އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ކާމިޔާބުކޮށް ސެނެގާލުން ހޯދި ތަށި އަތުލައި، އެ ތަށި މޮރޮކޯއަށް ދިން މައްސަލަ ސެނެގާލުން ކުޅިވަރު އާބީޓްރޭޝަން ކޯޓް (ކާސް) ގައި އިސްތިއުނާފު ކޮށްފިއެވެ.
ޖެނުއަރީ 18 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގެ ތެރެއިން މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމުން، އެކަމާ އިހުތިޖާޖުކޮށް ސެނެގާލްގެ ބައެއް ކުޅުންތެރިން ދަނޑުން ފޭބިއެވެ. ނަމަވެސް ފަހުން ކުޅުން ކުރިއަށް ގެންގޮސް، އިތުރު ވަގުތުގެ ތެރޭގައި 1-0 އިން މެޗު ކާމިޔާބުކޮށް ތަށި އުފުލާލީ ސެނެގާލުންނެވެ.
މުބާރާތަށް ފަހު މޮރޮކޯއިން ހުށަހެޅި މައްސަލައަކާ ގުޅިގެންއެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ކަފް) އިން ނިންމީ ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބުމަކީ މުބާރާތުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ އެ ޓީމު ބަލިވި ކަމަށް ނިންމައި ފައިނަލުގައި ކުޅުނު މޮރޮކޯ އަށް ތަށި ދޭން މި މަހު ނިންމި އެވެ.
ސެނެގާލުން ކާސް އަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ކާފްގެ ނިންމުން ބާތިލުކޮށްދިނުމަށެވެ. އަދި އެ ގައުމަކީ މުބާރާތުގެ ޗެމްޕިއަން ޓީމު ކަމަށް އަލުން ކަނޑައަޅައިދިނުމަށް ވެސް އެދިފައި ވެއެވެ.
ސްވިޒަލޭންޑްގައި ހުންނަ ކުޅިވަރުގެ އެންމެ މަތީ ކޯޓުން ވަނީ ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން މި މައްސަލަ ހުށަހަޅާފައިވާކަން އިއްޔެ ކަށަވަރުކޮށްދީފަ އެވެ.