އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ޗެމްޕިއަނަކީ މޮރޮކޯކަމަށް އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކާފް) އިން ކަނޑައެޅި ނަމަވެސް ސެނެގާލުން ތައްޓާ އެކު އުފާފާޅު ކުރުމުގެ ޕެރޭޑެއް ރޭ ބާއްވައިފި އެވެ. 

މިއަހަރުގެ ޖެނުއަރީ މަހު ކުޅުނު  ފައިނަލް މެޗުގެ ބޮޑު ކަންތައްގަނޑަށް މޮރޮކޯ ބަލިކޮށް ސެނެގާލުން ތަށި އުފުލާލި އެވެ.

ފައިނަލް މެޗުގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމުން، އެކަމާ ހިތްހަމަނުޖެހި ސެނެގާލްގެ ބައެއް ކުޅުންތެރިން ވަނީ 14 މިނެޓަށް ކުޅުން ހުއްޓާލައި ދަނޑުން ފައިބައިފަ އެވެ. ފަހުން ކުޅުން ކުރިއަށް ގެންގޮސް ސެނެގާލް މޮޅުވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެ 1-0 ންނެވެ. 

މުބާރާތް ނިމުނުތާ ގާތްގަނޑަކަށް ދެމަސް ފަހުން، ކާފްއިން ވަނީ ސެނގާލްގެ މައްސަލަ ބަލައި މޮރޮކޯއަކީ ޗެމްޕިއަނުންގެ ގޮތުގައި ކަނޑައަޅާފަ އެވެ. ނަމަވެސް، މި ނިންމުމަށް ގޮންޖަހައި ސެނެގާލް ޓީމުން ވަނީ ފްރާންސްގެ ޕެރިހުގައި ޕެރޫއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން އެފްކޯން ތަށި ދައްކާލުމުގެ ހަރަކާތެއް ބާއްވާފަ އެވެ.

ފްރާންސްގެ ގައުމީ ސްޓޭޑިއަމްގައި ބޭއްވި މި ހަރަކާތުގައި ސެނެގާލްގެ ކެޕްޓަން ކަލިދޫ ކުލިބާލީ އާއި ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ ތަށި ހިފައިގެން ދަނޑު ވަށައި ބުރުޖަހައި ޕެރޭޑް ބާއްވާފަ އެވެ. 

ސެނެގާލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އަބްދުުލްއަޒީޒް ފާލް ހުންނެވި ރޮސްޓޮރަމް ބޮކްސްގެ ކުރިމައްޗަށް ވެސް ތަށި ގެންދިޔަ އެވެ.  

 ޕެރިހުގައި ބޭއްވި މި ތަށި ދައްކާލުމުގެ ހަރަކާތަށް 70،000 އެއްހާ ސަޕޯޓަރުން ޖަމާވި އެވެ. މިއީ އެފްކޯން މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދިޔަ ކަމެކެވެ.

ކާފްގެ ނިންމުމާ މެދު ހިތްހަމަނުޖެހި ސެނެގާލް ސަރުކާރުން ވަނީ ކޮރަޕްޝަނުގެ ތުހުމަތު ވެސް ކޮށްފަ އެވެ. އަދި އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ވަނީ، ކާފްގެ ނިންމުން ބާތިލު ކުރުމަށް، ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް މައްސަލަ ހުށަހަޅައިފަ އެވެ.