އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެ އެވެ.
އެންމެ ފަހުގެ ރަނަރަޕް މެންޗެސްޓާ ސިޓީ ވަނީ ހަތް ފަހަރު އެފްއޭ ކަޕް ތަށި އުފުލާލައިފަ އެވެ. ސިޓީ އެންމެ ފަހުން ޗެމްޕިއަންކަން ހޯދާފައި ވަނީ 2023 ގަ އެވެ. މިހާތަނަށް އަށް ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ ލިވަޕޫލް އެންމެ ފަހުން ތަށި ނެގީ 2022 ގަ އެވެ.
ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާ ބަންދުގަ އެވެ. ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ކުޅޭނީ ސިޓީގެ ދަނޑުގަ އެވެ.
މިދިޔަ ސީޒަނުގައި ލިވަޕޫލާ ހަވާލުވި ކޯޗު އާނޭ ސްލޮޓް ވަނީ، މިދިޔަ ސީޒަންގެ ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މި ސީޒަންގައި ޕެޕް ގާޑިއޯލާ ވަނީ ލީގުގައި ދެ ފަހަރު ވެސް ސްލޮޓްގެ ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މިއީ އިންގްލެންޑުގައި ކަޕް މުބާރާތެއްގައި ސްލޮޓް އަދި ގާޑިއޯލާ ކުރިމަތިލާ ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ސިޓީ ބަލިކޮށް ޗެމްޕިއަންކަން ހޯދި ކްރިސްޓަލް ޕެލަސް ވަނީ މުބާރާތުގެ ތިން ވަނަ ބުރުގައި، ހަވަނަ ޑިވިޝަން ކުޅޭ މެކްލެސްފީލްޑް އަތުން ބަލިވެގެން ކަޓައިފަ އެވެ.
ކުއާޓާގެ ގުރު ނެގީ، ހަތަރު ވަނަ ބުރުގައި ހަނި ގޮތަކަށް މެކްލެސްފީލްޑް ބަލިކުރި ބްރެންޓްފޯޑް، ފަސް ވަނަ ބުރުގެ ފަހު މެޗުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންނެވެ. ބްރެންޓްފޯޑާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު 2-2 އިން އެއްވަރު ވެގެން ޕެނަލްޓީގައި 5-3 އިން ކުރި ހޯދައިގެން ކުއާޓާ އަށް ދަތުރު ކުރީ ވެސްޓް ހޭމް އެވެ.
ކުއާޓާ ފައިނަލްގައި ވެސްޓް ހޭމް އަމިއްލަ ދަނޑުގައި ނުކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ. ލީޑްސް ކުއާޓާގެ ޖާގަ ހޯދީ ފަސް ވަނަ ބުރުގެ މެޗުގައި 3-0 އިން ނޮރިޗް ސިޓީ ބަލި ކޮށްގެންނެވެ.
ކުއާޓާ ފައިނަލުން ޖާގަ ހޯދި، ރޭންކިންގެ ގޮތުން އެންމެ ދަށް ޓީމަކީ އިނގިރޭސި ތިން ވަނަ ޑިވިޝަން ކަމަށްވާ ލީގު ވަންގެ ޕޯޓް ވެއިލް އެވެ.
މިދިޔަ ސީޒަންގައި ލީގް ޓޫޫ އިން ޕްރޮމޯޝަން ހޯދި ޕޯޓް ވެއިލް މިވަގުތު އޮތީ ލީގް ވަންގެ އެންމެ ފުލުގަ އެވެ. ނަމަވެސް އެ ޓީމު ވަނީ ފަސްވަ ނަ ބުރުގެ މެޗުގައި ޕްރިމިއާ ލީގުގެ ސަންޑަލެންޑް 1-0 އިން ބަލި ކޮށްފަ އެވެ. ޕޯޓް ވެއިލް ކުއާޓާގައި ނުކުންނާނީ ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށެވެ.
އެފްއޭ ކަޕްގެ އެންމެ ކާމިޔާބު އާސެނަލް ކުއާޓާ ފައިނަލްގައި ވާދަ ކުރަން ޖެހެނީ، ރަށުން ބޭރުގައި ސައުތެމްޓަންއާ އެވެ. މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ސައުތެމްޓަން ކުއާޓާ އަށް ދަތުރު ކުރީ، ފަސް ވަނަ ބުރުގައި ފުލަމްއާ ވާދަކުރި މެޗުގެ އެންމެ ފަހު ވަގުތު ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން 1-0 އިން މޮޅުވެގެންނެވެ.