ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ އެވެ. 

ނޭޕާލުން މެޗު ކާމިޔާބު ކުރީ 5-0 ންނެވެ. 

މިއަދުގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓްގައި ނޭޕާލުން ލީޑް ނެގި އެވެ. އެ ލަނޑު ޖެހީ ޖެނިފާ ރަނާ އެވެ. އޭގެ ފަހުން 11 ވަނަ މިނެޓްގައި ބިމާލާ ޗައުދަރީ ނޭޕާލަށް ލީޑް ފުޅާކޮށްދިނެވެ. 

އެ ލަނޑަށް މިނެޓެއް ވެސް ފުރިހަމަ ނުވަނީސް ޖެނިފާ ރާނާ ވަނީ ނޭޕާލްގެ ތިންވަނަ ލަނޑު ވެސް ޖަހައިފަ އެވެ. ހަތަރުވަނަ ލަނޑު 18 ވަނަ މިނެޓްގައި ޖެހީ މަނީޝާ ތާޕާ މަގަރެވެ. 

އަންހެން: ފުތްސަލް ޓީމު: މިއަދު ނޭޕާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ސާފް
އަންހެން: ފުތްސަލް ޓީމު: މިއަދު ނޭޕާލާ ދެކޮޅަށް ނުކުތުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ސާފް

އެ ޓީމުގެ ފަސްވަނަ ލަނޑަކީ ދެވަނަ ހާފުގައި ރާއްޖޭގެ ފާތިމަތު ސާއިނާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 

ނޭޕާލުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އަންގާރަ ދުވަހު ލަަންކާއާ ވާދަކޮށް އެއްވަރުވީ 2-2 ންނެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގައި، ރާއްޖޭގެ އަންހެން ޓީމު ކޮޅަށް ވަނީ ދެ މެޗުން 16 ލަނޑު ވަދެފަ އެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި ތަފާތު ބޮޑު ނަތީޖާއެއްކަމަށްވާ 11-1 އިން ރާއްޖެ ބަލި ކުރި އިންޑިއާ ވަނީ މިއަދު ބަންގްލަދޭޝް އަތުން 2-1 ން ބަލިވެފަ އެވެ.