ ގޮތުގައި ޕެރޭޒް ހުށަހަޅަނީ އެ ކްލަބްގެ 49 ޕަސަންޓް ހިއްސާ އެކިއެކި ވިޔާފާރިތަކަށް ވިއްކުމަށެވެ.
ރެއާލް މެޑްރިޑަކީ އެ ކްލަބްގެ މެންބަރުންގެ މިލްކެކެވެ. އެ މޮޑެލް އަށް ދުނިޔޭގައި ހިންގާ ކްލަބްތައް ނިސްބަތުން މަދެވެ. ސްޕެއިންގެ ލަލީގާގައި ވެސް އެ މޮޑެލް އަށް ހިންގަނީ ހަތަރު ކްލަބެކެވެ. އެއީ ރެއާލްގެ އިތުރުން ބާސެލޯނާ އާއި އެތުލެޓިކް ބިލްބާއޯ އާއި އޮސަސޫނާ އެވެ.
ޕެރޭޒް ހުށަހަޅާ އިސްލާހުގައި ކްލަބްގެ މެންބަރުންނަށް ވެސް ކްލަބްގެ ހިއްސާވިއްކުމަށް ހުށަހަޅަ އެވެ. އެއީ ކޮންމެ ހިއްސާއެއް ގާތްގަނޑަކަށް 61،000 ޔޫރޯ އަށެވެ. އަދި ކްލަބަށް ލިބޭ ފައިދާގެ ތެރެއިން ހިއްސާ ގަނެފައިވާ މެންބަރުންނަށް ފައިދާގެ ޕަސަންޓެއް ވެސް ދިނުމަށް ޕެރޭޒް ހުށަހަޅާފައިވާ ޕްރަޕޯސަލްގައި ވެއެވެ. އެހެން މީހަކަށް ހިއްސާ ވިއްކަން ބޭނުންވާނަމަ ހިއްސާ ވިއްކޭނީ ހަމައެކަނި ކްލަބްގެ މެންބަރުންނަށެވެ.
އެ ކްލަބްގެ މެންބަރުންގެ އަދަދު 95،000 އަށް ވުރެ މައްޗެވެ.
ޕެރޭޒްގެ ހުށަހެޅުމަށް ވޯޓަށް އަހާނީ މި މަހު 25 ގައި ބާއްވާ ކްލަބްގެ ކޮންގްރެސްގަ އެވެ.
ޕެރޭޒްގެ ހުށަހެޅުމާ އެންމެ ބޮޑަށް ދެކޮޅުހަދަނީ އެ ކްލަބްގެ ނައިބު ރައީސް އަދި ޕެރޭޒްގެ ކޮއްކޮ އެންރީކޭ ޕެރޭޒް އެވެ.
ދެ ބެއިންގެ މެދުގައި އޮތް ހިޔާލު ތަފާތުވުން އޮތީ ކްލަބްގެ އެހެން ބޯޑް މެންބަރުންގެ ތެރޭގައި ވެސް ފެތުރިފަ އެވެ. އެންރީކޭ ޕެރޭޒާ އެކު ރެއާލްގެ ސްޓްރެޓެޖިކް މަގާމުތަކުގައި ތިބީ މީހުން އެބަތިއްބެވެ. އޭގެތެރޭގައި ޖެނަރަލް މެނޭޖަރު ހޯޒޭ އޭންހަލް ސަންޗޭޒް ހިމެނެ އެވެ.
އެންރީކޭ ޕެރޭޒާއި ސަންޗޭޒްގެ ވިސްނުމަކީ މިހާރުވެސް އޮތް ގޮތަށް ރެއާލްގެ މިލުވެރިކަމުގެ 100 ޕަސަންޓް ހިއްސާކުރާ ބަޔަކީ ހަމައެކަނި ކްލަބްގެ މެންބަރުންކަމަށްވުމަށެވެ.
ޕެރޭޒްގެ ފަޅީގައި ތިބީ ކްލަބްގައި އޭނާގެ އިސް މުޝީރުގެ މަގާމު އަދާކުރާ އޭނަސް ލަގްރާރީ ހިމެނެ އެވެ.
ޕެރޭޒްގެ ވިސްނުމަކީ ރެއާލް އަށް އިތުރު އިންވެސްޓަރުން ހޯދައި މިހާރު ވެސް ދުނިޔޭގެ އެންމެ މުއްސަދި ކްލަބްގެ މަގާމުގައި ޓީމުގެ ވިޔަފާރީގެ އަގު މައްޗަށް ޖެއްސުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފ5ޗތ6
17 November 2025
ޕެރޭޒްގެ ވިސްނުމަކީ ރެއާލް އަށް އިތުރު އިންވެސްޓަރުން ހޯދައި މިހާރު ވެސް ދުނިޔޭގެ އެންމެ މުއްސަދި ކްލަބްގެ މަގާމުގައި ޓީމުގެ ވިޔަފާރީގެ އަގު މައްޗަށް ޖެއްސުމެވެ... އިނދަޖައްސާލާ