އާޖެންޓީނާގެ ފުޓްބޯޅަ އައިކަން ލިއޮނެލް މެސީ، އޭނާގެ ބައިނަލްއަޤްވާމީ ކެރިއަރުގެ 208 ވަނަ އަދި އެންމެ ފަހު މެޗުގައި 126 ވަނަ ލަނޑު ޖަހައި، ޤައުމީ ޓީމަށް ނުހަނު އަސަރުން ފުރިގެންވީ އަލްވަދާޢެއް ކިޔައިފި އެވެ.

ވެރިރަށް ބުއެނޯސް އައިރެސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ބެނިންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކީ "ދަ ލާސްޓް ޓޭންގޯ" ގެ ނަމުން ނަންދެވިފައިވާ މެޗެކެވެ. މިއީ 21 އަހަރުގެ ދިގު ކެރިއަރަށްފަހު މެސީ އާޖެންޓީނާއަށް ކުޅެދިން އެންމެ ފަހު މެޗެވެ.

އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ކޮޕާ އެމެރިކާ ދެ ފަހަރު އަދި ވާލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. ވޯލްޑް ކަޕްގެ ފައިނަލަށް ދެ ފަހަރަށް ދަތުރުކުރި އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެސީ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން މެޗުގެ ތިންވަނަ ލަނޑު އާޖެންޓީނާ ޖަހައި ދީފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ނިކޮލަސް އޮޓަމެންޑީ އާއި ނިކޯ ޕާޒް ޖެހި ލަނޑުތަކަށް ފުރުޞަތު ތަނަވަސްކޮށްދީފަ އެވެ. މެޗު ނިމުނީ 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްގެންނެވެ.

މެޗަށް ފަހު ދަނޑު މެދުގައި ހުއްޓިގެން ހުރެ، ސަޕޯޓަރުންނާ މުހާތަބުކޮށް މެސީ ބުނީ އަބަދުވެސް އާޖެންޓީނާ ޓީމާ އެކު ދެމިހުންނަށް އޭނާ ބޭނުންވާ ކަމަށެވެ. 

"އަހަރެން އަބަދުވެސް އެނބުރި އަންނަން ބޭނުންވޭ. ސަބަބަކީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުމަކީ އިންސާނަކަށް ލިބޭނެ އެންމެ ރީތި، އެންމެ ބޮޑު އުފާ،" މެސީ ބުންޏެވެ. 

އޭނާ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހުމަކީ އޭނާ އެންމެ ދެރަވި ދުވަސްކަމަށެވެ. 

"މިއަދު މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ދެރަވެރި ދުވަސް. އެއީ ގައުމީ ޓީމަށް އަލްވަދާއު ކިޔަންޖެހުމުން. އަހަރެން ތިޔަ އެންމެން މަތިން ވަރަށް ހަނދާންވާނެ. ގައުމީ ޓީމުގެ ކުލަތައް ހިމާޔަތްކުރުން މަތިން ހަނދާންވާނެ. ނަމަވެސް ދެން އަހަރެން ހުންނާނީ ތިޔަބޭފުޅުންނާ އެކު، މި ކުޅުންތެރިންނަށް ސަޕޯޓްކުރަން،" މާޔޫސްވެފައި ހުރެ މެސީ ބުންޏެވެ. 

ޖޫން، ޖުލައިގައި ބޭއްވި ވޯލްޑް ކަޕަށް ފަހު މެސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ. ރާއްޖޭގަޑިން ރޭ ފަތިހު ކުޅުނު މެޗުގައި ކުޅެން މެސީ ނިންމީ އާޖެންޓީނާގެ އެފްއޭގެ އެދުމުގެމަތިން އޭނާ އަށް ވާދާއީ ޝަރަފުވެރި މެޗެއް ދިނުމުގެގޮތުންނެވެ. 

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކޮލޯނީ ބުނީ މެސީ އަށް ފަހު ވެސް އާޖެންޓީނާ އަށް ވަރުގަދަ ޓީމެއް އެކުލަވާލެވިދާނެ ކަމަށެވެ. އެކަމަކު މެސީގެ ކިބައިން ފެނުނު ޖާދޫ، ގައުމީ ޓީމަށް އަލަށް އަންނަ ކުޅުންތެރިންނަށް ނުދެއްކިދާނެ ކަމަށް ސްކޮލޯނީ ބުންޏެވެ. 

"އަލަށް އަންނަ ކުޅުންތެރިންނާއެކު އަހަރެމެންނަށް ވަރުގަދަ ޓީމެއް ބިނާކުރެވިދާނެ. ނަމަވެސް މެސީގެ ކިބައިން ފެނުނު ފަދަ ޖާދޫއެއް އަހަރެންގެ ހަޔާތުގައިވެސް އެހެން އެއްވެސް މީހެއްގެ ކިބައިން ނުދެކެން،" ސްކޮލޯނީ ބުންޏެވެ. 
މެސީ ބައިނަލްއަޤްވާމީ ކެރިއަރު ނިންމާލީ އާޖެންޓީނާއަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމާއެކުގަ އެވެ. އޭނާ ވަނީ ވާލްޑް ކަޕްގެ ހަ މުބާރާތެއްގައި 21 ލަނޑު ޖަހާފަ އެވެ. ގައުމީ ޓީމުން ރިޓަޔަރުކުރި ނަމަވެސް، އޭނާ ކްލަބް ފުޓްބޯޅައިގައި އެމެރިކާގެ އިންޓަ މިއާމީއަށް ކުޅުން ކުރިއަށްގެންދާނެ އެވެ.