ރެއާލް މެޑްރިޑްގެ އާ ކޯޗު އަލްވަރޯ އާބެލޯއާގެ 43 އަހަރު ފުރުނު އުފަންދުވަހާ ދިމާވި ލީގު މެޗުގައި ލެވަންޓޭއާ ވާދަކޮށް 2-0 އިން މޮޅުވެއްޖެ އެވެ.
ރެއާލް ގަދަޔަށް ކުޅުނީ ފަހު ހާފުގަ އެވެ. އެގޮތުން 58 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭއަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށް ރެއާލަށް ލީޑު ނަގައިދީފަ އެވެ. އަދި 65 ވަނަ މިނިޓުގައި ކޯނަރަކުން ލީޑު ފުޅާ ކޮށްދިނީ ޑިފެންޑަރު ރައުލް އަސެންސިއޯ އެވެ.
މިއީ ރެއާލްގެ އާ ކޯޗު އާބެލޯއާގެ އިރުޝާދުގެ ދަށުން އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ރެއާލް ވަނީ ކޮޕަ ޑެލް ރޭ ގައި ބަލިވެފަ އެވެ. ނަމަވެސް ދެވަނަ މެޗުން އޭނާ މި ވަނީ ކާމިޔާބު ހޯދައިފަ އެވެ.
"ދެވަނަ ހާފުގައި ކުޅުންތެރިން ދެއްކީ ތަފާތު މޮޅު ކުޅުމެއް،" ކޮޕަ ޑެލް ރޭގެ ނަތީޖާއާ މެދު ކުޅުންތެރިން އަދިވެސް މާޔޫސެވެފައި ތިބިކަން ހާމަކުރަމުން އާބެލޯއާ ބުނެފައިވެ އެވެ.
ޒަބީ އޮލޮންސޯ ކޯޗުކަމުން ދުރުކުރުމާއި، ސްޓާ ޕްލޭޔަރުންނަށް އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވިގެން ހިތްހަމަ ނުޖެހިފައި ތިބި ރެއާލްގެ ސަޕޯޓަރުން ވަނީ މި މެޗުގައި، ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ. ނަމަވެސް ރެއާލުން މިވަނީ މޮޅަކާ އެކު އެމމީހުން ހިމޭން ކޮށްލައިފަ އެވެ.
ވިނީޝިއުސް ޖޫނިއާ އާއި ޖޫޑް ބެލިންގްހަމް އަށް ވެސް ސަޕޯޓަރުންގެ ނުރުހުމާ ކުރިމަތިލާން ޖެހިފައި ވާއިރު، އެމްބާޕޭ ވަނީ ރޭ، މި ސީޒަންގައި ލީގުގައި 19 ވަނަ ގޯލު ޖަހައިފަ އެވެ. އަދި މިއާ އެކު އޭނާ ވަނީ މި ސީޒަންގައި މިހާތަނަށް 30 ގޯލު ހަމަ ކޮށްފަ އެވެ. އޭނާއާ އެންމެ ގާތް ކުރަނީ ވިނީޝިއަސް އާއި ބެލިންގްހަމް އެވެ. ވިނީޝިއަސް މިހާތަނަށް ހަ ގޯލު ޖަހާފައި ވާއިރު ބެލިންގްހަމް އަށެ ޖެހިފައި ވަނީ ފަސް ގޯލެވެ.
ލީގުގައި ރެއާލް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އަދި ރެއާލް ލީގު ތާވަލްގެ ދެވަނައިގައި އޮތީ މިހާތަނަށް ކުޅުނު 20 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ.
އެއް މެޗު މަދުން ކުޅެގެން 49 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތް ބާސެލޯނާ މިރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭނެ އެވެ.
ރޭގެ މެޗަކީ ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ހަމައެކަނި މެޗެވެ. ރޭގެ ކުރިން ވަނީ ކޮޕަ ޑެލް ރޭ އިން ކެޓުމުގެ އިތުރުން، ސްޕެނިޝް ސުޕަ ކަޕް ފައިނަލުން ވެސް ބަލިވެފަ އެވެ.
ރެއާލަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗެވެ. ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ރެއާލް ވަނީ ލިވަޕޫލް އަތުން ބަލިވެފަ އެވެ. އަދި އެންމެ ފަހުން މެންޗެސްޓާ ސިޓީއާ ވާދަކުރި މެޗުން ވެސް ވަނީ ބަލި ވެފަ އެވެ.