މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ލަންކާގެ މައްޗަށް ކާމިޔާބު ހޯދައި ޕާކިސްތާނުން ރާއްޖޭގެ ފަހަތުގައި ވިއްދައިފި އެވެ.
ލަންކާގެ މައްޗަށް ޕާކިސްތާނުން ކުރި ހޯދީ 5-2 ންނެވެ. އެ މޮޅާ އެކު ޕާކިސްތާނުން ވަނީ ޕޮއިންޓްގެ ގޮތުން ރާއްޖެއާ ހަމަހަމަކޮށްފަ އެވެ. އެކަމަކު އެއީ ރާއްޖެ އަށް ވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ.
އެއްވަނައިގައި ރާއްޖެ އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ޕާކިސްތާނު ހަ ޕޮއިންޓް ހޯދީ ތިން މެޗުންނެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ނޮތަންބަރީ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕާކިސްޔާނު އަލީ އަގާ ދެ ލަނޑު ޖެހި އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ ހަމްޒާ ނުސްރަތު، މުހައްމަދު ޒަފަރް ހާން އަދި އާސިފް އަހްމަދު ޗައުދަރީ އެވެ.
ލަންކާގެ ލަނޑުތައް ޖެހީ މުހައްމަދު އާކިބް ފައިޒަލާއި އަބްދުލް އަޒީޒު މުހައްމަދު އަޒްމީރެވެ.
މިއަދު ކުޅުނު އެހެން މެޗުތަކުގައި އިންްޑިއާ އާއި ނޭޕާލްގެ ކުރިމަތިލުން ނިމުނީ 3-3 ން އެއްވަރުވެގެންނެވެ. ބަންގްލަދޭޝް ވަނީ ބޫޓާން، 4-1 ން ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފަ އެވެ.
މުބާރާޔުގައި މޮޅެއް ނުލިބި އޮތީ އިންޑިއާ އާއި ބޫޓާނަށެވެ.
މާދަމާ ކުޅޭނީ އަންހެން ޑިވިޝަނުގެ މެޗުތަކެވެ. އެކަމަކު މާދަމާ ރާއްޖެ އަށް މެޗެއް ނެތެވެ. ދެން ރާއްޖެ އަށް މެޗެއް އޮންނާނީ އަންގާރަ ދުވަހު ފިރިހެން ޑިވިޝަނުގައި އިންޑިއާއާ ދެކޮޅަށެވެ.