ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ މުހިންމު ދެ ކޮމިޓީއަކަށް ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށްވާ އަބްދުލްހަމީދު އަބްދުލްޣަފޫރު (އައްޑޯ) އާއި އިސްމާއިލް ސިމަން އިންތިހާބު ވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި ސާފްގެ ކޮންގްރެސްގައި މި ދެ ބޭފުޅުން ވެސް އިންތިހާބު ކުރެވިފައިވަނީ ހަތަރު އަހަރު ދުވަހުގެ ދައުރަކަށެވެ. އެގޮތުން މި ދައުރު ހަމަވާނީ ޖެނުއަރީ 2030 އަށެވެ.
އިސްމާއިލް ސިމަން އިންތިހާބުވެފައިވަނީ ސާފްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށެވެ. މީގެ އިތުރުން އޭނާ ވަނީ ސާފްގެ އިލެކްޓޯރަލް ކޮމިޓީގެ މެންބަރުގެ މަގާމަށް ވެސް އިންތިހާބު ކޮށްފައެވެ.
ރާއްޖޭގެ މަޝްހޫރު މެޗް ކޮމިޝަނަރު އަބްދުލްހަމީދު އަބްދުލްޣަފޫރު (އައްޑޯ) އިންތިހާބު ކުރީ ސާފްގެ އެޕީލްސް ކޮމިޓީގެ މެންބަރަކަށެވެ.
އިސްމާއިލް ސިމަން
އިސްމާއިލް ސިމަން އަކީ ގާނޫނީ ދާއިރާ އާއި ކުޅިވަރުގެ ހިންގުމުގެ ދާއިރާގައި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެފްއޭއެމްގައި އެންމެ ފަހުން އޮތް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
އަބްދުލްހަމީދު އަބްދުލްޣަފޫރު (އައްޑޯ)
އައްޑޯ އަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފާހަގަކޮށްލެވޭ، އެއް މެޗް ކޮމިޝަނަރެވެ. ދިވެހި ފުޓްބޯޅައިގެ އިތުރުން އޭޝިއާ އަދި ސަރަހައްދީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި އޭނާ ވަނީ މެޗް ކޮމިޝަނަރުކަން ކުރައްވާފައެވެ. ފުޓްބޯޅައިގެ ގަވާއިދުތަކާއި އުސޫލުތަކުގެމައުލޫމާތު މުއްސަނދި ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ އައްޑޯއަކީ އޭއެފްސީގެ ޓެކްނިަލް ޕްރޮގްރާމްތަކުގެ ތަމްރީނު ސެޝަންތައް ވެސް ނަންގަވައިދެއްވާ ބޭފުޅެކެވެ.