ބެލޯ ހޮރަޒޯންޓާ (މާޗު 9) - ބްރެޒިލްގެ ކުރީގެ މަގުބޫލު ފުޓްބޯޅަ ކުޅުންތެރިޔާ ހަލްކް ވެސް ހިމެނިގެން ބޮޑު ހަމަނުޖެހުމެއް ހިނގި ފައިނަލް މެޗުގައި 23 ރަތް ކާޑު ދައްކައިފި އެވެ.

މި ހަމަނުޖެހުން ހިނގާފައި ވަނީ، ރޭ ކުޅުނު ބްރެޒިލްގެ މީނަސް ޒަރައިސް ސްޓޭޓްގެ އެއްވަނަ ޑިވިޝަން ފުޓްބޯޅަ ލީގުގެ ފައިނަލް މެޗުގެ ފަހު ވަގުތުކޮޅުގަ އެވެ.

އެތުލެޓިކޯ މިނެއިރޯ އާއި ކްރުޒެއިރޯ ބައްދަލުކުރި ފައިނަލް މެޗު ނިމެން ދިޔައީ 60 ވަނަ މިނިޓުގައި ކާމިޔާބު ކުރި ލަނޑަކުން 1-0 އިން ކްރުޒެއިރޯ ކުރީގައި އޮވެގެންނެވެ.

މެޗުގައި ހަމަނުޖެހުން ފެށުނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ މިނިޓު ވެސް ހަމަވި ފަހުން، ހަލްކް ކުޅެމުން އަންނަ އެތުލެޓިކޯގެ ކީޕަރު އެވަސަން، ކްރުޒެއިރޯގެ މިޑްފީލްޑަރު ކްރިސްޓިއަން ކޮއްޕާ ވައްޓާލައި، އޭނާގެ މޭމަތީގައި ކަކޫ ވިއްދުމުންނެވެ.

މިއާ އެކު، އެވަސަން އަށް އިދިކޮޅު ކުޅުންތެރިން ހަމަލާ ދޭން ފެށި އިރު، ދެ ޓީމުގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި ކުޅުންތެރިން އަދި ސްޓާފުން ވެސް މި ހަމަނުޖެހުމުގައި ބައިވެރިވެފައިވެ އެވެ.

ހަމަލާތަކުގައި އެތުލެޓިކޯގެ ކީޕަރު އެވަސަންގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފަ އެވެ.

އާއްމު ވެފައިވާ ވީޑިއޯތަކުން، ހަލްކް ވެސް އިދިކޮޅު ކުޅުންތެރިންނަށް ހަމަލާ ދޭތަން ފެނެއެވެ.

"މިއީ ހިތާމަ ކުރާވަރު ކަމެއް. އަހަރެމެންނަށް ރަނގަޅު ނަމޫނާ ނުދެއްކި  މި ދިޔައީ، މުޅި ދުނިޔެއަށް މި މަންޒަރު ފެންނާނެ،" ކުޅުންތެރިންގެ ގޮތުގައި އެންމެ ރަނގަޅަށް ޒިންމާ އަދާ ނުކުރެވުނުކަން ހާމަ ކުރަމުން ހަލްކް ބުންޏެވެ.

ހަލްކް، އިދިކޮޅު ކުޅުންތެރިއަކަށް ހަމަލާ ދެނީ.--
ހަލްކް، އިދިކޮޅު ކުޅުންތެރިއަކަށް ހަމަލާ ދެނީ.--

ހަމަނުޖެހުން ހުއްޓުވީ ސެކިއުރިޓީ ސްޓާފުންގެ އިތުރުން މިލިޓަރީ ސިފައިން ދަނޑަށް އަރައިގެންނެވެ.

ހަމަނުޖެހުންތަކާ ގުޅިގެން މެޗު އޮފިޝަލުންގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅިގެން ދިޔައިރު، ހަމަނުޖެހުންތައް މައިތިރި ކުރުމަށް ފަހު، ކްރުޒެއިރޯގެ 12 ކުޅުންތެރިއަކާއި އެތުލެޓިކޯގެ 11 ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ.

މީގެ ތެރޭގައި ކްރުޒެއިރޯ އަށް ގޯލު ޖަހައިދިން އަދި ލީގުގެ ޓޮޕް ސްކޯރާ ކަޔޯ ޖޯޖްގެ އިތުރުން، އެތުލެޓިކޯގެ ހަލްކާއި އެ ޓީމަށް ކުޅެމުން އަންނަ ކުރީގެ އެތުލެޓިކޯ މެޑްރިޑާއި ނޮޓްނަމް ފޮރެސްޓްގެ ފުލްބެކް ރެނާން ލޮޑީ ވެސް ހިމެނެ އެވެ.

މިއީ ބްރެޒިލް ފުޓްބޯޅައިގައި ރެކޯޑެކެވެ. މީގެ ކުރިން ރެކޯޑް އަދަދަކަށް ބްރެޒިލް ފުޓްބޯޅައިގައި ރަތް ކާޑު ދައްކާފައި ވަނީ 1954 ގައި ޕޯޗުގީޒާ އާއި ބޮޓަފޮގޯ ބައްދަލުކުރި މެޗެއްގަ އެވެ. އެ މެޗުގައި 22 ރަތް ކާޑު ދައްކާފައިވެ އެވެ.

ހަމަނުޖެހުންތަކަށް ފަހު މީނަސް ޒަރައިސް ސްޓޭޓްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މެޗު ނިމުނު ނަތީޖާއިން ކްރުޒެއިރޯ މޮޅުވީ ކަމަށް ބަލައި އެ ޓީމަށް ޗެމްޕިއަން ޓްރޮފީ ހަވާލު ކޮށްފަ އެވެ.

ބްރެޒިލްގެ އެއްވަނަ ޑިވިޝަން ލީގުގައި އެތުލެޓިކޯ މިނެއިރޯ އާއި ކްރުޒެއިރޯ އަށް ވެސް މި ސީޒަންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އަދި މޮޅެއް ހޯދިފައެއް ނުވެ އެވެ.