ކުޅިވަރު / ނޭމާ

އަނިޔާގައި ހުރި ނޭމާ އަށް ތިން އަހަރަށްފަހު ފުރަތަމަ ހެޓްރިކް، ސަންޓޯސް އަށް ހަމަޖެހުމެއް!

މިއީ ނޭމާ 2022 އަށް ފަހު ހެޓްރިކެއް ހެދި ފުރަތަމަ ފަހަރު.-- ފޮޓޯ: ސަންޓޯސް

04 ޑިސެމްބަރ 2025 - 11:13

ބްރެޒިލް ލީގުގައި ސަންޓޯސް، ރެލިގޭޝަނުން ސަލާމަތްވާން ކުރާ މަސައްކަތުގައި އެ ޓީމު ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކެޕްޓަން ނޭމާ ޖޫނިއާ ކާމިޔާބުކުރި ހެޓްރިކަކާ އެކު 3-0 އިން ޖުވެންޓޫޑް ބަލިކޮށް، ހަމަޖެހިލައިފި އެވެ.

އަނިޔާގައި ހުރި ނޭމާ ސަންޓޯސްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 56 ވަނަ މިނިޓުގަ އެވެ. އަދި 65 ވަނަ މިނިޓުގައި ދެވަނަ ގޯލު ޖެހި އިރު، ހެޓްރިކް ފުރިހަމަ ކުރީ 73 ވަނަ މިނިޓުގައި ކާމިޔާބުކުރި ޕެނަލްޓީންނެވެ.

މިއީ 2022 ވަނަ އަހަރު ޕީއެސްޖީއަށް ކުޅެމުން ފްރާންސް ލީގުގައި ކްލެމޯންޓާ ދެކޮޅަށް ތިން ގޯލު ޖެހި ފަހުން ނޭމާ ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ.

ނޭމާ ވަނީ މިއާ އެކު އެ ޓީމަށް އެންމެ ފަހުން ކުޅެދިން ހަތަރު މެޗުގައި ފަސް ގޯލު ޖަހައި އެއް ގޯލު އެސިސްޓް ކޮށްފަ އެވެ. މި ހަތަރު މެޗުގެ ތެރެއިން ސަންޓޯސް ވަނީ ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރު ކޮށްފަ އެވެ.

ނޭމާގެ ހެޓްރިކް.--

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ނޭމާ އަންނަނީ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ބްރެޒިލް ސްކޮޑުން ފުރުސަތު ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ، ނޭމާ ފިޓްކޮށް ހުރެއްޖެ ނަމަ އޭނާ އަށް ސްކޮޑުން ފުރުސަތު ލިބިދާނެކަން ހާމަކޮށްފަ އެވެ.

މި މޮޅާ އެކު އެކު ސަންޓޯސް ވަނީ 37 މެޗުން 44 ޕޮއިންޓް ހޯދައިގެން ތާވަލްގެ 14 ވަނައަށް ޖެހިލައިފަ އެވެ. އަދި ރެލިގޭޝަން ޒޯނާ ދެމެދު މިވަގުތު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ޖުމްލަ 20 ޓީމު ކުޅޭ ބްރެޒިލް ލީގުގެ ފުލަށް ދާ ހަތަރު ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ އެވެ.

ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި ނޭމާގެ ކަކުލުގެ މިނިސްކަސް އަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ކުރަން ލީގުގެ ފަހު މެޗަށް ފަހު ސާޖަރީއެއް ކުރަން ޖެހޭނެ އެވެ.

ސަންޓޯސް އަށް ލީގުގައި ބާކީ އޮތީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު، ލީގު ތާވަލްގެ ތިން ވަނައިގައި އޮތް ކްރޫޒޭރޯއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެގެން، ލީގުގެ ގަދަ 13 ގެ ތެރޭގައި ހިމެނިގެން، އަންނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ސުދަމެރިކާނާގެ ގުރޫޕް ސްޓޭޖަށް ކޮލިފައި ވުމުގެ ފުރުސަތު ސަންޓޯސް އަށް އެބަ އޮތެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ އެއްވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ކޮޕާ ލިބަޓަޑޯރެސް މިއަހަރު ކާމިޔާބު ކޮށްފައި ވަނީ، މިއަދުގެ މެޗުން މޮޅުވެގެން ބްރެޒިލް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ފްލަމެންގޯ އެވެ. ބްރެޒިލް ގައުމީ ޓީމާއި ޗެލްސީ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ފިލިޕޭ ލުއިޒްގެ ކޯޗުކަމުގައި ކުޅޭ އެ ޓީމު ވަނީ މި އަހަރުގެ ރިއޯ ޑި ޖެނީރޯގެ ސްޓޭޓް ލީގާއި ބްރެޒިލްގެ ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454