ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތައްތާ އެކު އަހަރުގެ ފުރަތަމަ މަސް ނިމިގެންދިޔައީ ފުޓްބޯޅަ އަށް ލިބުނު ހިތްހަމަޖެހުމަކާ އެކު އެވެ. 

މިދިޔަ ދެ އަހަރު ވީރާނާވެފައި އޮތް ކުޅިވަރުގައި މި އަހަރަކީ ބުރަ އަހަރެކެވެ. އިންޓަނޭޝަނަލް ދެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް އޮތީ ހަމަޖެހިފަ އެވެ. އަންނަ މާޗް މަހު ފަށާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް އޮތީ ކުރިމަތިގަ އެވެ. 

މުބާރާތަށް ތައްޔާރުވާން ރާއްޖޭން ބައެއް މަސައްކަތްތައް ވެސް ފަށައިފި އެވެ. އެ މުބާރާތަށް ރާއްޖޭގެ ސްކޮޑް އެކުލަވާލުމަށް ބޭއްވި ޓްރެއަލްގައި 150 ވުރެ ގިނަ ޒުވާން ކުޅުންތެރިން ގަލޮޅުދަނޑަށް ހާޒިރުވި އެވެ. 

ޔޫތު ފުޓްބޯޅަ ކޯޗިންގައި ތަޖުރިބާކާރު އަހްމަދު ޝާކިރު (ޝާކިއްޓޭ) އާއި މާޒިޔާ އާއި ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒެއިރު ލީޑް ކުރި ކޯޗިން ޓީމުން ކުރިއަށްގެންދިޔަ ޓްރެއަލުން "ރަނގަޅު ޓެލެންޓްތަކެއް" ފުރާނާލައިގެން ނެގެނޭ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. 

ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާގެ ފުރަތަމަ ޔޫތު މުބާރާތް ބޯމަތިވަމުން އަންނަ އިރު ސިޔާސީ ގޮތުން ބޮޑު އީދެއް ވެސް އޮތީ ކުރިމަތީގަ އެވެ. ލޯކަލް ކައުންސިލު އިންތިހާބު އޭޕްރީލް މަހު ތިންވަނަ ދުވަހަށް އޮތީ ތާވަލުކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އިންތިހާބުގެ އެންމެ ފަހު ކެމްޕޭނުގެ ފޯރިގަނޑުގެ ތެރެއަށެވެ. މުބާރާތް ފަށާނީ މާޗް 23 ގަ އެވެ. ފައިނަލު މެޗު އޭޕްރީލް ހަތަރެގަ އެވެ.  މިދިޔަ 15 ވަރަކަށް އަހަރު ރާއްޖޭން ފެނުނު ހަގީގަތަކީ ސިޔާސީ ހަލަބޮލި ދުވަސްވަރެއްގައި އެހެން ކަމަކާ އުޅޭނެ ވަގުތެއް ދިވެހިންނަށް ނޯންނަ ކަމެވެ. 

ސިޔާސީ މި ހަލަބޮލި ދުވަސްވަރުގައި، ސާފް ޗެމްޕިއަންޝިޕް ފޯރިގަދަ މުބާރާތަކަށް ހެދިދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. ސަރަހައްދުގެ އެހެން ގައުމުތަކުގައި ބާއްވާ ޔޫތު މުބާރާތަކަށް ވުރެ ރާއްޖޭގައި ބާއްވާ މި މުބާރާތް ފޯރިގަދަ ކުރެވިދާނެ ކަމަށް އޮޑި ސްޕޯޓްސްގެ އެކަޑަމީގެ ހެޑް ކޯޗު ފަރީދު މުހައްމަދު ގަބޫލުކުރެ އެވެ. 

ނޭޕާލްގައި 2019 ގައި ބޭއްވި 19 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި ދިވެހި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ފަރީދު ބުނީ ކާމިޔާބު އަދި ފޯރިގަދަ މުބާރާތަކަށް ހެދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. 

އޭނާ ބުނީ ސަރަހައްދުގެ އެހެން ގައުމުތަކުގައި ބޭއްވި ސާފްގެ ޔޫތު މުބާރާތަކަށް ވުރެ ކާމިޔާބު އަދި މާ ފުރިހަމަކޮށް ރާއްޖޭގައި މުބާރާތް ބޭއްވޭނެ ކަމަށެވެ. 

2019 ގައި ރާއްޖޭގައި ބޭއްވި ޔޫއެފާ އެސިސްޓް 16 އަހަރުންދަށުގެ މުބާރާތުގެތެރެއިން:  --- ފައިލް ފޮޓޯ: އެފްއޭއެމް
2019 ގައި ރާއްޖޭގައި ބޭއްވި ޔޫއެފާ އެސިސްޓް 16 އަހަރުންދަށުގެ މުބާރާތުގެތެރެއިން: --- ފައިލް ފޮޓޯ: އެފްއޭއެމް

"ރާއްޖޭގެ ޓީމުގައި ހިމެނެނެ ގިނަ ކުޅުންތެރިންނަކީ އެކަޑަމީތަކުން ޓްރޭން ވެފަ ތިބި ކުދިން. އެ ކުދިންގެ ޕޭރެންޓުން މީގައި ވަރަށް ބޮޑަށް އިންވޯލްކޮށް ހުރިހާ އެކަޑަމީއެއް ބައިވެރިކޮށްގެން ކަންކަން ކުރެއްވިއްޖެއްޔާ އެ ފޯރި ގެނެވޭނެކަން ޔަގީން،" ފަރީދު ބުންޏެވެ. 

"އެކަޑަމީތަކާ ގުޅިގެން އާއިލީ ހަވީރު ބާއްވާ. ކުޑަކުދިންނާ ގުޅޭ އެކްޓިވިޓީތައް ކުރިއަށް ގެންގޮސް މީޑީއާތަކާ އެފްއޭއާ ގުޅިގެން ހަރަކާތްތައް ޕްރޮމޯޓްކޮށް ކާމިޔާބު މުބާރާތަކަށް ހަދަން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ." 

ފަރީދު ބުނީ މިވަގަުތު ރާއްޖޭގެ 20 އަހަރުންދަށުގެ ޓީމަށް އަރަންތިބި ކުޅުންތެރިންގެ ބެލެނިވެރިންނަކީ އެ ކުދިންގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ގުރުބާން ކުރި ބައެއް ކަމަށެވެ. އެހެންވެ އެ އުމުރުގެ ކުޅުންތެރިންނަށް ބާއްވާ މުބާރާތަކަށް އެ ބެލެނިވެރިންގެ ބައިވެރިވުން ހޯދުން މުހިންމު ކަމަށް އޭނާ ބުންޏެވެ. 

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީރު، ކުރިން "މިހާރު" އަށް ވިދާޅުވީ އިންތިހާބުތެެރެއާ ދިމާވިޔަސް، ސާފްގެ 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕަކީ ކާމިޔާބު މުބާރާތަކަށް ހެދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

އެ މުބާރާތަށް ފަހު ދެން ރާއްޖޭގައި ދެން އޮތް އިންޓަނޭޝަނަލް މުބާރަތަކީ ޖޫން މަހު ކުރީކޮޅު ބާއްވާ ފުޓްބޯޅައިގެ އަލިމަސްޔޫބީލްގެ ބައިނަލްއަގްވާމީ މުބާރާތެވެ. ރާއްޖެ ހިމެނޭ ގޮތަށް ހަތަރު ގައުމު ބައިވެރިވާ މުބާރާތުގައި ވާދަކުރާނެކަމުގެ ޔަގީންކަން ލަންކާއިން ދީފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ. 

ބަންގްލަދޭޝާއި ނޭޕާލަށް ވެސް މުބާރާތުގެ ދައުވަތު ފޮނުވާފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ. މުބާރާތް ބާއްވާނީ ޖޫން 1-10 އަށެވެ. 

ޔޫތު ފުޓްބޯޅައިގެ ޑޮމެސްޓިކް ދެ މުބާރާތެއް ކުރިމަތީގައި އެބައޮތެވެ. އަންނަ ހަފުތާގައި ފަށާ 14 އަހަރުންދަށުގެ އެކަޑަމީ ޗެމްޕިއަންޝިޕާއި މަތީ ސާނަވީ އުމުރުފުރާތަކުގެ ގްރޭޑްތަކަށް ބާއްވާ 19 އަހަރުންދަށުންގެ އަލިމަސްޔޫބީލް މުބާރާތް ވެއް މި މަހު ފަށާނެ އެވެ.