202އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ފައިނަލް މެޗުގެ ނަތީޖާ ބަދަލުކޮށް، މޮރޮކޯއަކީ 3-0 އިން މެޗު ކާމިޔާބުކުރި ޓީމު ކަމަށް އެފްރިކާގެ ފުޓްބޯޅަ ފެޑަރޭޝަން (ކާފް) އިން

ނިންމައިފިއެވެ. މިދިޔަ ޖެނުއަރީ 18 ގައި ކުޅުނު ފައިނަލް މެޗު 1-0 އިން ކާމިޔާބުކޮށް ސެނެގާލުން ތަށި އުފުލައިލި ނަމަވެސް، މެޗު ނިމުނުތާ 57 ދުވަސް ފަހުން ކާފްގެ އެޕީލް ބޯޑުން ވަނީ ސެނެގާލް ބަލިވިކަމަށް ކަނޑައަޅާފަ އެވެ.

މި ނިންމުން ނިންމީ މެޗުގެ ތެރޭގައި ރެފްރީގެ ނިންމުމަކާ ހިތްހަމަނުޖެހިގެން ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި މޮރޮކޯއިން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ސެނެގާލްގެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް، މޮރޮކޯ އަށް ޕެނަލްޓީއެއް ދިނުމުން ސެނެގާލްގެ ކޯޗު ޕާޕޭ ތިއޯގެ އިރުޝާދުގެ ދަށުން ކުޅުންތެރިން ވަނީ ދަނޑުން ފައިބައިގެން ގޮސްފަ އެވެ. މެޗު ކުރިއަށް ނުގެންދެވި 15 މިނެޓަށް ވުރެ ގިނަ އިރުވަންދެން ސެނެގާލްގެ ކުޅުންތެރިން ތިބީ ދަނޑުން ބޭރުގަ އެވެ.

ކާފްގެ ގަވާއިދުގެ 82 ވަނަ މާއްދާ ބުނާގޮތުން، ރެފްރީގެ ހުއްދަނެތި މެޗު ނިމުމުގެ ކުރިން ދަނޑުން ފައިބައިފިނަމަ އެ ޓީމެއް ބަލިވީ ކަމަށް ބަލާނެއެވެ. މައްސަލައިގައި މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ، އެމީހުންގެ މަގްސަދަކީ އެހެން ޓީމެއްގެ ކުޅުމަށް ގޮންޖެހުން ނޫން ކަމަށެވެ.

"އެދެނީ މުބާރާތުގެ ގަވާއިދުތައް ތަންފީޒު ކުރުމަށް،" މޮރޮކޯގެ އެފްއޭއިން ބުންޏެވެ.

މޮރޮކޯގެ ކުރީގެ ކޯޗު ރެގްރާގީ ބުނީ ސެނެގާލުން އަމަލުކުރި ގޮތުން އެފްރިކާގެ ފުޓްބޯޅައިގައި ޖެހުނީ ލަދުވެތި އަދި ހުތުރު ސިފައެއް ކަމަށެވެ.

ކާފްގެ ނިންމުމާ އެކު ސެނެގާލްގެ ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ކާފް އަށް ފާޑުކިޔާފަ އެވެ.

"އަދި ތިން ގޯލު އިތުރުކޮށްލާ، ރޮއި ހޭރޭ މީހުންނަށް ހަދިޔާއަކަށް،" ސެނެގާލްގެ މިޑްފީލްޑަރު ޕަތީ އިސްމާއީލް ސީސް ސޯޝަލް މީޑީއާގައި ބުނެފައި ވެއެވެ.

މުބާރާތް ބޭއްވި މޮރޮކޯގައި ފައިނަލު މެޗާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި ސެނެގާލްގެ ބައެއް ސަޕޯޓަރުން މޮރޮކޯގައި ޖަލަށްލުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވެސް ގުޅުން ވަނީ ގޯސްވެފަ އެވެ. ނެވެ.

ސެނެގާލްގެ ރައީސް އުސްމާން ސޮންކޯ ވިދާޅުވީ، މިއީ ކުޅިވަރުގެ އިންތަކުން ބޭރުވެފައިވާ ނިންމުމެއް ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމަށް ބަލާއިރު ކަންކަން މިހާ ހިސާބަށް ދާންނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކާފްގެ ނިންމުން އިސްތިއުނާފު ކުރަން ކުޅިވަރުގެ އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހެޅުމުގެ ފުރުސަތު ސެނަގާލަށް އެބައޮތެވެ.