ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑްގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިފި އެވެ.
އަނިޔާގެ އެކި މައްސަލަތަކާ ގައުމީ ޓީމާ ދުރުގައި ހުރި ދަގަނޑޭ، ގައުމީ ޖޯޒީގައި އެންމެ ފަހުން މެޗެއް ކުޅުނީ ޑިސެމްބަރު 2022 ގައި ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ކުޅުނު އެކުވެރި ކަމުގެ މެޗުގަ އެވެ.
އޭރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ބެލުމުގެދަށުން ކުޅުނު އެ މެޗަށް ފަހު އޭނާ ހުރީ ގައުމީ ޓީމާ ދުރުގަ އެވެ. އޭނާގެ ކަކުލަށް ކުރިމަތިވި އަނިޔާ އަށް ގިނަ ދުވަސްތަކެއް ވީ ފަހުން އޮޕަރޭޝަން ކުރީ މިދިޔަ އަހަރު އެވެ.
މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅެން ސޮއި ކުރި ދަގަނޑޭ ސީޒަންގެ ބޮޑު ބައެއް ހޭދަކުރީ އަނިޔާއިން ރިކަވާވުމުގެ މަރުހަލާގަ އެވެ. އެ ޓީމުގެ ޖޯޒީގައި އޭނާ ކުޅެން ނުކުތީ ދިވެހި ޕްރިމިއާ ލީގުގެ ފަހުކޮޅުން ފެށިގެންނެވެ. އެނބުރި ކުޅެން ނުކުމެ އޭނާ ވަނީ އަލުން ކުރީގެ ފޯމަށް އެނބުރި އަންނަން މަސައްކަތް ކުރަމުންނެވެ.
އުމުރުން މިހާރު 40 އަހަރުގައި ވެސް އޭނާ ފެންނަނީ ޓީމުގެ އެޓޭކުގައި ތޫނުފިލި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ކުޅެން ނުކުންނަ ހިސާބުން ނިއުގެ ހަމަލާތައް ވަރުގަދަ ވެސް ކުރެ އެވެ.
އޭނާ އެނބުރި އައުމުން ސަޕޯޓަރުންނަށް ވަނީ ހިތްހަމަޖެހުމެއް ލިބިފަ އެވެ.
"ދަގަނޑޭ އަކީ ހަމައެކަނި ކުޅުންތެރިއެއް ނޫން، އޭނާއަކީ ދިވެހި ފުޓްބޯޅައިގެ ރޫހު. އޭނާ އެނބުރި އައުމަކީ މުޅި ޓީމުގެ މޮރާލް މަތިވާނެ ކަމެއް." ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި ސަޕޯޓަރު ބުންޏެވެ.
ގައުމީ ޓީމަށް ކުރިއަށް އޮތީ އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ. މިއީ ސީނިއާ ޓީމާ އެކު ތިންވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރާ އުރުބާނީގެ އާ ފެށުމުގެ ފުރަތަމަ މެޗެވެ.
ރާއްޖޭގައި މި މަހު ފަށާ ސާފް 20 އަހަރުންދަށުގެ މުބާރާތުގައި ވެސް ޒުވާން ޓީމަށް ކޯޗުކޮށް ދޭނީ އުރްބާނީ އެވެ.
ޓިމޯ ލެސްޓޭއާ ރާއްޖޭގެ މެޗު އޮންނާނީ ގައުމީ ފުޓްބޯޅަ ދަނޑުގައި މި މަހު 31 ގެ ހަވީރު އެވެ.