މެންޗެސްޓާ ޔުނައިޓެޑްގެ ހިއްސާދާރު އަދި ބިލިއަނަރު ޖިމް ރެޓްކްލިފް، އިނގިރޭސިވިލާތަށް ހިޖުރަކުރާ މީހުންނާ ބެހޭގޮތުން ދެއްކެވި ސުވާލު އުފެދޭ ވާހަކަތަކަކަށް މައާފަށް އެދިއްޖެ އެވެ.
ސްކައި ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރެޓްކްލިފް ވަނީ އިނގިރޭސިވިލާތަކީ ހިޖުރަވެރިން "އިސްތިއުމާރުކޮށްފައިވާ" ތަނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ގައުމަށް ވަންނަ ހިޖުރަވެރިންގެ އަދަދު ގިނަވުމުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދިރިއުޅުމުގެ އަގުތައް އުފުލެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި ވާހަކަތަކާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާ އާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އިތުރުން ފުޓްބޯޅަ ސަޕޯޓަރުންގެ ފަރާތުންވެސް ވަނީ ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުވެފައެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، ޓެކްސް ދެއްކުމުން ބަރީއަވުމަށް މޮނާކޯގައި ދިރިއުޅުއްވާ ބޭފުޅަކު، ގައުމުގެ އިގްތިސާދަށް މަސައްކަތްކޮށްދޭ ހިޖުރަވެރިންނާ ބެހޭގޮތުން މިފަދަ ނޭދެވޭ ވާހަކައެއް ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އާންމުންގެ ނުރުހުން ބޮޑުވުމާ ގުޅިގެން ރެޓްކްލިފް ނެރުނު ބަޔާނެއްގައި ވިދާޅުވީ، އޭނާ ބޭނުންކުރެއްވި ބައެއް ބަސްތަކުގެ ސަބަބުން ބައެއް ފަރާތްތަކުގެ ހިތްނުތަނަވަސްވެ، ދެރަވެފައިވާތީ އެކަމަށް މައާފަށް އެދޭ ކަމަށެވެ. ނަމަވެސް، އޭނާ ވަނީ އޭނާގެ ވާހަކަތައް ދިފާއުކޮށްފަ އެވެ.
އޭނާ ވިދާޅުވީ ހިޖުރަވެރިންގެ މައްސަލައަކީ ގައުމީ ފެންވަރުގައި ބަހުސްކުރަންޖެހޭ މުހިންމު މައުލޫއެއް ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނުވަ މިލިއަން މީހުން ސަރުކާރުގެ އިނާޔަތްތަކަށް ބަރޯސާވެފައި ތިބެ، އަދި ގިނަ އަދަދެއްގެ ހިޖުރަވެރިން ގައުމަށް ވަންނަމުންދާނަމަ، އިގްތިސާދެއް ނުހިންގޭނެ،" އޭނާ ވިދާޅުވިއެވެ.
"އަހަރެން މިބުނަނީ، އިނގިރޭސިވިލާތް މިއޮތީ އިސްތިއުމާރުކޮށްފައޭ މީގެ ސަބަބުން ވަރަށް ބޮޑު ހަރަދެއް އެބަ ހިނގާ. އިނގިރޭސިވިލާތް މިއޮތީ ހިޖުރަވެރިން އިސްތިއުމާރުކޮށްފައި، ހަމަ ހަގީގަތުގައިވެސް އެހެންނެއް ނޫންތޯ މިއޮތީކީ؟ އަޅުގަނޑު މި ބުނަނީ، 2020 ވަނަ އަހަރު ޔޫކޭގެ އާބާދީއަކީ 58 މިލިއަނޭ، އެކަމަކު މިހާރު އެއީ 70 މިލިއަން. އެއީ 12 މިލިއަން މީހުން."
މި މައްސަލައިގައި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ވަކި ބަޔާނެއް ނެރެފައެވެ. އެ ކްލަބުން ބުނިގޮތުގައި ޔުނައިޓެޑަކީ ހުރިހާ ނަސްލެއްގެ އަދި ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ހަމަހަމަ ފުރުސަތު އޮތް، ތަފާތުކުރުންތަކާ ދެކޮޅު ކްލަބެކެވެ.
މި މައްސަލަ މިހާރު އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފް.އޭ) އިން ބަލަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ ރެޓްކްލިފްގެ ވާހަކަތަކަކީ ފުޓްބޯޅައިގެ އަގު ވެއްޓޭ ފަދަ ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ވާހަކަތަކެއްތޯ ކަނޑައެޅުމަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ޖޫރިމަނާކުރުން ނުވަތަ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.