މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑްރީ ކޯޗު އެލެކްސް ފާގަސަން 2013 ގައި ރިޓަޔާ ކުރުމުން، އެ މަގާމާ ހަވާލުވާން ހޯޒޭ މޮރީނިއޯ އެއްބަސްވި ކަމަށް އޭނާ ބުނެފި އެވެ.
ފާގަސަން ރިޓާޔާ ކުރަން އިއުލާން ކުރުމުން ގިނަ ބަޔަކަށް ލިބުނީ ޝޮކެކެވެ. އޭރު މޮރީނިއޯ ހުރީ ރެއާލް މެޑްރިޑްގައި އޭނާގެ ފުރަތަމަ ދައުރުގަ އެވެ.
ރެއާލް ދޫކޮށް 2013 ގައި މޮރީނިއޯ އަލުން ޕްރިމިއާ ލީގަށް ބަދަލުވީ އޭގެ ކުރިން ވެސް އޭނާ ކޯޗުކޮށް ދިން ޗެލްސީގެ މަގާމަށެވެ.
ނެޓްފްލިކްސްއިން ދާދިފަހުން އާންމު ކުރި ޑޮކިޔުމެންޓްރީގައި މޮރީނިއޯ ބުނީ އޭނާ ހާމަކުރަނީ، އެއްވެސް މީހަކަށް ނެނގި އޮތް ވާހަކައެއް ކަމަށެވެ.
"ޗެލްސީއަށް އަހަރެން ދިޔައީ 2013 ގައި. ނަމަވެސް އެ ވަގުތުގައި އެއްވެސް މީހަކަށް ނޭނގޭ ކަމެއް އެބައޮތް،" މޮރީނިއޯ ވާހަކަ ކުރިއަށްގެންދިޔަ އެވެ.
"އަހަންނަށް ހީވަނީ އަހަންނަށް މި ވާހަކަ ބުނެވޭނެހެން. ސަބަބަކީ މި ހަގީގަތުގެ ސަބަބުން އެއްވެސް މީހަކަށް ދެރަވާ ކަމެއް އަހަރެން ކޮށްފައެއް ނޯންނާނެ. މި މަސައްކަތުގައި އަހަރެމެންގެ މަގުސަދަކީ ވެސް ހަގީގަތް ހާމަކުރުންހެން އަހަންނަށް ހީވަނީ. ރެއާލް މެޑްރިޑް ދޫކޮށްލި އިރު އަހަރެން މެންޗެސްޓާ ޔުނައިޓެޑާ އެކު ސޮއި ކުރިން ސާ އެލެކްސް [ފާގަސަން] އަށް ފަހު މެންޗެސްޓާ ޔުނައިޓެޑަށް ދާން."
ފާގަސަން ރިޓާޔާ ކުރާކަން އިއުލާން ކުރުމުން، އެ ކްލަބުން މަސައްކަތް ކުރީ، އެ މަގާމަށް މޮރީނިއޯ ގެންދިއުމަށެވެ. އެހެންވެ އޭނާ އާއެކު ޕްރީ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
"އަހަރެން ވަރަށް އުފާވި. ސަބަބަކީ މެންޗެސްޓާ ޔުނައިޓެޑަކީ ވަރަށް ބޮޑު މަގުބޫލުކަމެއް އޮތް ކްލަބަކަށް ވާތީ. ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބު ކަމަށް ބުނާއިރު މންޗެސްޓާ ޔުނައިޓެޑް އެއާ ވަރަށް ގާތްކުރާކަން ފާހަގަ ކުރަން ޖެހޭ،" ރެއާލްއާ އެކު އޭނާގެ ދެވަނަ ދައުރުގެ ފުރަތަމަ ސީޒަނާ ކުރިމަތިލާން ތައްޔާރުވަމުން އަންނަ މޮރީނިއޯ ޑޮކިޔުމެންޓްރީގައި ބުންޏެވެ.
"ނަމަވެސް އެއް ކަމަކީ ފުޓްބޯޅަދެކެ ވާ ލޯބި. އަދި އަނެއް ކަމަކީ ވަކި ކްލަބެއްދެކެ ވާ ލޯބި. އަހަރެން ދެކޭގޮތުގައި މިއީ ފުޓްބޯޅަ ދެކެ ވާ ލޯތްބަށް ވުރެ މާ ބާރުގަދަ ކަމެއް. އަދި ރެއާލް މެޑްރިޑަށް ފަހު އަހަންނަށް ލޯބި ލިބެން ޖެހޭކަން އެންމެ އަސާސީ ކަމަކަށް ވެސް އިހްސާސް ކުރެވުނު."
އެ ލޯބީ ހޯދަން މޮރޯނިއޯ ބަދަލުވީ އެ ކްލަބެއްގެ ސަޕޯޓަރުންގެ މެދުގައި އޭނާ އަށް ބޮޑު އިހްތިރާމެއް ހާއްސަކޮށްފައިވާ ޗެލްސީ އަށެވެ. އަދި އަނެއްކާވެސް އަލުން އެ ކްލަބަށް ޕްރިމިއާ ލީގުގެ ތަށި ހޯދައި ދިނެވެ.
އެ ޑޮކިޔުމެންޓްރީ އަށް ފާގަސަން ވެސް ވަނީ އިންޓަވިއު ދީފަ އެވެ. ސްކޮޓްލޭންޑްގެ ކޯޗު ބުނީ އޭރު މޮރީނިއޯގެ ފޯނުން ގުޅައިގެން ރޮވިފައި ހުރެ ވާހަކަ ދެއްކި ކަމަށެވެ.
"ހަވީރުގެ ވަގުތެއްގައި އޭނާ ގުޅާފައި ރޯން ފެށި،" ޔުނައިޓެޑްގެ ލެޖެންޑް ބުންޏެވެ.
"އަދި އޭނާ [މޮރީނިއޯ] ބުނި 'އެލެކްސް، އަހަންނަކަށް މިކަމެއް ނުކުރެވޭނެ. އަހަރެން ވާނީ ޗެލްސީއަށް އާނ އެކޭ ބުނެފައި. އަދި އަހަންނަ އެ ބަސް އަނބުރައި ނުގެންދެވޭނެ' އޭނާ ދެއްކި ސަބަބު އަހަންނަށް ވިސްނުނު ނަމަވެސް އަހަރެން ހުރީ މާޔޫސްވެފައި."
ފާގަސަން ރިޓަޔާ ކުރުމުން ޔުނައިޓެޑުން ގެންދިޔައީ އޭގެ ކުރިން ޕްރިމިއާ ލީގުގެ މެދުފަންތީގެ ބަޖެޓެއް އޮތް އެވަޓަންގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ޑޭވިޑް މޮއިސް އެވެ. އަދި އޭނާއާ އެކު ހަ އަހަރުގެ އެއްބަސްވުމެއް ހެދި އެވެ، ނަމަވެސް އެ އެއްބަސްވުން ދެމިއޮތީ ދިހަ މަސް ދުވަހަށެވެ. ނަތީޖާތައް ގޯސްވެ އޭޕްރީލް 2014 ގައި އޭނާ މަގާމުން ވަކި ކުރި އެވެ.
އޭގެ ތިން އަހަރު ފަހުން މޮރީނިއޯ، ޔުނައިޓެޑާ ހަވާލުވި އެވެ. ނަމަވެސް ޕްރިމިއާ ލީގުގެ ތަށި ހޯދައި ނުދެވުނެވެ. އެކަމަކު އޭނާގެ ފުރަތަމަ ސީޒަނުގައި ފާގަސަންގެ ފަހުން އެހާތަނަށް ހޯދި އެންމެ ރަނގަޅު ނަތިޖާ 2017 ގައި އޭނާ ޔުނައިޓެޑަށް ހޯދައި ދިނެވެ.