އީގަލްސް ބަލިކޮށް، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވަރު ކުރުމާ ގާތަށް މާޒިޔާއިން ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު މާޒިޔާ ކާމިޔާބު ކުރީ 3-0 ންނެވެ.

އެ މޮޅާ އެކު ޖުމުލަ 43 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އަށް ދެން ބޭނުމީ، އެންމެ މެޗަކުން މޮޅުވާށެވެ. އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، މާޒިޔާ އަށް ލީގު ކަށަވަރު ކުރެވޭނެ އެވެ. 

މި ސީޒަނުގައި މާޒިޔާ އަދި މިހާތަނަށް އެންމެ މެޗަކުން ބައްޔެއް ނުވެ އެވެ. އެ ޓީމު އެއްވަރުވީ ޓީސީއާ ދެކޮޅަށް ދެވަނަ ބުރުގައި ކުޅުނު މެޗުން އެކަންޏެވެ. 

މިދިޔަ ފަސް އަހަރު މާޒިޔާއިން ލީގުގައި ރަސްކަން ކުރި އިރު އެ ޓީމަށް އެންމެ ބޮޑު ޗެލެންޖެއް ދިނީ އީގަލްސް އެވެ. މިފަހަރު އާދައިގެ ސްކޮޑެއް އޮތް އީގަލްސްގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. 

އެ ޓީމުގެ ލަނޑުތައް ޖެހީ ކެޕްޓަން ސަމޫހް އަލީ އާއި އަހްމަދު އައިހަމް އާއި ހަމްޒާ މުހައްމަދެވެ. 

މި ސީޒަނުގައި މާޒިޔާއަށް އެންމެ ބޮޑު ޗެލެއްޖެއް ކުރަނީ، އެއްވަނަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް އެވެ. 

އޮޑި އަށް ވުރެ އިތުރަށް އެއް މެޗު ކުޅެ، މާޒިޔާ އަށް މިވަގުތު 11 ޕޮއިންޓްގެ ބޮޑު ލީޑެއް އެބައޮތެވެ. އޮޑި ދެވަނައިގައި އޮތީ 32 ޕޮއިންޓާ އެކު އެވެ. 

މިއަދު ހަވީރު ވެލެންސިއާއާ ދެކޮޅަށް އޮޑިން ނުކުންނާނެ އެވެ. އެ މެޗުން އޮޑި މޮޅުވެއްޖެނަމަ އަށް ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ. އެކަމަކު އެއީ މާޒިޔާ އަށް ޕްރެޝަރަކަށް ނުވާނެ އެވެ.