ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި މިއަދު ޕާކިސްތާނު އަތުން 3-1 ން ރާއްޖެ ބަލިވެއްޖެ އެވެ. 

މެޗުން ބަލިވިނަމަވެސް މިއީ، މުބާރާތުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނު މެޗެވެ. ކުރިން ކުޅުނު ވަރުގަދަ ދެ މެޗުގެ ތަޖުރިބާގައި ދިވެހި ޓީމަށް ވަނީ ކުރިއެރުންތަކެއް ހޯދާފަ އެވެ. 

ރާއްޖޭގެ މަރްޔަމް ނޫރާ ވަނީ ހިލޭ ޖެހުމަކުން ރާއްޖޭގެ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އޭނާ ޖެހީ ޕާކިސްތާނުން މެޗުގެ ކުރީކޮޅު ލީޑް ނެގި ފަހުންނެވެ. 

ޕާކިސްތާނުގެ ފުރަތަމަ ލަނޑު އަޒުވާ ޗައުދަރީ ވަނީ މެޗުގެ ތިންވަނަ މިނެޓްގައި އެ ޓީމަށް ލަނޑު ޖަހައި ދީފަ އެވެ. އޭގެ ފަސް މިނެޓް ފަހުން ނޫރާ ލަނޑު ޖަހައި ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެއީ ދިވެހި ކުޅުންތެރިޔެއްގެ ނަމުގައި މުބާރާތުގައި ލިސްޓް ކުރި ފުރަތަމަ ލަނޑެވެ. 

މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-1 ން ރާއްޖެ ބަލިވި މެޗުގައި ނޫރާ ފޮނުވާލި ހަމަލާއެއް އިންޑިއާގެ ގޯލަށް ވަނެވެ. އެކަމަކު އެ ޓީމުގެ ޑިފެންޑަރު އަޗޫމް ޑީޖޯގެ ފައިގައި ޖެހިފައި ދިއުމުން އެ ލަނޑު ލިސްޓްކޮށްފައި ވަނީ އޭނާ އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގަ އެވެ. 

 މިއަދުގެ މެޗުގައި ޕާކިސްތާނަށް އަލުން ލީޑް ނަގައި ދިނީ ޒާހިރާ ބުހާރީ އެވެ. އޭނާ ލަނޑު ޖެހީ 16 ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން އަންމޫލް ހީރާ އެ ޓީމުގެ ލީޑް ފުޅާކޮށްދިނެވެ. 

މިއަދު ކުޅުނު އެހެން މެޗުތަކުގައި، ވަރުގަދަ އިންޑިއާ އަތުން މޮޅުވި ބަންގްލަދޭޝަށް، މިއަދު ބޫޓާން ކައިރިން ބޭނުން އެއްޗެއް ހަދައެއް ނުލެވުނެވެ. ބޫޓާނުން ވަނީ 3-3 ން ބަންގްލަދޭޝް ހިފަހައްޓައިފަ އެވެ. 

ދެވަނަ މެޗުގައި 8-1 ން އިންޑިއާއިން ވަނީ ނޭޕާލް ބަލިކޮށްފަ އެވެ. 

މުބާރާތުގައި މާދަމާ ކުޅޭނީ ފިރިހެން ޑިވިޝަނުގެ މެޗެވެ. އެކަމަކު ރާއްޖޭގެ ޓީމުގެ މެޗެއް މާދަމާ ނޯންނާނެ އެވެ.