ލިވަޕޫލް މިވަރުން ދާނަމަ ޔޫއެފާގެ އެންމެ ދަށްފަންތީގެ މުބާރާތް ކޮންފަރެންސް ލީގުން ޖާގައެއް ލިބުނަސް ރަނގަޅު ކަމަށް މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލާއި ބުނެފި އެވެ.

ޓޮޓްނަމް ހޮޓްސްޕާސް އާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުން މޮޅު ނުވެވުމުން ލިވަޕޫލަށް ވަނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިފަ އެވެ.

މެޗު އެއްވަރުވީ 1-1 އިންނެވެ. އެންފީލްޑްގައި ކުޅުނު މި މެޗުގައި ސޮބޮސްލާއިގެ ހިތްގައިމު ހިލޭ ޖެހުމަކުން ލިވަޕޫލް ކުރި ހޯދި އެވެ. ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ރިޗާލިސަން ވަނީ ލަނޑެއް ޖަހައި ސްޕާސް ސަލާމަތްކޮށް ދީފަ އެވެ.

މެޗަށް ފަހު ސްކައި ސްޕޯޓްސްއާ ވާހަކަދައްކަމުން ސޮބޮސްލާއި ބުނީ މިއީ ވަރަށް ބޮޑަށް މާޔޫސްވި ނަތީޖާއެއް ކަމަށެވެ. މިހާރު ލިވަޕޫލުން "ހޭލަން" ވެއްޖެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ހުރީ ވަރަށް މާޔޫސްވެފައި. އަހަރެމެން ހޭލަން އެބަޖެހޭ. މިގޮތަށް ކަންތައްތައް ކުރިއަށްދާނަމަ، ކޮންފަރެންސް ލީގުން ޖާގައެއް ލިބުނަސް އަހަރެމެން ޖެހޭނީ އުފާކުރަން،" ހަންގޭރީގެ ކެޕްޓަން ބުންޏެވެ.

މެޗު ނިމުމުން ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ޓީމަށް ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފަ އެވެ. އެކަމާ ގުޅިގެން ސޮބޮސްލާއި ބުނީ ސަޕޯޓަރުންގެ މާޔޫސްކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މިފަދަ އުނދަގޫ ވަގުތެއްގައި ޓީމާ އެކު ތިބުމަށް ސަޕޯޓަރުންނަށް އޭނާ އިލްތިމާސް ކުރި އެވެ.

ލިވަޕޫލްގެ ކޯޗު އާނޭ ސލޮޓް ވެސް ވަނީ ސަޕޯޓަރުންގެ ނުރުހުން ބަލައިގަންނަ ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ފަހު މިނެޓުގައި ގޯލު ވަދެ، ޕޮއިންޓް ގެއްލުމަކީ ސަޕޯޓަރުންނަށް ކެތްކުރަން އުނދަގޫވާނެ ކަމެކެވެ.

"މިހާރު އޮތީ މި ލިބުނު މާޔޫސްކަން ބަދަލުކޮށްލަން މަސައްކަތް ކުރުން. [އެއީ] ބުދަ ދުވަހު ގަލަޓަސަރާއީއާ ދެކޮޅަށް ކުޅޭ މެޗުގައި ވަރުގަދަ ކުޅުމެއް ދެއްކުން،" ސލޮޓް ބުންޏެވެ.

ލިވަޕޫލް މިހާރު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. އެ ޓީމު ދެން އެންމެ އަވަހަށް ކުޅޭނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ތުރުކީގެ ގަލަޓަސަރާއީއާ އެވެ. ފުރަތަމަ ލެގުން ލިވަޕޫލް ވަނީ 1-0 އިން ބަލިވެފަ އެވެ.