ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) ގެ ރައީސް ކަމަށް އަނެއްކާވެސް، ބަންގްލަދޭޝްގެ ފުޓްބޯޅަ ހިދުމަތްތެރިޔާ ކާޒީ މުހައްމަދު ސޮލާހުއްދީން އިންތިހާބު ކޮށްފި އެވެ. 

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަން ވެސް ކުރިން އަދާކުރެއްވި ސޮލާހުއްދީން، ސާފްގެ ރައީސްކަމަށް އިންތިހާބު ކުރީ ފަސްވަނަ ދައުރަކަށެވެ. އުމުރުން 72 އަހަރުގެ ތަޖުރިބާކާރު ގެންދަވަނީ 2009 ވަނަ އަހަރުންފެށިގެން ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާގެ އެންމެ އިސް މަގާމު އަދާކުރައްވަމުންނެވެ. 

އިންތިހާބުގައި އޭނާއާ ވާދަކުރައްވާނެ އެހެން ކެންޑިޑޭޓަކު ނެތުމުން އޭނާ އަށް ވަނީ އެ މަގާމު ލިބިވަޑައިގެންފަ އެވެ. 

ބޫޓާންގެ ވެރިރަށް ތިމްޕޫގައި މިއަދު ބޭއްވި ސާފްގެ ކޮންގްރެސްގައި ނައިބު ރައީސްގެ މަގާމަށް، ލަންކާ އެފްއޭގެ ރައީސް ޖަސްވާރު އުމަރު އިންތިހާބުވެ ވަޑައިގަތީ ވެސް ވާދކުރައްވާނެ އެހެން ކެންޑިޑޭޓެއް ނެތި އެވެ. އަދި ސާފް އެގްޒެކެޓިވް ކޮމިޓީގެ އެންހެން މަންދޫބުގެ މަގާމަށް ބޫޓާން އެފްއޭގެ ޒިމްބިރީ އިންތިހާބުވީ ވެސް އޭނާ އެކަނި ކުރިމަތިލައްވައިގެންނެވެ. 

ބޫޓާންގެ ވެރިތަށް ރިމްޕޫގައި މިއަދު ބޭއްވި ސާފްގެ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: ސާފް
ބޫޓާންގެ ވެރިތަށް ރިމްޕޫގައި މިއަދު ބޭއްވި ސާފްގެ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: ސާފް

އެކްސްކޯ އަށް ރާއްޖޭގެ ފުޓްބޯޅަ އިދާރާ (އެފްއޭއެމް) ގެ ނައިބު ރައީސް ހުސައިން ޝާފިއު ވެސް ވަނީ އިންތިހާބުކޮށްފަ އެވެ. 

އޭއެފްސީގެ އެކްސްކޯގައި ސާފް ތަމްސީލުކުރާ މެންބަރުގެ މަގާމަށް އިންޑިއާގެ ޑރ. ޝާޖީ ޕްރަބާކަރަން ފުރުއްވާނެ އެވެ. މިހާރު ވެސް އެ މަގާމު އަދާކުރައްވަމުން ގެންދަވަނީ އޭނާ އެވެ. އޭއެފްސީގެ މި ދައުރު ނިމެންދެން އޭނާ އެ މަގާމުގައި ހުންނަވަން ސާފްގެ ކޮންގްރެސްއިން ވަނީ ނިންމާފަ އެވެ. 

މިއަދުގެ ކޮންގްރެސްގައި މަންދޫބުން އިންތިހާބު ކުރީ ހަ މަގާމަކަށެވެ. ސާފްގެ އެކްސްކޯގައި ޖުމުލަ އަށް މެންބަރުން ތިއްބަވަ އެވެ. އެއީ ރައީސާއި ދެ ނައިބު ރައީސުންގެ އިތުރުން އެކްސްކޯގެ ތިން މެންބަރުންނާއި އަންހެން މެންބަރާއި އޭއެފްސީގެ އެކްސްކޯގައި ތަމްސީލުކުރައްވާ މެންބަރެވެ.