ލިއޮނެލް މެސީ ޤައުމީ ޓީމަށް ކުޅުނު ފަހު މެޗަށް ފަހު، އޭނާ އަށް އިހުތިރާމުއަދާކޮށް އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ޓްރިބިޔުޓެއް ރައްދުކޮށްފި އެވެ.
އިތުރުން ބްރެޒިލްގެ ލެޖެންޑުން ކަމަށްވާ ރޮނާލްޑީނިއޯ އާއި ނޭމާ ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ފުޓްބޯޅަ ތަރިންތަކެއް ވަނީ މެސީއަށް، ފުޓްބޯޅައަށް އަދާކުރި ހިދުމަތަށް ޝުކުރު ތައުރީފުގެ ބަސްތަކުން އަގުވަޒަންކޮށްފަ އެވެ.
މީޑިއާތަކަށް އެންމެ އަޅައިގަތީ، މެސީގެ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި މީޑީއާއިން ސިފަކުރާ ރޮނާލްޑޯގެ މެސެޖެވެ.
"ލިއޯ، ތިޔައީ އެތައް އަހަރެއް ވަންދެން ތިބާގެ ގައުމު ދިފާޢުކޮށް، އަބަދަށްދެމިގެންވާ ތާރީހެއް ބިނާކުރި ކުޅުންތެރިޔެއް. އާޖެންޓީނާއާ އެކު ތިބާ ހާސިލުކުރި ކަންކަމަށް އަހަރެންގެ ފުރިހަމަ އިހްތިރާމް އަދާކުރަން،" އިންސްޓްގްރާމްގައި ރޮނާލްޑޯ ލިޔެފައިވެ އެވެ.
އާޖެންޓީނާގެ ވެރިރަށް ބުއޭނޮސް އޭރީސްގައި އަންގާރަ ދުވަހުގެ ބެނިން އަތުން 3-0 އިން އާޖެންޓީނާ މޮޅުވި މެޗަކީ، އުމުރުން 39 އަހަރުގެ މެސީ ގައުމީ ޓީމަށް ކުޅުނު ފަހު މެޗެވެ. ވޯލްޑް ކަޕަށް ފަހު މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރި އެވެ. އޭނާ އަށް ޝަރަފުވެރިކަމާ އެކު ރިޓަޔާކުރުމުގެ ފުރުސަތު ދިނުމަށް އާޖެންޓީނާގެ އެފްއޭއިން ނިންމީ ބެނިންއާ ދެކޮޅަށް ކުޅުނު މެޗަށް، މެސީ ސްކޮޑަށް ނަގައިފަ އެވެ.
އެ މެޗަކީ އޭނާގެ ޤައުމީ ޓީމަށް ކުޅެދިން 208 ވަނަ މެޗެވެ. އަދި އެ މެޗުގައި ލަނޑު ޖަހައި، ގައުމީ ޓީމަށް އޭނާ ވަނީ 126 ވަނަ ލަނޑު ޖަހާފަ އެވެ.
ބާސެލޯނާގައި މެސީއާ އެކު 2003 ން 2008 އަށް ކުޅުނު ރޮނާލްޑީނިއޯ، މެސީ އަށް އިހްތރިރާމް އަދާކުރި މެސެޖްގައި މުހާތަބު ކުރީ "ކޮއްކޮ" އެއްގެ ގޮތުގަ އެވެ. ބާސެލޯނާގެ ބީ ޓީމުގައި ކުޅެމުން ދިޔަ މެސީ 2003 ގައި ސީނިއާ ޓީމަށް ޕްރޮމޯޓްކުރުމުގެ ރެކްރޫޓް މަރުހަލާ ކުރިއަށް ގެންދިޔައީ ރޮނާލްޑީނިއޯގެ ހިޔަނީގަ އެވެ.
"ކޮއްކޯ، ފުރަތަމަ ދުވަހުން ފެށިގެން ކަލޭގެ ތާރީހީ ދަތުރުގެ ބައެއްގައި ހިއްސާވެވުނުކަމީ އަހަންނަށް ލިބުނު މަބޮޑުއުފަލެއް! އަހަރެމެންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދީ، ފުޓްބޯޅައިގެ އުފާ އިންތިހާއަށް ހޯދައިދިން. ކަލޭގެ ނަން ވަނީ ތި ގައުމާއި މުޅި ދުނިޔޭގެ ތާރީހުގައި ރަންއަކުރުން ފެވިފައި. ކުޑައިރުގެ ހުވަފެން ހަގީޤަތަކަށް ހަދައި، ގައުމު ތަމްސީލުކޮށް ދުނިޔޭގެ ޗެމްޕިއަނުންނަށް ވުމުން ލިބުނު އުފާ އެނގޭނީ ހަމައެކަނި އަހަރެމެންނަށް،" ބްރެޒިލާ އެކު 2002 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ރޮނާލްޑީނިއޯ ލިޔެފައިވެ އެވެ.
"ކަލޭ ވަނީ ޤައުމީ ޓީމަށާއި ޤައުމަށްޓަކައި އެންމެ ފުރިހަމައަށް ޤުރުބާންވެފައި. އަހަންނަށް ކަލޭގެ އިޙްސާސްތައް ސާފުކޮށް އެނގޭ. އަދި އާއިލާއާ ގުޅުންހުރި ކަންކަމުގައި އަހަރެމެން އަލުން ވިސްނަންޖެހޭނެކަން އަހަންނަށް އެނގޭ... ކޮއްކޮއަށް. އަބަދުވެސް އެންމެ އުފާވެރި ގޮތްތަކަށް ވުމަށް އެދެން."
ހަ ވާލްޑް ކަޕެއްގައި ކުޅެ، 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވި ވާލްޑް ކަޕް ކާމިޔާބުކޮށް، 2014 އަދި 2026 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިން މެސީ، ގައުމީ ޓީމުން ރިޓަޔަރުކުރިކަން އިއުލާންކުރީ އޮގަސްޓް 31 ގައެވެ. އެއީ އޭނާގެ ބައްޕަ އަދި އޭޖެންޓް ހޯހޭ މެސީ ނިޔާވިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ.
މެސީ ވަނީ ކޮޕާ އެމެރިކާގެ ދެ މުބާރާތް ވެސް އާޖެންޓީނާ އަށް ކާމިޔާބުކޮށްދީފަ އެވެ.