އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް، އިނގިރޭސި އެފްއޭގެ ގަވާއިދުތަކާ ޚިލާފަށް ބެޓިން ކުންފުންޏެއް އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފެންމަތިވެ، އޭނާއަށް ސީރިއަސް ފިޔަވަޅުތަކެއް ކުރިމަތިވުމުގެ ބިރު ބޮޑުވެއްޖެ އެވެ.
އާޖެންޓީނާގެ އެއްވަނަ ކީޕަރު ދަނީ އެ ގައުމުގެ ބެޓިން ވެބްސައިޓެއް ކަމަށްވާ "ބީޕްލޭ" ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. އެ ވެބްސައިޓް އިސްތިހާރު ކުރުމުގައ މާޓިނޭޒް މަސައްކަތް ކުރާތާ މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ދަނީ އެ ކުންފުނީގެ އެކި ކެމްޕޭންތަކުގައި ބައިވެރި ވަމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހު ލޯންޗުކުރި އިޝްތިހާރެއްގައި މާޓިނޭޒް ފެންނަނީ އޭނާގެ ކޮއްކޮ އަދި މޮޓޯސްޕޯޓް އެތުލީޓް އަލެހަންދްރޯ މާޓިނޭޒްއާ އެކު ގައެވެ.
އިނގިރޭސި އެފްއޭގެ ގަވާއިދުތައް ބުނާގޮތުން، އެ ގައުމުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން، އެ ކުޅުންތެރިން ބެޓްކުރުން މަނާ އެއްވެސް މުބާރާތެއް ނުވަތަ ހަރަކާތެއް އަމިއްލަ ހައިސިއްޔަތުން އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ.
މާޓިނޭޒް އިޝްތިހާރު ކުރާ ވެބްސައިޓުން ދަނީ އިނގިރޭސި ޕްރެމިއާ ލީގާއި، އެފްއޭ ކަޕް އަދި ޔޫރޮޕާ ލީގުގެ މެޗުތަކަށް ބެޓް ކުރުމުގެ ފުރުސަތު ދެމުންނެވެ. މިއީ މާޓިނޭޒްގެ ކްލަބް އެސްޓަން ވިލާއިން މި ސީޒަނުގައި ވާދަކުރާ މުހިންމު ތިން މުބާރާތް ކަމަށްވުމުން، މިއީ ގަވާއިދާ ސީދާ ޚިލާފު ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު އެވަޓަންގެ ކުރީގެ ޑިފެންޑަރު ޔެރީ މިނާ ވެސް ކޮލަމްބިއާގެ ބެޓިން ކުންފުންޏެއް އިޝްތިހާރު ކުރުމުން 10،000 ޕައުންޑުން ޖޫރިމަނާކޮށް އިންޒާރު ދީފައިވެ އެވެ. މާޓިނޭޒަށް ވެސް ޖޫރިމަނާއެއް ނުވަތަ ސަސްޕެންޝަނެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
އިނގިރޭސި އެފްއޭ އިން ބުނެފައިވަނީ މި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެސްޓަން ވިލާ އާއި މާޓިނޭޒްގެ ފަރާތުން އަދި މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ
އަންނަ ސީޒަނުން ފެށިގެން ޕްރެމިއާ ލީގުގެ ޓީމުތަކުގެ ޖާޒީގެ ކުރިމަތީގައި ބެޓިން ކުންފުނިތައް އިޝްތިހާރު ކުރުން މަނާކުރަން ވަނީ ނިންމައިފަ އެވެ. ވިލާގެ ޖާޒީގެ ކުރިމަތީގައި މިހާރު އޮތް މައިގަނޑު ސްޕޮންސަރަކީ އިނގިރޭސިވިލާތުގެ ބެޓިން އަދި ގޭމްބްލިން ސައިޓެއް ކަމަށްވާ ބެޓާނޯ އެވެ. އެ ކްލަބުން މި ކުންފުންޏާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރީ 2024-25 ގެ ސީޒަން ފެށުމުގެ ކުރިންނެވެ. މި އެއްބަސްވުން މި އަހަރު ޖޫންގެ ނިޔަލަށް ހަމަވާނެ އެވެ.
ބްރެންފޯޑްގެ ކުރީގެ ކުޅުންތެރިޔާ އައިވަން ޓޯނީ ބެޓިން މައްސަލަތަކުގައި މީގެ ކުރިން އަށް މަހަށް ސަސްޕެންޑް ކުރި އެވެ. އޭގެ ފަހުން އެފްއޭ އިން ދަނީ ކުޅުންތެރިން މިފަދަ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ހައްޞަ ވޯކްޝޮޕްތަކާއި ކޯސްތައް ވެސް ހިންގަމުންނެވެ. ހާއްސަކޮށް އެކަޑަމީތަކުގެ ޒުވާން ކުޅުންތެރިން ސީނިއާ ކެރިއާ ފެށުމުގެ ކުރިން މިފަދަ ވޯކްޝޮޕްތަކުގައި ބައިވެރިކުރުމަށް ވަނީ އިސްކަން ދީފަ އެވެ.